ސްޓެލްކޯ އިން ކުޑަގިރި ދިއްލާލައިފިއެވެ.

މާލެ ކައިރިން ޕިކްނިކްދާނެ ރަށެއް ނެތުމާއެކު، އެފަދަ ރަށެއް ގާއިމް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅާއި އެއްގޮތައް ކ. ކުޑަގިރި ޖުލައި 26 ގައި ހުޅުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ސަރުކާރުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ތަރައްގީ ކުރަމުން އަންނަ ކުޑަގިރީގައި އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ކަރަންޓުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައި ކަމަށާއި އެގޮތުން ކުޑަގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމްކޮށް ނިމި، މަގުބައްތީގެ ގޮތުގައި ހިތްގައިމު ގާރޑެން ލައިޓްތަކެއް މިހާރު ވަނީ ހަރުކޮށް ދިއްލާލާފައި ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ސްޓެލްކޯ އިން ބުނީ ކުޑަ ގިރީގެ ކަރަންޓުގެ ނެޓްވޯކް ގާއިމް ކުރުމަށްޓަކައި، 3000 މީޓަރުގެ ކޭބަލް ވަޅުލައި، ޑިސްޓްރިބިއުޝަން ފޮށި ހަރުކޮށް، ހަދަން ޖެހޭ ހުރިހާ ކަނެކްޝަނެއް މިހާރު ވަނީ ހަދާނިމިފައި ކަމަށެވެ.

ކުޑަގިރީގައި މިހާރު މިކުންފުނިން ކުރަމުންގެންދާ މަސައްކަތަކީ ރަށަށް ޒިޔާރަތްކުރާ ފަތާތްތަކަށް ކެފޭއެއްގެ ހިދުމަތް ދިނުމަށްޓަކައި، އަޅަންޖެހޭ ކެފޭ އެޅުމުގެ މަސައްކަތްކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނެފައިވަނީ އެ މަސައްކަތް އެކުންފުންޏާއި ހަވާލު ކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު ކަމަށެވެ.

އެ މަސައްކަތް މި މަހުގެ 26ގެ ކުރިން ނިންމުމަށްޓަކައި، އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ރެޔާއި ދުވާލު މަސައްކަތް ކުރަމުންނެވެ. ކަނޑައަޅާފައިވާ ދުވަހަށް ކުޑަގިރި ހުޅުވުމަށްޓަކައި، ކުރަމުންގެންދާ މަސައްކަތްތައް ނައިބު ރައީސް ފައިސަލް ނަސީމް އާއި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފް ބައްލަވަމުން ގެންދަވާއިރު، ބުރާސްފަތި ދުވަހު ނައިބް ރައީސް ފައިސަލް އާއި، މެނޭޖިންގ ޑިރެކްޓަރ ޝަރީފް ވަނީ ކުޑަގިރިއަށް ވަޑައިގެން މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.