މާލެ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިޔު ސާރވިސް އިން ފަށައިފިއެވެ.
ދޭތެރެ ދޭތެރެއިން ތުނި ކޮށްލި ނަމަވެސް، މާލެއަށް މިއަދު ހަތަރުދަމުވަނީ ބޯކޮށް ވާރޭ ވެހިފައެވެ. އަދިވެސް ވާރޭ ހުއްޓާނުލައެވެ.
ބޯކޮށް ވާރޭ ވެހެމުންދާއިރު ވައިވެސް އެހާ ބާރެވެ.
މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ ހުރިހާ މަގުތަކެއްގައިހެން ކަހަލަ ގޮތަކަށްވަނީ ފެންބޮޑުވެފައެވެ. ޚާއްސަކޮށް ވާރޭ ވެހޭ ދުވަސްވަރު އެންމެބޮޑަށް ފެންބޮޑުވާ މަޖީދީ މަގާއި އަމީނީ މަގުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވެއެވެ.
މާލެ ސިޓީގެ އިތުރުން، މުޅި ރާއްޖެއަށްވެސް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހި އަތޮޅުތެރޭގެ ބައެއް ރަށްތަކުގައިވެސް ފެންބޮޑުވެފައި ވެއެވެ.