ރާއްޖޭގައި އެންމެ ކުލަގަދަކޮށް އަޟްޙާ ޢީދުގެ ހަރަކާތްތައް ބޭއްވި ރަށުގެ ލަގަބު ހޯދުމަށްފަހު، ބ. ދަރަވަންދޫ އިން ފުޓްސަލްގެ ޢީދެއް އެރަށަށް ގެނައުމަށް ތައްޔާރުވެއްޖެއެވެ.

ބ ސެންޓްރަލް ޗެލެންޖްގެ ނަމުގައި ބާއްވާ މި ފުޓްސަލް މުބާރާތް ކުރިއަށްދާނީ މިހިނގާ ޖުލައި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 29 ވަނަ ދުވަހުގެ ނިޔަލަށެވެ.

"ވީނިއުސް" އާއި ވާހަކަދައްކަމުން މުބާރާތުގެ އިންތިޒާމް ކޮމެޓީގައި ހިމެނޭ އަލީ ޝާތިއު ބުނީ، މި މުބާރާތަކީ ދަރަވަންދޫގެ އިތުރުން މުޅި އަތޮޅުގެ ހުރިހާ ޒުވާނުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށާއި، މިއީ އަތޮޅާއި ރަށުގައި ދިރިއުޅޭ ފުޓްސަލް އަށް ލޯބިކުރާ ޒުވާނުންނަށް ފުޓްސަލް އިން ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

އަލީ ޝާތިއު

މި މުބާރާތުގައި ދަރަވަންދޫ އަށް ނިސްބަތްވާ ޓީމުތަކުގެ އިތުރުން އަތޮޅުގެ އެހެން ރަށްތަކުގެ ޓީމުތަކާއި ރިސޯޓުތަކުންވެސް ޓީމުތައް ބައިވެރިވާނެއެވެ. އެގޮތުން ޖުމްލަ 12 ޓީމު މި މުބާރާތުގައި ބައިވެރިވާއިރު އެއީ ދަރަވަންދޫ ހިމެނޭހެން ރަށްތަކުން 6 ޓީމު އަދި ރިސޯޓުތަކުން 6 ޓީމެވެ.

މުބާރާތް ކުރިއަށްދާނީ ގްރޫޕް ތަކަށް ޓީމުތައް ބަހާލައިގެން އެންމެ ގިނަ ޕޮއިންޓު ހޯދާ ޓީމުތައް ނޮކް އައުޓް ސްޓޭޖުތަކުގެ މެޗުތަކުގައި ކުޅެ، ފައިނަލުން މޮޅުވާ ޓީމެއް ޗެމްޕިއަންކަން ހޯދާ ގޮތަށެވެ. އެގޮތުން 4 ގުރޫޕަކަށް ޓީމުތައް ބަހާލާފައިވާއިރު، ކޮންމެ ގުރޫޕެއްގައި ތިން ޓީމު ހިމެނެއެވެ. މި ހަތަރު ގުރޫޕުގެ ތެރެެއިން ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭއިރު، ކޮންމެ ގުރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާއެއް ނެރޭ ދެޓީމެއް ކުއާޓަރ ފައިނަލުގައި ކުޅޭނީއެވެ. އަދި އެއަށްފަހު ކުއާޓަރ ގައި ކުރިހޯދާ ޓީމުތައް ސެމީ ފައިނަލުގައި ކުޅެ، ސެމީ އިން ފައިނަލުގައި ކުޅޭ ޓީމުތައް ކަނޑައަޅާނެއެވެ.

