ދަރިއަކު ލިބުނަސް ބަތަލާ އާލިއާ ބަޓް ފިލްމީ ދާއިރާއިން ކުރިޔަށް ދާނެކަމަށް ފިރިމީހާ އެކްޓަރު ރަންބީރު ކަޕޫރު ބުނެފިއެވެ.

ވިހެއުމަށްފަހުވެސް ފިލްމީ ކެރިއަރުގައި އާލިއާ އެންމެ ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށް ރަންބީރު ކަޕޫރު ބުނެފައިވަނީ ފިލްމު "ޝަމް ޝޭރާ" ގެ ޕްރޮމޯޝަނަލް ހަފްލާއެއްގެ ތެރެއިންނެވެ.

ބަތަލާ އާލިއާއަކީ ވަރަށް އަވަދިނެތި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ތަރިއެއް ކަމަށާއި އޭނާ ފިލްމީ ދާއިރާއިން ކުރިޔަށް ދިއުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށް ރަންބީރުވަނީ ބުނެފައެވެ.

ދަރިއަކު ލިބުމުން ދެމީހުންގެ ދިރިއުޅުމަށްވެސް ބޮޑެތި ބަދަލުތައް އަންނާނެކަމަށް ގަބޫލުކުރާކަމަށް ބުނަމުން ރަންބީރު ބުނެފައިވަނީ އެކަމާމެދު ވަރަށް ފުންކޮށް ވިސްނަމުންދާ ކަމަށާއި އެކަމަށް ޕްލޭންތަކެއްވެސް ކޮށްފައިވާ ކަމަށެވެ.

ދެ ތަރިންވެސް ބޭނުންވަނީ ދަރިއަކު ލިބުމުން މައިންބަފައިންގެ ޒިންމާއާއެކު ޕްރޮފެޝަނަލް ދިރިއުޅުންވެސް ރަނގަޅުގޮތުގައި ބައްޓަންކުރުމަށް ކަމަށް ރަންބީރު ވަނީ ބުނެފައެވެ.

ރަންބީރުގެ ކުރިޔަށް އޮތް ފިލްމު"ޝަމްޝޭރާ" ގެ ޕްރޮމޯޝަނަލް އިވެންޓުތަކުގައި އެކްޓަރު އަވަދިނެތި އުޅޭއިރު އޭނާއަށް އެންމެ ގިނައިން ކުރިމަތިވާ ސުވާލުތަކަކީ ބައްޕައަކަށް ވުމުން ދިރިއުޅުމަށް އަންނާނެ ބަދަލުތަކުގެ ވާހަކައެވެ. އަދި އެރޯލަށް ފުރިހަމައަށް ތައްޔާރުވެފައި ވޭތޯވެސް ބައެއް ފަރާތްތަކުން އޭނާއާ ސުވާލުކުރެއެވެ.

ރަންބީރު ދެކޭގޮތުގައި މިއީ އާއްމުންގެ ފަރާތުން އޭނާއަށާއި އާއިލާއަށް ލިބެމުން އަންނަ ލޯބީގެ އެއްބައެވެ.

ރަންބީރު ބުނެފައިވަނީ އެމީހުން ބޮޑެތިވަމުން އައިއިރު ފެނިފައިވަނީ އާއިލާގެ ފިރިހެނުން ދަރިންނާއި ވަކިން އާމްދަނީ ހޯދުމަށް އަވަދިނެތި މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ.

އެހެންނަމަވެސް މިހާރު ޒަމާން ބަދަލުވެފައިވާ ކަމަށާއި އޭނާގެ ދަރިފުޅަށް އެމަންޒަރު ފެންނަން ބޭނުންނުވާ ކަމަށެވެ. އަދި ދަރިފުޅުގެ ޒިންމާ އަދާކުރުމުގައި ދެ ތަރިންވެސް ޝާމިލްވާނެކަމަށް ރަންބީރުވަނީ ބުނެފައެވެ.

ރަންބީރު މިމޭރުމުން ވާހަކަ ދައްކާފައިވާއިރު އަންހެނުން އަދި ބަތަލާ އާލިއާ ބަޓް ދާދިފަހުންވަނީ ލަންޑަންގައި ކުރިޔަށް ދިޔަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" ގެ ޝޫޓިންގް ނިންމާލުމަށްފަހު އެނބުރި އިންޑިއާއަށް އައިސްފައެވެ.

މި ދެތަރިން އެކީގައި ފެނިގެންދާ ފިލްމު "ބްރައްމަސްތުރާ" ރިލީޒްވާން 2 މަހަށްވެފައިވާއިރު ފިލްމުގެ ޕްރޮމޯޝަންތަކުން އާލިއާ ފެންނާނެތޯ މިއީ މިހާރު އެންމެ ގިނަ ބައެއްގެ ހިތުގައި އުފެދިފައިވާ ސުވާލެވެ.

ފިލްމު "ބްރައްމަސްތްރާ" ގެ ކުރިން ބަތަލާ އާލިއާ ބަޓްގެ "ޑާލިންގްސް" ނެޓްފްލިކްސްއިން އަންނަމަހު ސްޓްރީމް ކުރާގޮތަށްވަނީ ހަމަޖެހިފައެވެ.