ބަޔަކު ކިތަންމެ ނުރުހުނަސް އަދާލަތު ޕާޓީ އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫންކަމަށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ.

އިމްރާން ކުރެެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމް ދީނުގެ ފުރިހަމަ މަފްހޫމުގައި ސިޔާސީ މަސައްކަތުގައި އަދާލަތު ޕާޓީ ދާނީ ކުރިޔަށްކަމަށެވެ. އަދި ބަޔަކު ކިތަންމެ ނުރުހުނަސް އަދާލަތު އޮތީ ކުޑަކޮށްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫންކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވާއިރު، މިިނިސްޓަރު އިމްރާން ވަނީ މީގެކުރިންވެސް މިފަދަ ޓްވީޓްތަކެއް ކުރައްވާފައެވެ.

އެގޮތުން، އިމްރާން ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދާލަތު ޕާޓީ އުފެއްދީ، ދިވެހި ރާއްޖޭގައި ފަނޑުވަމުން ދިޔަ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ނެގެހެއްޓުމަށްކަމަށެވެ. އަދި އަދާލަތު ޕާޓީ އަބަދުވެސް ދެމި އޮންނާނީވެސް އެ ޒިންމާ އަދާކުރުމުގައިކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުންވެސް ހަގީގަތަކީ ބަޔަކަށް ގަބޫލުކުރެވުނަސް، އަދި ނުކުރެވުނަސް ވޭތުވެދިޔަ ތިން އަހަރާއި ބަޔަށް ބެލިއަސް، ނޫނީ 2005އިން ފެށިގެން މިހާތަަނަށް ބެލިއަސް އަދާލަތު ޕާޓީގެ އިލްމުވެރިންނަށް ވުރެ ބޮޑަށް ދީނަށް ހިދުމަތްކުރި ޕާޓީއެއް ވިއަސް ނުވަތަ ޖަމާއަތެއް ވިއަސް މި ރާއްޖޭގައި ނެތްކަންކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

އިމްރާން މިފަދައިން ޓްވީޓްތަކެއް ކުރައްވާފައިވާއިރު، ރާއްޖޭގައި އިސްލާމް ދީނާއި ހިލާފު އެތައް ކަމެއް، ފާޅުކަން ބޮޑު ގޮތެއްގައި ހިންގަމުންދާއިރުވެސް، ސަރުކާރުން އެކަމާއި ފިޔަވަޅު ނާޅާތީ ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.