ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަކީ ކީރިތި ރަސޫލާ صَلَّى الله عَلَيه وسَلَّمَ ދުއާ ދެއްވާފައިވާ ފަދަ ވެރިއެއް ކަމަށް ބުނެފައި ނުވާނެ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިޔާ އައް ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

އިލްޔާސް މި ފަދައިން ވިދާޅުވި އަދާލަތު ޕާޓީގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައެވެ.

އަދާލަތު ޕާޓީގެ ވަޓްސްއެޕް ގްރޫޕެއްގައި ރައީސް ޞާލިހަކީ ކީރިތި ރަސޫލާ صَلَّى الله عَلَيه وسَلَّمَ ދުއާ ދެއްވާފައިވާ ފަދަ ވެރިއެއް ކަމަށް ޝެއިޚް އިލްޔާސް ވިދާޅުވި ކަމަށް ނޫހަކުން ރިޕޯޓުކޮށްފައިވާ ޚަބަރު މީހަކު ހިއްސާ ކުރުމުން އެގްރޫޕަށް ޝެއިޚް އިލްޔާސް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ތިލިޔުން ގަބޫލު ކުރައްވައިގެން ތިލިޔުން ފަތުރާ ފަރާތްތައް ތައުބާވާން ޖެހޭނެ ކަމަށެވެ.

ޝެއިޚް އިލްޔާސްގެ މެސެޖާއި ގުޅިގެން އެގްރޫޕަށް ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ފޮނުވި މެސެޖެއްގައި ވިދާޅުވީ އިލްޔާސްގެ ވާހަކަފުޅުގައި ގޯހެއް ނެތް ކަމަށެވެ.

އިޔާޒް އެހެން ވިދާޅުވުމުން ޝެއިޚް އިލްޔާސް ވިދާޅުވީ އޭނާ ވެސް ދައްކަނީ އެ ވާހަކަ ކަމަށެވެ.

ނަމަވެސް އެއީ ބަޔަކު ހަދައިގެން ލިޔެފައިވާ ލިޔުމެއް ކަމަށް އިލްޔާސް ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ ޚަބަރުގެ ސުރުހީގައި އެއޮތް ގޮތައް އޭނާ ވިދާޅުނުވާ ކަމަށެވެ.

އެ ވާހަކަތަކަކީ ހަދައިގެން ލިޔެފައިވާ ލިޔުމެއް ކަމަށް ޝެއިޚް އިލްޔާސް ވިދާޅުވި ނަމަވެސް 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް އައްޑޫ ސިޓީ ހިތަދުއަށް ވަޑައިގެން އިލްޔާސް ވަނީ ރައީސް ޞާލިހާއި ނައިބު ރައީސް ފައިސަލް ނަސީމަކީ ކީރިތި ރަސޫލާ صَلَّى الله عَلَيه وسَلَّمَ ދުއާ ދެއްވާފައިވާ ފަދަ ވެރިން ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އޭރު ވެސް އޭނާއަށް އަމާޒުވިއެވެ.