ބ. ދަރަވަންދޫ އަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ފާހަގަކޮށްލެވޭ ތާރީހަކާއި، ސަޤާފަތެއް އޮތް ރަށެކެވެ.
ހާއްސަގޮތެއްގައި ދަރަވަންދޫއަކީ ޅެންވެރިކަމާ، ދިވެހި ބަހުގައި އަރާހުރި، ޅެންވެރިންނާއި ޝާއިރުންގެ އިތުރުން ތަފާތު އިލްމުގެ މީހުން އުޅުނު އަދި އުޅެމުންދާ ރަށެކެވެ. އެގޮތުން ދަރަވަންދޫ ހުސެއިން އެދުރުކަލޭފާނު އާއިލާއަކީ މުޅި ރާއްޖެއަށް އެ އާއިލާގެ ބޭފުޅުންގެ ފަރާތުން ބޮޑެތި ކަންތައްތަކެއް ލިއްބައިދިން އާއިލާއެއްކަން ތާރީހް ފޮތްތަކުން ކިޔައިދެއެވެ.
އެގޮތުން ޝެއިޚް ހުސެއިން ސަލާހުއްދީން އަކީވެސް ފާހަގަކޮށްލެވޭ ނަންފުޅެކެވެ. އޮނަރަބަލް އިބްރާހިމް ޝިހާބް، އަދްނާން ހުސެއިން އަދި ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ އަނބިކަނބަލުން ފާތިމަތު ސައީދުއާއި ރާއްޖޭގެ ދެވަނަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާޞިރު ރަންނަބަނޑޭރި ކިލޭގެފާނުގެ އަނބިކަނބަލުން މަރިޔަމް ސައީދަކީވެސް މި އާއިލާގެ ބޭފުޅުންނެވެ.
ދިވެހިރާއްޖޭގެ ސަގާފަތާއި، ތާރީޚުގައި ހިމެނޭ ހެއްވާ މަޖާ އެތައް ކަމަކާއި ވާހަކައެއް އަޅުގަނޑުމެން އަޑުއަހަމުއެވެ. ދަނގެތީ މީހުން ހަނދު ރުނބަޔަށްލީ ވާހަކައާއި، ހޯރަފުށީ މީހުން ފަންކާ އެނބުރި ވާހަކައިގެ އިތުރުން ވިލިފުށީ މީހުން ދޮންނަ މެޝިނުގައި ޖޫސް ގިރުމާއި އަނދިރި ހިއްކި ވާހަކައަކީވެސް އަޅުގަނޑުމެން ތުންތުންމަތިން އަޑުއަހާ ވާހަކަތަކެވެ.
މީގެއިތުރުން ދިވެހިން ބޭނުންކޮށް އުޅޭ ތަކެއްޗަށް، އެ އެއްޗެއް އެންމެ ފުރަތަމަ ބޭނުންކުރިއިރު ލިބެންހުރި ބްރޭންޑުގެ ނަމުން ނަންދޭ ކަމީވެސް މިއަދު އަޅުގަނޑުމެން ހެމުން އެ ވާހަކަތައް ދައްކާ ކަންކަމެވެ. އެގޮތުން އެކްސްކަވޭޓަރގައި ރާއްޖޭގައި ހައިމާކް ބްރޭންޑް ބޭނުންކުރީތީވެ، މިއަދާ ހަމައަށްވެސް އެކްސްކަވޭޓަރަށް ހައިމާކު ކިޔުމާއި، ކޮންމެ ބްރޭންޑެއްގެ ދޮންނަ ކުނޑިއަކަށްވެސް އޯމޯ ކިޔާކަމީ އެކަންކަން މަޖާޒީ ގޮތެއްގައި އަޅުގަނޑުމެން ފާހަގަކުރާ ކަންކަމެވެ.
މި ރިޕޯޓުގައި މި ހިމަނާލަނީ މީގެކުރިން ގިނަބަޔަކަށް އަޑުނީވޭ، މިފަދަ އެހެން ވާހަކައެކެވެ. ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން ހަތަރު ވަނަޔަށް އެންމެ ބޮޑު ރަށް، ދަރަވަންދޫގެ ވާހަކައެކެވެ. ރަށު އޮފީހުން ނުވަތަ މިހާރުގެ ގޮތުންނަމަ ކައުންސިލް އިދާރާއިން އަންގާ އެންގުންތައް، ރަށު ރައްޔިތުންނަށް އެންގުމަށް ބޭނުންކުރާ "މެގަފޯނަށް"، ކޯފުއްޕި ކިޔުނު ގޮތުގެ ވާހަކައެވެ.
މި މައުލޫމާތު "ވީނިއުސް"އާ ހިއްސާކުރީ، އެ ރަށު މިސްކިތްތަކުގައި އިމާމުކަންކޮށް، ސްކޫލުގައި ގުރުއާން ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރުމުގެ އިތުރުން، "ކޯފުއްޕީ"ގެ އެހީގައި ރަށު ރައްޔިތުންނަށް އެންގުންތައް އަންގަން މަސައްކަތްކުރި ޖައުފަރު އަހުމަދު، ރަށު ރައްޔިތުންގެ ނަމުންނަމަ ޖައުފަރުބެއެވެ.
ރަށަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްތަކެއްކޮށްފައިވާ ޖައުފަރުބެ ބުނި ގޮތުގައި، އެ ރަށަށް އެންމެފުރަތަމަ މެގަފޯނެއް ލިބުނީ، 80 ގެ އަހަރުތަކުގެ ފަހުކޮޅުއެވެ. އެއީ އޭރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ރައީސް، މައުމޫން އަބްދުލްޤައްޔޫމުގެ ވެރިކަމުގައި، ކޮންމެ ރަށަކަށް ހަދިޔާކުރި މެގަފޯނުތަކުގެ ތެރެއިން ދަރަވަންދޫއަށް ލިބުނު މެގަފޯނެވެ. އޭގެއިތުރުން، މާލޭގެ ޚަބަރުތައް ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި ކޮންމެ ރަށަކަށް ސަރުކާރުން ޓީވީއެއް ހަދިޔާކުރި ކަމަށް ޖައުފަރުބެ ބުންޏެވެ. މި މެގަފޯނުގެ ބޭނުން އެންމެފުރަތަމަ ކުރެއްވީ އޭރު ރަށުގެ ކަތީބަކަށް ހުންނެވި ސައީދު މޫސާއެވެ.
އެއަށް ކޯފުއްޕި ކިޔުނުގޮތް ޖައުފަރުބެ ވަނީ ވީނިއުސްއާ ހިއްސާކޮށްފައެވެ.
ޖައުފަރުބެ އިތުރަށް ބުނީ، 1980 ގެ އަހަރުތަކުގެ ފަހުކޮޅު ރަށަށް ލިބުނު މި މެގަފޯނު، ވަރަށް ފަހަކާ ޖެހެންދެން ރަށުގައި ބޭނުންކުރި ކަމަށެވެ. އައު މެގަފޯނެއް ރަށަށް ހޯދީ "ކޯފުއްޕި" ހަލާކުވެ، ބޭނުންނުކުރެވޭވަރު ވުމުންކަމަށް ޖައުފަރުބެ ބުންޏެވެ.
ފާހަގަކޮށްލެވޭ ކަމަކީ، ޒަމާނަށް އައި ބަދަލާއެކު ޓެކްނޮލޮޖީއަށް އައި ކުރިއެރުންތަކާ އެކުވެސް އަދިވެސް ދަރަވަންދޫގައި އާންމު އެންގުންތައް އެންގުމަށް "ކޯފުއްޕި"އެއްގެ ބޭނުން ހިފާކަމެވެ. "ވީޓީވީ" ގެ ޓީމުން، މިދިޔަ އަހަރުގެ އަޟްޙާ ޢީދުގެ ކަވަރޭޖަށް ދަރަވަންދޫއަށް ކުރި ހަތް ދުވަހުގެ ދަތުރުގައި ވެސް އެކަން ފާހަގަކުރެވުނެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ޖައުފަރުބެ ބުނީ، އަދިވެސް ހަމަ ގިނަ ފަހަރަށް ބޭނުންކުރަންޖެހޭ މުހިންމު އެއްޗަކަށް ކޯފުއްޕި ވާކަމަށެވެ. ޓެކްނޮލިޖީއާއެކު އައި ފަސޭހަތަކާއެކުވެސް، އެންމެ ފަސޭހަ ވަސީލަތަކަށް އަދިވެސް ވަނީ ހަމަ އެއްކަލަ ކޯފުއްޕިކަމަށް ޖައުފަރުބެ ބުންޏެވެ. ކުރިއަށް އޮތްތަނުގައި ވެސް، ޓެކްނޮލޮޖީ ކިތަންމެ ކުރިއަރައިގެން ދިޔަ ނަމަވެސް، ކޯފުއްޕީގެ ބޭނުން ރަށު ރައްޔިތުން ކުރާނެކަމަށް ދެކޭކަމަށް ޖައުފަރުބެ ބުންޏެވެ.
ޒަމާނަށް އައި ބަދަލާއި، މީހުންނަށް އައި ކުރިއެރުންތަކާ އެކުވެސް، ދަރަވަންދޫގެ ރައްޔިތުންނަކީ، އެ ރަށުގެ ތާރީޚާއި ސަޤާފަތާ ގުޅިފައިވާ ކަންތައްތަކަށް ހާއްސަ ސަމާލުކަމެއްދީ، އެކަންކަން ދިރުވާ އާލާކުރުމަށް ހާއްސަ އަހަންމިއްޔަތުކަމެއްދޭ ބައެކެވެ. އަމިއްލަ ގޮތްތަކާއި، އަމިއްލަވަންތަކަމަށް އިސްކަންދޭ ބައެކެވެ. "މަގޭ ދަރަވަންދޫ"، މި ޝިއާރަކީ ވެސް އެފަދަ ގޮތަކަށް އައިސްފައިވާ ޝިއާރެކެވެ.