މާލެ އަތޮޅު ރަށެއްގައި ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާއަށް އެރަށު މީހުން އަނިޔާކޮށްފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ކާފު އަތޮޅު ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިއަދު އިރުއޮއްސި 18:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އަދި މިމައްސަލާގައި ތުހުމަތު ކުރެވޭ މީހާއަށް ބަޔަކު ހަމަލާދީ އަނިޔާކުރާތީ އެކަން ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށާއި، އެކަމުގެތެރޭގައި އެމީހުން ފުލުހުންނަށްވެސް ހަމަލާ ދިނުމުގެ ސަބަބުން ބައެއް ފުލުހުންނަށް އަނިޔާވެފައިވާ ކަމަށް ފުލުހުންގެ މުއައްސަސާއިން މައުލޫމާތު ދެއެވެ.

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

"ވީނިއުސް" އެނގިފައިވާ ގޮތުގައި އޭނާއަށް އެރަށު ހެލްތު ސެންޓަރުގައި ފަރުވާ ދެމުން ދަނިކޮށް ރަށު ބަޔަކު ވަނީ ހެލްތު ސެންޓަރުން ކަރަންޓް ކަނޑާލުމަށްފަހު ހެލްތު ސެންޓަރަށް ވަދެ އަލުން ހަމަލާދޭން މަސައްކަތް ކޮށްފައެވެ.

ފުލުހުން ބުނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ އިތުރުން، ފުލުހުންނަށާއި ތުހުމަތުކުރެވޭ މީހާއަށް ހަމަލާދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.