ކާމިޔާބު ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީގެ އަމިއްލަ ވެބް ސީރީޒް "ހީރާމަންޑީ" އާއި ގުޅެން ހުށަހެޅި ހުށަހެޅުން ގަބޫލުކޮށް މިސީރީސްއާއި ގުޅިއްޖެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

މިސީރީސްގެ ރޯލެއް އެންމެ ފުރަތަމަ ބަތަލާ މުމްތާޒަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް އޭރުގެ ހުށަހެޅުން ގަބޫލުނުކުރީ ސީރީސްގައި ކުޅެން ބަތަލާއަށް ހުށަހެޅި ރޯލް ކުޑަކަމަށް ގަބޫލުކުރެވިގެންކަމަށް ރިޕޯޓުތައް ބުނެއެވެ.

ނެޓްފްލިކްސްއާއި ގުޅިގެން އުފައްދާ މިސީރީސްއިން ބަތަލާ މުމްތާޒް ފެންނާނެކަމަށް ރިޕޯޓުތަކުން ކަށަވަރު ކޮށްދީފައިވާއިރު ޕްރޮޑިއުސަރު ސަންޖޭ ލީލާ ބަންސާލީ މީގެކުރިން ބުނެފައިވަނީ ފިލްމުގެ ކާސްޓްއަކީ ބެލުންތެރިންނަށް ދޭ ވަރަށްބޮޑު ސަޕްރައިޒެއް ކަމަށެވެ.

ސީރީސްގެ ރޯލް އަލުން ބަތަލާ މުމްތާޒަށް ހުށަހެޅުމުން ގަބޫލުކޮށްފައިވަނީ ލިބުނު ރޯލަކީ އޭނާގެ އުމުރާވެސް ގުޅޭ ވަރަށް ވަރުގަދަ އެހާމެ ތަފާތު ރޯލަކަށް ވާތީއެވެ.

ބަތަލާ މުމްތާޒަކީ 1960 ގެ އަހަރުތަކުން ފެށިގެން ހިންދީ ސިނަމާއިން ފެނިގެންދިޔަ އެންމެ މަގުބޫލު އެއް ބަތަލާއެވެ.

ލެޖެންޑެއްގެ ލަގަބު ހޯދާފައިވާ ބަތަލާ ފިލްމީ ދާއިރާއަށް އެނބުރި އައުން ވެގެންދާނީ ތާރީޚުގައިވެސް ރަންއަކުރުން ލިޔެވިގެންދާނެ ޚަބަރަކަށެވެ. ހާއްސަކޮށް ސަންޖޭ ބަންސާލީފަދަ ތާރީޚީ ފިލްމުތައް ގެނެސްދީފައިވާ ޕްރޮޑިއުސަރަކާއެކު މަސައްކަތްކުރުމަކީ ހަމަގައިމުވެސް އާދައިގެ ކަމެއް ނޫންކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ބަތަލާ މުމްތާޒު "ހީރާމަންޑީ" އާއި ގުޅޭނެކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ބަތަލާ މަނީޝާ ކޮއިރަލާވެސް މިސީރީސްއާއި ގުޅިފައިވާކަމުގެ އިޝާރާތެއް ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ދާދިފަހުން ބަތަލާ މަނީޝާގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޯއިން ފެންނަނީ މަނީޝާއާއެކު ބަތަލާ މުމްތާޒް އަދި ސަންޖޭ ބަންސާލީގެ ފޮޓޯއެކެވެ. އަ

ދި ކެޕްޝަންގައި މަނީޝާ ބުނެފައިވަނީ އެފަދަ ހުނަރުވެރި ބަޔަކާއެކު މަސައްކަތްކޮށްލަން ލިބުމަކީ ނުހަނު ބޮޑު އުފާވެރިކަމެއް އިހުސާސްކުރެވޭ ކަމެއްކަމުގައެވެ.

ބަތަލާ މަނީޝާ މިސީރީސްއާއި ގުޅުނުކަން ރަސްމީކޮށް އިއުލާނު ކޮށްފައި ނުވިނަމަވެސް މިއީވެސް ސީރީސްގެ ކާސްޓަށް އިތުރުވާނެ ނަމެއްކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވަރަށް މުހިއްމު ތާރީޚީ ވާހަކައެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ މިސީރީސްއަކީ ހަތް އެޕިސޯޑަކަށް ބަހާލައިގެން އުފައްދާ ސީރީސްއެކެވެ.

މި ދެ ބަތަލާއިންގެ އިތުރުން ސީރީސްގެ ކާސްޓުންގެ ތެރޭގައި ބަތަލާ ސޮނާކްޝީ ސިންހާ، ހުމާ ގްރޭޝީ، ރޭކާ، މަދޫރީ ޑިކްސިޓް، ޖޫހީ ޗާވްލާ، އަދިތީ ރާއޯ އަދި ރިޗާ ޗައްޑާފަދަ ބަތަލާއިން ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.