ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، އޮގަސްޓު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އިންޑިއާ އަށް ވަޑައިގަންނަވަން ނިންމަވާފައިވާކަމަށް، އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ރަސްމީ މި ދަތުރުފުޅުގައި ރައީސް ޞާލިޙް އިންޑިއާއަށް ވަޑައިގަންނަވާނީ އަންނަމަހުގެ 3-2 އަށެވެ. އެހެންނަމަވެސް ތާރީހެއް އަދި ރަސްމީކޮށް ނިންމާފައި ނުވާކަމަށް ރިޕޯޓުތައް ބުނެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅުގައި، ދެގައުމުގެ ޚާރިޖީ ބައްދަލުވުންތައް ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށްފަހު، އިންޑިއާގެ ވިޔަފާރި ކެޕިޓަލް މުމްބާއީގައިވެސް ބައްދަލުވުންތަކެއް ބާއްވާނެއެވެ. އެގޮތުން އިންޑިއާގެ ބޮޑެތި ވިޔަފާރި ލީޑަރުންނާއި ރައީސް ބައްދަލުކުރައްވަން ނިންމަވާފައިވާކަމުގެ މައުލޫމާތު ލިބެއެވެ.
މި ސަރުކާރުގައި ރާއްޖެ އާއި އިންޑިއާ އާއިދެމެދު އޮންނަ ގުޅުން ބޮޑުތަނުން ރަނގަޅުވެފައިވާއިރު، ރައީސް ޞާލިޙް ވެރިކަމުގެ ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަމަ ރަސްމީ ދަތުރުފުޅު ކުރެއްވީވެސް އިންޑިއާ އަށެވެ. މި ދަތުރުފުޅުގައި އިންޑިއާ އިންވަނީ ރާއްޖެއަށް 1.4 ބިލިއަން ޑޮލަރާއި 1000 ސްކޮލަޝިޕް އެހީގެ ޕެކޭޖެއް ދޭނެކަން އިއުލާން ކޮށްފައެވެ.
އަދި 2019 ވަނަ އަހަރުގެ ތެރޭގައި ރައީސް ޞާލިޙް ވަނީ އިންޑިއާގެ ބެންގަލޫރަށްވެސް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. ނުރަސްމީ މި ދަތުރުފުޅުގައި ރައީސް ވަނީ ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޑުވަޒީރުގެ މަގާމަށް ނަރެންދްރަ މޯދީ ދެ ވަނަ ދައުރަކަށް 2019 ވަނަ އަހަރު އިންތިހާބު ވުމަށް ފަހު، އެންމެ ފުރަތަމަ ވަޑައިގެންނެވި ގައުމަކީ ވެސް ރާއްޖެ އެވެ.
އިންޑިއާގެ 260 މިލިއަން ރުފިޔާގެ އެހީގައި ރާއްޖޭގެ އެކި ހިސާބުތަކުގައި 45 މަޝްރޫއެއް އަންނަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި އިޖުތިމާއީ އަދި ވިޔަފާރިއާ ޓޫރިޒަމް ތައުލީމު އަދި ސިއްހަތާ ގުޅޭ އެކި ކަންކަން ހިމެނެ އެވެ.
އެ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް 17 މަސައްކަތެއް ވަނީ ނިންމާފައެވެ.