ސްރީލަންކާގެ އައު ރައީސް އިންތިޚާބު ކުރުމަށް ޕާލަމެންޓުގައި ނަގާ ވޯޓުގައި ތާއީދު ދޭނީ އެކްޓިންގ ރައީސް ރަނިލް ވިކްރަމަސިންހައަށް ކަމަށް، ޕާލަމެންޓްގައި ބޮޑު ހިއްސާއެއް އޮންނަ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ޕާޓީން ބުނެފިއެވެ.

ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ ފަރާތުން މިކަން އިއުލާން ކުރެއްވީ، އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ސަގަރާއެވެ.

އަންނަ ހަފްތާގައި ސްރީލަންކާގެ ޕާލަމެންޓުން ރައީސަކު އިންތިޚާބު ކުރަންދެން ރަނިލް ވިކްރަމަސިންހަ މިއަދުވަނީ އެކްޓިންގ ރައީސްކަމުގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައި ގެންފައެވެ.

އެކްޓިންގ ރައީސްކަމުގެ ހުވާ ރަނިލް މިކުރެއްވީ، ސްރީލަންކާގެ ރައީސްކަމުގައި ހުންނެވި ގޮޓަބާޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ރައީސްކަމުގެ މަގާމަށް ޕާލަމެންޓުން ބޭފުޅަކު އިންތިޚާބު ކުރާނީ، މިހާރު ހިނގަމުންދާ ރައީސްކަމުގެ ދައުރުގެ ބާކީއޮތް މުއްދަތަށެވެ.

އެގޮތުން، ރައީސްކަމަށް ބޭފުޅަކު އިންތިޚާބު ކުރުމުގެ މަސައްކަތްތަކަށް ސްރީލަންކާގެ ޕާލަމެންޓް މާދަމާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްކަމަށް ރަނިލް ވިކްރަމަސިންހަ ވާދަކުރައްވާނެކަން މިހާރު ކަށަވަރު ވާއިރު، ނަންތައް ހުށަހެޅުން އޮންނާނީ މިމަހުގެ 18 ވަނަ ދުވަހު ބާއްވާ ޖަލްސާގައެވެ. އަދި އިންތިޚާބު އޮންނާނީ ޖުލައި 20 ގައެވެ.

ރަނިލްގެ އިތުރުން، ސްރީލަންކާގެ އިދިކޮޅު އެންމެބޮޑު ޕާޓީގެ ފަރާތުން އެޕާޓީގެ ލީޑަރު ސާޖިތު ޕްރެމަދާސާ ވާދަކުރައްވާނެކަން އިއުލާން ކޮށްފައި ވާއިރު، ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ ޑުލަސް އަލަހައްޕަރުމާވެސް ވަނީ ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ ޕާޓީގެ ޗެއަރމަން ޕްރޮފެސަރ ޖީއެލް ޕީރީސް ވިދާޅުވީ، ބޭރު މީހަކަށް ތާއީދު ކުރުމުގެ ބަދަލުގައި ޕާޓީން ވޯޓު ދޭންވާނީ އެ ޕާޓީގެ ކެންޑިޑޭޓް ޑުލަސްއަށް ކަމަށެވެ. ޕާލަމެންޓްގައި ގިނަ ގޮނޑި ލިބިފައިވަނީ އެސްއެލްޕީޕީއަށް ކަމުން އެޕާޓީން ވާދަކުރައްވާ ކެންޑިޑޭޓަކަށް ކާމިޔާބު ލިބޭނޭކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ޖީއެލް ޕީރީސް ވިދާޅުވީ، ރަނިލްއަށް ތާއީދުކުރަން އެސްއެލްޕީޕީން ނިންމިކަމަށް ސެކްރެޓަރީ ޖެނެރަލް އިއުލާން ކުރެއްވި ނަމަވެސް، އެއީ މުޅި ޕާޓީގެ ނިންމުން ނޫން ކަމަށެވެ.

ސްރީލަންކާގެ ވެރިކަމުގެ ނިޒާމު މިހާރު އޮތްގޮތުން ސަރުކާރު ހިންގުމުގެ ބޮޑެތި ބާރުތައް އޮންނަނީ ރައީސަށެވެ.