ރަސްފަރު އަލުން އިޔާދަ ކުރުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.
ކ.ރަސްފަރި ފަރަށް އާގު ބޯޓެއް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުމުގެ ބަދަލާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވީ ޖޫރިމަނާގެ ފައިސާތައް ދައުލަތަށް ލިބޭ ކަމަށާއި އެ ފައިސާތަކުން ފަރުތަކަށް ލިބޭ ގެއްލުންތައް ކުޑަ ކުޑަކުރުމަށް ހޭދަކުރާ ކަމަށެވެ.
އެގޮތުން ރަސްފަރި ފަރަށް އެރި ބޯޓުގެ ޖޫރިމަނާ ފައިސާގެ ތެރޭގައި ފަރު އިޔާދަކުރުމަށްޓަކައި ވަކި ވަރެއް ވަނީ ކަނޑައަޅާފައި ކަމަށާއި އެ މަސައްކަތް ކުރުމަށްޓަކައި ބޭނުންވާ ތައްޔާރީތައް ކުރަމުން އަންނަ ކަމަށްވެސް ނައީމް ވިދާޅުވިއެވެ.
އަދި މި މަސައްކަތް ނިމުމުން މުރަކަ އިންދުމުގެ މަސައްކަތް ފަށާނެކަން ފާހަގަކުރައްވާ ނައީމް ވިދާޅުވީ މި މަސައްކަތަކީ ރާއްޖޭގައި މުޅިން އަލަށް ފަށާ މަސައްކަތެއް ކަމަށެވެ.
ރަސްފަރި ހުޅަނގު ފަރާތު ފަރަކަށް އާގު ބޯޓެއް އެރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ.
ފަރަށް އެރި ބޯޓަކީ ޕެނަމާއަށް ނިސްބަތްވާ "ނެވިއޯސް އެމެރިލިސް" ނަމަކަށްކިޔާ ބޯޓެކެވެ. އެއީ، ކާގޯ ބޯޓެކެވެ.
އިންޑިއާއިން ފުރައިގެން ސައުތު އެފްރިކާއަށް ދަތުރުކުރި މި ބޯޓު ފަރަށް އަރައިފައިވަނީ ރަސްފަރި ކައިރިން އިންޖީން ހުއްޓުމުގެ ސަބަބުން ކަމަށް އެމްއެންޑީއެފުން ކުރިން ވަނީ ބުނެފައެވެ. ބޯޓު ފަރަށް އެރިއިރު އޭގައި 19 ފިލިޕީންސް މީހުން ތިއްބެވެ.
ބޯޓުގެ ވެރިފަރާތުން ޖޫރިމަނާ ފައިސާ އާއި، ރަސްފަރީ ފަރަށް ގެއްލުން ލިބުނު ސަރަހައްދު އަނބުރާ އިއާދަކުރުމަށް ކުރަންޖެހޭ މަސައްކަތަށް ބޭނުންވާ ފައިސާ ހިމެނޭގޮތަށް ޖުމްލަ 10 މިލިއަން އެމެރިކާ ޑޮލަރު (154.2 މިލިއަން ރުފިޔާ) އެމްއެމްއޭގެ ޕަބްލިކް އެކައުންޓަށް ޖަމާކުރީ މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.
ޖޫރިމަނާ ފައިސާ ދެއްކުމުގެ އިތުރުން، ތިމާވެށްޓަށް ލިބޭ ގެއްލުންތައް ދިރާސާކޮށް ބެލުމުގެ ގާބިލުކަން އީޕީއޭގައި އިތުރުކުރުމުގެ ގޮތުން މި ދާއިރާއިން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ބޯޓުގެ ވެރިފަރާތުން ވަނީ އެއްބަސްވެފައެވެ.