ދަރަވަންދޫއަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން ހަތަރު ވަނަޔަށް އެންމެ ބޮޑު ރަށެކެވެ. މި ރަށަކީ ބ.އަތޮޅުގައި އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރި ރަށެވެ. ދަރަވަންދޫއިން އަތޮޅުވެރިކަން ބަދަލު ކުރީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި 4 ޖޫން 1962 ވީ ދުވަހު އޭދަފުއްޓަށެވެ.

އަތޮޅުވެރިކަން ނިމުނު ނަމަވެސް އުމުރާނީ އަދި އިޤްތިޞާދީ ގޮތުން އެ ރަށަށް ލިބެމުން އައި ކުރިއެރުންތައް މަޑުނުޖެހުނެވެ. ރަށުގެ ތަރައްގީގެ ނާ ފައްސިޔަ ވައިގައި ދަތުރުކުރުމުގެ ނަތީޖާއަކަށް ވީ 17 އޮކްޓޫބަރު 2012ގައި ކޯސްޓުލައިން އިންވެސްޓްމެންޓް އިން ދަރަވަންދޫގައި ތަރައްގީކުރި ވައިގެ ބަނދަރު ކުލަގަދަ ރަސްމިއްޔާތަކުން ހުޅުވުމެވެ. ދަރަވަންދޫ އެއާޕޯޓް ހުޅުވައިދެއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.

ބ. އަތޮޅުގައި ހުޅުވުނު ފުރަތަމަ އެއާޕޯޓަށް ދަރަވަންދޫ އެއާޕޯޓް ވުމަކީ އެރަށުގެ ރައްޔިތުންނަށް ލިބުނު އުފަލަކާއި ޝަރަފެކެވެ. އަދިއަދަށް ދާންދެން ވެސް މި އަތޮޅުގައި އޮތް ހަމައެކަނި ވައިގެ ބަނދަރަކީ ދަރަވަންދޫ އެއާޕޯޓަށް ވާތީ ރަށުގެ ރައްޔިތުން އެ ވާހަކަ ދައްކަނީ ނުހަނު ފަހުރުވެރިވެލާފައެވެ.

ދަރަވަންދޫ އެއާޕޯޓް ވެގެން ދިޔައީ އެރަށުގައި ފަތުރުވެރިކަން ފައްކާކުރުމަށް ހުޅުވުނު ދޮރަކަށެވެ. މިއަދު ދަރަވަންދޫއަކީ ފަތުރުވެރިންގެ މެދުގައި ނިކަން މަގުބޫލު މަންޒިލެކެވެ. ރަށު ގިނަ ޒުވާނުން މިހާރު ކުރާ މަސައްކަތަކީ ފަތުރުވެރިކަމުގެ މަސައްކަތެވެ. ދަރަވަންދޫގައި ޓުއަރިސޓް ޝޮޕްތައް ވަރަށް ގިނައެވެ. ގެސްޓް ހައުސްތައް އެބަހުއްޓެވެ.

ކޮންމެއަކަސް އެއާޕޯޓްގެ ފައިދާ އެކިއެކި ގޮތްގޮތުން ރަށަށް ކުރާތީ ރައްޔިތުން ދިރިއުޅެމުން ދަނީ ނުހަނު ފުދިގެން އުފާވެރިކަންމަތީއެވެ. އެކަމަކު އެ ރައްޔިތުންގެ ޝަކުވާއެއް އެބަ އޮތެވެ. ރަންގަނޑެއް ފަދަ އެއާޕޯޓާމެދު ވަރަށް ބޮޑަށް އިހުމާލުވެއްޖެ ކަމަށް ބުނެ ކުރާ ޝަކުވާއެވެ. އެއީ ތެދެކެވެ. "މަގޭ ޢީދު"ގެ ކަވަރޭޖަށް ވީމީޑިއާގެ ޓީމުން ކުރި ދަތުރުގައި އަޅުގަނޑަށް ވެސް އެކަން ފާހަގަވިއެވެ. އެއާޕޯޓްގެ ޑިޕާޗަރ ޓާމިނަލްގެ ސީލިންގު ބާވެ، ބޮލަށް ވެއްޓެން ކައިރިވެފައެވެ. ފަންކާތައް ރަނގަޅަށް މެއިންޓެއިން ނުކުރެވޭތީ ޓާމިނަލުން ޖެހެންވާ ފިނިވައި ނުޖެހެއެވެ. ގައިމުވެސް އެއާޕޯޓަށް ފުރަންދާ ފަސިންޖަރުން ހޫނުވެފައި ތިބޭކަށް ބޭނުމެއް ނުވާނެއެވެ. އެރައިވަލް ޓާމިނަލްގެ ހާލަތު ވެސް ހުރީ އެ ފަދަ ގޮތަކަށެވެ.

