ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަސްދީޤު ކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ ޖޫން 30 ވީ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

މިޤާނޫނަށް ގެނައި މައިގަނޑު އިސްލާޙަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ޤާނޫނު، 13 ޑިސެމްބަރު 2021 ގައި އުވާލެއްވުމާއި ގުޅިގެން މަސްވެރިިކަމުގެ ޤާނޫނުގެ 56 ވަނަ މާއްދާގެ ޢިބާރާތަށް ގެނެސްފައިވާ ބަދަލެކެވެ.

މިގޮތުން އެމާއްދާގައި، ޓްރާންސްޕޯޓް އޮތޯރިޓީގެ ނަން އޮތްތަން އުނިކޮށް، "މިޤާނޫނުގެ ދަށުން، މަސްވެރިކަން ކުރުން މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށްޓަކައި، މޮނިޓަރިންގ، ކޮންޓްރޯލް އަދި ސަރވޭލަންސްއާބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާޑާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި، ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާއާއި، އެނޫންވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ހަދައި ތަންފީޛުކުރަން ވާނެކަމަށް ވަނީ ބަދަލުކޮށްފައެވެ.

މިޤާނޫނު ތަސްދީޤުކުރެއްވުމާއި އެކު މިއަދު ވަނީ ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރެވި ޢަމަލުކުރަން ވަނީ ފަށާފައެވެ.