ވީނިއުސްއާ ވާހަކަދައްކަމުން އަލީ އިތުރަށް ބުނީ، މުބާރާތުގައި ރަށުން ބޭރު ކުޅުންތެރިންނަށްވެސް ޓީމުތަކަށް ކުޅެވޭނެ ކަމަށާއި، ޓީމު ލިސްޓުތައް މިހާރު ލިބިފައިވާއިރު ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ އެތައް ކުޅުންތެރިންތަކެއް ތިބިކަމަށެވެ. ރަށުން ބޭރު އަދި އަތޮޅުން ބޭރު ކުޅުންތެރިންގެ ގޮތުގައި ކޮންމެ ޓީމަކުންވެސް ދެ ކުޅުންތެރިއަކު ޖެހޭނެކަން އަލީ ފާހަގަކުރިއެވެ. މުބާރާތުގައި ފެނިގެންދާނެ ރާއްޖޭގެ ފުޓްސަލް ލެޖެންޑުންގެ ތެރޭގައި، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) އާއި ހުޒައިފަތު ރަޝީދު (ހުޒޭ) ފާހަގަކޮށްލެވެއެވެ. މީގެއިތުރުންވެސް އިބްރާހިމް އަސްވާދް (ގަބޭ) އާއި ގައުމީ ޓީމުގައި ހިމެނިގެން ތާރީހުގައިވެސް ބައިނަލްއަގްވާމީ މެޗެއްގައި މޭން އޮފް ދަ މެޗު ނުވަތަ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފް ހޯދި ފުރަތަމަ ދިވެހި ކުޅުންތެރިޔާ އަބްދުﷲ ޝާފިއު (ޝާއްޕެ) ވެސް މި މުބާރާތުން ފެނިގެންދާނެއެވެ.

އަލީ ބުނީ، މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ މުބާރާތް މެދުވެރިކޮށް، މުބާރާތަށް އަންނަ ފުޓުބޯޅައިގެ ތަރިންގެ ފަރާތުން ދަރަވަންދޫ އާއި އަތޮޅުގެ ފުޓްސަލް ކުޅުންތެރިންނަށް އައު ކަންކަން ދަސްވެ، އަތޮޅާއި ރަށުގެ ފުޓްސަލްގެ ފެންވަރު ރަނގަޅު ކުރުން ކަމަށެވެ. އަދި އުންމީދަކީ މުބާރާތް ނިމިގެންދާއިރު ރަށާއި އަތޮޅުގެ ފުޓްސަލް މިހާރަށްވުރެ މަތީ ފަންތިއަކަށް ދިއުން ކަމުގައި އަލީ ބުނެފައިވެއެވެ.

ޓިމުތަކުގެ މެދުގައި ބޭއްވި ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

މި މުބާރާތުގެ ގްރޫޕް އޭގައި ހިމެނެނީ ޔުނައިޓެޑް މަލަންމަގު އާއި އެމްވީ ޔުނައިޓެޑުގެ އިތުރުން އަނަންތަރަ ކިހާވަށް މޯލްޑިވްސް އެވެ. ގްރޫޕް ބީގައި ކިންގްސް ޔުނައިޓެޑާއި ވެލާ ސްޕޯޓްސް އަދި ޑުސިޓް ތާނީ މޯލްޑިވްސް ހިމެނޭއިރު ގްރޫޕް ސީގައި ހިމެނެނީ އެފްސީ ގޯލްޑަން ސްޓަރ، ރީތި ބީޗް ރިސޯޓު އަދި މިލައިދޫ މޯލްޑިވްސް އެވެ. ގްރޫޕް ޑީގައި ހިމެނެނީ ޓީމް މާޅޮސް، ރޯޔަލް އައިލެންޑް ރިސޯޓް އަދި އަމިއްލަ މޯލްޑިވްސް އެވެ.

9 ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މުބާރާތަކީ ދަރަވަންދޫ އެކުވެރި ޒުވާނުން (ޑީއީޒެޑް) އަދި ރަށު ކައުންސިލް އިން ގުޅިގެން އިންތިޒާމް ކުރާ މުބާރާތެކެވެ. މުބާރާތުގެ މެޗުތައް ކުޅޭނީ ރަށުގައި ގާއިމްކޮށްފައިވާ ފުޓްސަލް ދަނޑުގައެވެ.