ދަރަވަންދޫ އެއާޕޯޓް --- ފޮޓޯ: ވީނިއުސް

ޖުމުލަކޮށް ބުނާ ނަމަ، ދަރަވަންދޫ ވައިގެ ބަނދަރުގެ ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ އާބާތުރަފިލުވަން ޖެހިފައިވާ މަންޒަރެވެ. މަރާމާތުކުރަން ޖެހިފައިވާ އެއްޗެއްސާއި ތަންތަނެވެ. އެއާޕޯޓްގެ ހަގީގީ ފޮނިމީރުކަން ރަށުގެ ރައްޔިތުންނާއި ރަށަށް އަރައިފައިބާ މީހުންނަށް ވެސް ލިބޭނީ މި ދެންނެވި ކަންކަން ރަނގަޅުކޮށްގެނެއެވެ. އިހުމާލުވެފައިވާ ދަރަވަންދޫ އެއާޕޯޓަށް އަޅާލަން މި ވަނީ މަޖުބޫރުވެފައެވެ. މިއީ ހަމައެކަނި ދަރަވަންދޫން ކުރާ އާދޭހެއް ނޫނެވެ. މުޅި ބ، އަތޮޅު އެ ތަނަކަށް ބަރޯސާވާ އެއާޕޯޓްގެ ހައްގުގައި މުޅި އަތޮޅު ވެސް ކުރާ އާދޭހެކެވެ. ރާއްޖޭގައި އެންމެ ބާރުބޮޑު އެއް ޑޮމެސްޓިކް އެއާޕޯޓަށް ހައްގުމިންވަރަކީ އެއާކަންޑިޝަން ޒަމާނުގައި ބާ ފަންކާތަކެއް ހުރުމެއް ނޫނެވެ. ބޮލަށް ސީލިންގު ވެއްޓިގެން މީހަކަށް އަނިޔާވުމަކީ އެކަކު ވެސް ކުރާނެ އުންމީދެއް ނޫނެވެ.

އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަން އިން މި މައްސަލައަށް ހައްލެއް ހޯދައިދޭން އެބަ ޖެހެއެވެ.

މާލެ އަތޮޅާއި އއ. އަދި އދ. ނަގާފައި ޓުއަރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ހިނގަމުން އަންނަ އެއް އަތޮޅަކީ ބ.އެވެ. މި އަތޮޅުގައި ޑޮމެސްޓިކް އެއާޕޯޓެއް އޮތުމުގެ މައިގަނޑު ބޭނުމަކީ އަތޮޅުގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް ފަސޭހަކަމާ އެކު ދަތުރުކުރެވޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ލޯންޗެއްގައި މާލެ އިން ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރުން ދެވޭ ދުރުމިނުގައި އޮތް އެ އަތޮޅަށް ކުރިން ގެސްޓުން އުފުލީ ސީޕްލޭނާއި ލޯންޗް ފަހަރުގައެވެ.

ދަރަވަންދޫ އެއާޕޯޓް ތަރައްގީކުރަނީ ޓޫރިޒަމަށް އަމާޒުކޮށްގެން ކަމަށް ވިޔަސް އަތޮޅުގެ ރައްޔިތުންނަށް ގިނަގުނަ އެހެނިހެން ފަސޭހަތަކެއް ވެސް ލިބެއެވެ.

ދަރަވަންދުއަށް ފްލައިމީ، މަންޓާ އެއާ އަދި މޯލްޑިވިއަނުން ދަތުރުކުރެއެވެ.