ބ. ދަރަވަންދޫގައި އެއާޕޯޓެއްގެ ޚިދުމަތް ދޭން ފެށިތާ 11 އަހަރު ވެގެން ދިޔައިރު އެރަށުގައި ޒަމާނީ ނަރުދަމާ ނިޒާމެއް ނެތުމަކީ ތަރައްޤީއަށް އެޅޭ ހުރަހެއްކަމަށް އެރަށު ރައްޔިތުންނާއި ކައުންސިލުން ގަބޫލުކުރެއެވެ.

ރަށުގެ ތަރައްޤީއަށް އެޅިފައި އޮތް ހުރަހަށް މިކަން ވާ ސަބަބުތައް އެ މީހުން ފާހަގަކުރެއެވެ. އެއީ ވަރަށް ގިނަ ސަބަބުތަކާ ހުރެއެވެ. 17 އޮކްޓޫބަރު 2012 ވީ ބުދަ ދުވަހުގައި ހުޅުވި ދަރަވަންދޫ އެއާޕޯޓްއާއެކު އެރަށުގައި ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވާން ފެށިއެވެ. މިހާރު 14 ގެސްޓް ހައުސްއެއްގައި 400 އެނދު އެބަހުއްޓެވެ.

އެހެން ނަމަވެސް މިރަށުގެ ފެން ފަށަލަ ވަނީ ހަލާކުވެފައެވެ. ސަބަބަކީ ރައްކާތެރި އަދި ދެމެހެއްޓެނިވި ނަރުދަމާ ނިޒާމެއް ނެތުން ކަމަށް ބެލެވެއެވެ. ބިމަށް ނަޖިސް ހިންދުމަކީ ރައްކާތެރި ގޮތެއް ވެސް ނޫންތާއެވެ. އަދި އެއީ ޒަމާން ގަބޫލުކުރާ ނަރުދަމާގެ ނިޒާމުތައް ހުންނަ ގޮތެއް ވެސް ނޫނެވެ. ނަޖިސް ހިންދާ ބިމަކުން ނަގާ ފެން ސާފު ތާހިރުވާނެކަމަށް ރަށްވެހިންނާއި ފަތުރުވެރިންވެސް ޤަބޫލެއް ނުކުރެއެވެ. އެހެންކަމުން ނަރުދަމާ ނިޒާމެއް ނެތި އެރަށުގެ ރައްޔިތުން އުޅެމުން އަންނަނީ މާޔޫސީ ދިރި އުޅުމެކެވެ.

ބ. ދަރަވަންދޫ މަތިން ނަގާފައިވާ ފޮޓޯއެއް

މި މާޔޫސްކަމުގައި މި ރަށުގެ ރައްޔިތުން ތިއްބާ، 6 އޭޕްރީލް 2022 ވީ ބުދަ ދުވަހު ދަރަވަންދޫގައި ޒަމާނީ ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ދިވެހި ފެން ކުންފުނި (އެމްޑަބްލިއުއެސްސީ) އިން ފެށިއެވެ. ރައްޔިތުންގެ މާޔޫސްކަމަށް ލުޔެއް ލިބިގެން ދިޔައެވެ. ރަށުގެ ބޮޑު ބައެއްގައި ވަނީ ނަރުދަމާގެ މައި ހޮޅި ވަޅުލާ ވެސް ނިމިފައެވެ.

ނަމަވެސް ވަކި ހިސާބަކުން މި މަސައްކަތް އޮތީ މަޑުޖެހިފައެވެ. ވަގުތުކޮޅަކަށް ލިބުނު ހިތްހަމަޖެހުން އަނެއްކާ ވެސް މާޔޫސް ކަމަށް ބަދަލުވީއެވެ.

"ވީނިއުސް"އާ ވާހަކަދައްކަވަމުން ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް ވިދާޅުވީ މި ދިޔަ ރޯދަމަހު އިފްތިތާޙް ކުރި ދަރަވަންދޫ ފެނުގެ މަޝްރޫޢު ކާމިޔާބު ކަމާއެކު ނިންމާލާފައި ވާ ކަމަށާއި ރަށުގެ ރައްޔިތުންނަށް މިހާރު ފެނުގެ ޚިދުމަތް ލިބެމުން އަންނަކަމަށެއެވެ.

ސަމީހް ވިދާޅުވީ އެހެން ނަމަވެސް އެއް ޚިލާފަށް ނަރުދަމާގެ މަޝްރޫޢު ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ކުރިއަށް ނުދިޔަ ކަމަށެވެ. މި ދިޔަ ރޯދަ މަހުގެ ކުރިން މަގު ކޮނުމުގެ މަސައްކަތް ފެށި ނަމަވެސް ސާމާނު ނެތިގެން ކަމަށް ބުނެ ވަކި ހިސާބަކުން މަސައްކަތް އޮތީ ހުއްޓާލާފައި ކަމަށް ސަމީހް ވިދާޅުވިއެވެ.

ސަމީހް ވިދާޅުވީ އެ ފަހުން މި މަޝްރޫޢުގެ އެއްވެސް މަސައްކަތެއް ހިނގާތަން ނުފެންނަ ކަމަށެވެ.

ދަރަވަންދޫ ކައުންސލްގެ ރައީސް އަލީ ސަމީހް "ވީނިއުސް"އާ ވާހަކަދައްކަނީ ---- ފޮޓޯ: މިޝަލް / ވީނިއުސް
"ޕަމްޕް ސްޓޭޝަންތަކުގެ މަސައްކަތް ވެސް ބަޔަކާ ހަވާލުކުރެވުނު. އެކަމަކު އަދި އަދަށް ދާން ވެސް މި މަސައްކަތް ނުފެށޭ. އެސްޓީބީ ހަދަން ސާމާނުވެސް ގެނެސްފި. އެކަމަކު އަދިވެސް އެ މަސައްކަތް ވެސް ނުފެށޭ. މަސައްކަތް ހަވާލުވެފައިވާ ކުންފުނިތަކުން މި މަސައްކަތްތައް ނުފަށާ ލަސްކުރަމުންދާކަން އަޅުގަނޑު ފާހަގަކުރަން."
ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް

ކައުންސިލްގެ ރައީސް ވަނީ ދަރަވަންދޫގެ ނަރުދަމާގެ މަޝްރޫޢުގެ އެކިއެކި މަސައްކަތްތަކާ ހަވާލުވެފައިވާ ކުންފުނިތަކުން އެ މަސައްކަތްތައް ފަށައިގަތުމަށް ގޮވާލައްވާފައެވެ.

ސަމީހް ވިދާޅުވީ، ދަރަވަންދޫ ރައްޔިތުން ތިބީ މި ފަދަ މަޝްޜޫޢުއަކަށް އަހަރެއް ހޭދަވާ މަންޒަރު ބަލަން ނޫން ކަމަށެވެ.