ޔޯގާ ދުވަހުގެ ހަރަކާތާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި 2 ދީނީ އިލްމުވެރިން ނުހައްގުން ހައްޔަރުކޮށްފައިވާތީ އެކަމާ ނުރުހުން ފާޅުކުރައްވައި މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ޝެއިޚް ސަމީރު ހޯމް މިނިސްޓަރަށް ރައްދު ދެއްވާފައި މިވަނީ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ވުރެ ބޮޑަށް ދީނަށް ޚިދުމަތްކުރި ބަޔަކު މިރާއްޖޭގައި ނެތްކަމަށް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެން އެވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ބަޔަކަށް ގަބޫލުކުރެވުނަސް ނުކުރެވުނަސް، ވޭތުވެދިޔަ ތިން އަހަރާ ބަޔަށް ބެލިޔަސް، ނޫނީ 2005 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބެލިޔަސް އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ވުރެ ބޮޑަށް ދީނަށް ޚިދުމަތްކުރި ޕާޓީއެއް ވިޔަސް ނުވަތަ ޖަމާއަތެއް ވިޔަސް މި ރާއްޖޭގައި ނެތް ކަމަށް މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

އަދި، އަދާލަތު ޕާޓީ އުފެއްދީ ދިވެހިރާއްޖޭގައި ފަނޑުވަމުންދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލްތައް ނެގެހެއްޓުމަށް ކަމަށާ، އެ ޒިންމާ އަދާކުރުމުގައި ޕާޓީ ދެމިއޮންނާނެ ކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވެފައި ވެއެވެ.

މިވާޙަކަތަކަށް ރައްދު ދެއްވައި ޝެއިޚް ސަމީރު ވިދާޅުވީ، ޔޯގާ ދުވަހުގެ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި 2 ދީނީ އިލްމުވެރިން ކަމުގައިވާ ޝެއިޚް ނިޝާން އަދި ޝެއިޚް ފަޟްލޫންގެ ބަންދުގެ މުއްދަތު ހައްގަކާ ނުލައި ދިގުކޮށް ދެމެހެއްޓުމަށް ކޯޓުގައި ތަކުރާރުކޮށް އެދެމުން ދިޔުމަކީ ހޯމް މިނިސްޓަރަކަށް ދީނީ އިލްމުވެރިއަކު ހުންނަވައިގެން ކުރައްވަން ހުތުރުކަންބޮޑުވެގެންވާ ކަމެއް ކަމަށެވެ.

އަދި އެކަމަކީ ޔޯގާ ފެތުރުމަށް ގަދަ ބާރު ދައްކަމުންދާ ބޭރުގައުމެއްގެ ނުފޫޒުން ކުރާ ކަމެއް ކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.

ޝެއިޚް ސަމީރަކީ ގައުމުގައި ހިނގާ ކަންކަމާމެދު ސިޔާސީ ބެފުޅުންނަށް ފާޑުވިދާޅުވެ ވާހަކަދައްކަވާ ބޭފުޅެއް ނޫނެވެ. ނަމަވެސް ދީނީ މައްސަލަތަކުގައި ކަން އޮތްގޮތް ބަޔާން ކޮށްދެއްވާ މުންކަރާތްތައް ހުއްޓުވަން ވަރުގަދައަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.

ޝެއިޚްގެ މި ޓްވީޓަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.

ޔޯގާ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި 2 އިލްމުވެރިން ހައްޔަރުކޮށްފައިވަނީ ޖޫންމަހުގެ 23 ވަނަ ދުވަހުއެވެ. އޭގެފަހުން، ދެފަހަރެއްގެ މަތީން ޝައިހް އާދަމް ނިޝާނާއި ޝައިހް ފަޟްލޫންގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްފައި ވެއެވެ.