ޔާޝް ރާޖް ކުންފުނީގެ ފިލްމު "ސަމްރާތް ޕްރިތްވީ ރާޖް" އިން ބޮލީވުޑަށް ތައާރަފްވި ބަތަލާ މަނޫޝީ ޗިލާ އިތުރު ބޮޑު ބަޖެޓް ފިލްމަކަށް ސޮއިކޮށްފިކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމާ ބެހޭގޮތުން އެއްވެސް ތަފްސީލެއް މީޑިއާއާއި ހިއްސާކޮށްފައި ނެތްނަމަވެސް ރިޕޯޓުތައް ބުނާގޮތުން މަނޫޝީ ފިލްމަށް ސޮއިކޮށްފައިވަނީ އަލަތު ފިލްމު "ސަމްރާ ޕްރިތްވީ ރާޖް" ރިލީޒްވުމުގެވެސް މާކުރިންނެވެ.

އެކްޝަން ފިލްމެއްކަމަށްވާ މިފިލްމުގެ ޝޫޓިން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސަންޔޯގިތާ ނަމަކަށް ކިޔާ ކެރެކްޓާއިން ފިލްމު "ސަމްރާތް ޕްރިތްވީ ރާޖް" ގައި ރީތީގެ ރާނީ ފެނިގެންދިޔައިރު ފިލްމުގައި އޭނާ ކުޅެފައިވާ ރޯލަކީވެސް އިންޑިއާގެ ކުރީގެ ރާނީއެއްގެ ރޯލެކެވެ.

މިފިލްމުގައި މަނޫޝީ ދައްކުވައިދިން އެކްޓިންގްއަށް ކްރިޓިކްގެ އިތުރުން ބެލުންތެރިންގެ ތަރުހީބުވެސްވަނީ ލިބިފައެވެ.

ފިލްމު ތިއޭޓަރުގައި މާބޮޑަށް ހިނގާފައި ނުވުމާއެކު މާގިނަ ދުވަސްތަކެއް ނުވެ އެމޭޒަން ޕްރައިމްގައި މިފިލްމުވަނީ ޕްރިމިއާކުރަން ފަށާފައެވެ.

މަނޫޝީ މިހާރު ސޮއިކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެފައިވަނީ އެކްޝަން ރޯލަކަށެވެ. އެހެންކަމުން މިއީ އޭނާގެ ފުރަތަމަ ސްކްރީނުން ފެނުނު ރޯލާއި މުޅީންވެސް ތަފާތު ރޯލެކެވެ. އަދި ފިލްމުގެ ރޯލަށް ފިޓުވުމަށްވެސް ބަތަލާ ހާއްސަ ތަމްރީނުތަކެއް ފުރިހަމަ ކުރާނެކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިފިލްމު ގެނެސްދޭ ފަރާތްތަކުން ބޭނުންވަނީ ސިނަމާއަށް މުޅީން އާ މޫނެއްކަމުން ބަތަލާ މަނޫޝީއަކީ ފިލްމަށް އެންމެ އެކަށީގެންވާ ތަރިކަމަށްވެސް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ.

މި ފިލްމުގެ އިތުރުންވެސް މަނޫޝީ އިތުރު އެހެން ފިލްމީ ޕްރޮޖެކްޓްތަކަށް ސޮއިކޮށްފައިވާ ކަމަށް ޚަބަރު ފެތުރިފައިވާއިރު އޭގެތެރެއިން އެއް ފިލްމަކީ ޔާޝް ރާޖް ކުންފުނީގެ ފިލްމެކެވެ. މިފިލްމުގައި ބަތަލާ ފެނިގެންދާނީ އެކްޓަރު ވިކީ ކޯޝަލްއާއެކުއެވެ.

2017 ވަނަ އަހަރު އިންޑިއާއަށް މިސް ވޯލްޑްގެ ތާޖު ހާސިލުކޮށްދިން މަނޫޝީއަށް މިސް ވޯލްޑްގެ ތާޖު ހާސިލުވުމާއެކު ފިލްމީ ދާއިރާއިން ގިނަ ފުރުސަތުތަކެއްވަނީ ހުޅުވިގެން ގޮސްފައެވެ.

މީގެއިތުރުން މަނޫޝީއަކީ އާއްމުން ހޭލުންތެރިކުރުވުމުގެ ތަފާތު އެކި ކެމްޕޭންތަކުގައި އިސްވެ ހަރަކާތްތެރިވާ ތަރިއެއްވެސް މެއެވެ.