އެމެރިކާގެ މާކެޓްގައި ރާއްޖެ އިޝްތިހާރު ކުރުމަށް ސިންގަޕޮރ އެއަރލައިންސްއާ (އެސްއައިއޭ) އެކު ޑެސްޓިނޭޝަން ވިޒިބިލިޓީ ކެންޕެއިނެއް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ފަށައިފިއެވެ.

ސިންގަޕޮރ އެއަރލައިންސްއާ ގުޅިގެން ހިންގާ މިކެންޕެއިން ކުރިޔަށްދާނީ މިމަހުން ފެށިގެން މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށެވެ.

ސިންގަޕޯރ އެއަރލައިންސްއަކީ ސިންގަޕޮރ އިންޓަނެޝެނަލް ޗަންގީ އެއަރޕޯޓުގައި ބިނާކޮއްފައިވާ ދުނިޔޭގެ އެންމެ ބޮޑު އެއަރލައިންތަކުގައި ހިމެނޭ އެއަރލައިންއެކެވެ. މި އެއަރލައިނުން 32 ގައުމެއްގެ 62 މަންޒިލަށް ދަތުރުކުރެއެވެ.

އެ އެއަރލައިނުން ދަނީ ލޮސް އެންޖަލިސް އިންޓަރނޭޝަނަލް އެއަރޕޯޓާއި ސެންފްރެންސިސްކޯ އިންޓަރނޭޝަނަލް އެއަރޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ފްލައިޓްތައް އޮޕަރޭޓްކުރަމުންނެވެ. ރާއްޖެއަށް އަންނަ ފްލައިޓްތަކުގެ 13 އިންސައްތަ ހިއްސާކުރަނީ އެސްއައިއޭ މެދުވެރިކޮށް، މި 2 އެއަރޕޯޓުން ވެލާނާ އިންޓަނެޝަނަލް އެއަރޕޯޓަށް އަންނަ ފްލައިޓްތަކުން ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ. މިއީ ރާއްޖެއަށް 4 ވަނައަށް އެންމެ ގިނައިން ފްލައިޓް އޮޕަރޭޓްކުރާ އެއަރލައިންވެސްމެއެވެ.

މި ކެމްޕެއިންގެ ދަށުން އޮންލައިން އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖެއަށް އެމެރިކާއިން އަންނަ ފަތުރުވެރިން އިތުރުކުރުމަށް މަސައްކަތް ކުރާނެކަމަށް އެމްއެމްފީއާރުސީން ބުނެއެވެ. އެސްއައިއޭ މެދުވެރިކޮށް ރާއްޖެއަށް އެމެރިކާއިން ފަތުރުވެރިން ބުކިން ހަދާ މިންވަރު އިތުރުކޮށް، މި މާކެޓުން އަންނަ ފަތުރުވެރިން އިތުރު ކުރުމައްޓަކާ ސިންގަޕޯރ އެއަރލައިންސް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރެވޭ އަގުތަކާއި، ޕެކޭޖުތައް އިޝްތިހާރުކުރާނެއެވެ.

މި ކެމްޕެއިންގެ ތެރެއިން އޮންލައިންކޮށް ޓިކެޓް، އެކޮމޮޑޭޝަން އަދި ފަތުރުވެރިކަމުގެ އެކި ޕެކޭޖުތައް އިޝްތިހާރުކޮށް، ވިއްކުމުގައި އެހީތެރިވާ އެކްސްޕީޑިއާ، ސްކައިސްކޭނަރ އަދި ޕިންޓްރެސްޓް ބޭނުންކުރާނެއެވެ.

އެގޮތުން، ރާއްޖޭގެ އިޝްތިހާރުތައް މި ޕްލެޓްފޯމްތަކުގައި ދައްކާ އިޝްތިހާރުތައް މެދުވެރިކޮށް ރާއްޖެއަށް ދަތުރުކުރުމަށް އެސްއައިއޭގެ ޓިކެޓް ހިޔާރުކުރުމަށް އެމެރިކާ މާކެޓުގެ ފަތުރުވެރިންނަށް ބާރު އެޅުމުގެ ގޮތުން ރާއްޖޭގެ މައުލޫމާތާއި، އަގުތަކާއި، އެހެން މައުލޫމާތު ޕްރޮމޯޓްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އެމްއެމްފީއާރުސީން ބުނީ، މި ކެމްޕެއިންގެ ޒަރިއްޔާއިން ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެ، މުސްތަގުބަލުގައި ރާއްޖެއަށް އަންނަފަތުރުވެރިން އިތުރުވާނެކަމަށާ އެމެރިކާ މާރކެޓްގައި ރާއްޖެ އިތުރަށް ތަމްސީލްވާނެކަމަށެވެ.

މި އަހަރު މިހާތަނަށް، އެމެރިކާއަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކޮށްފައިވާ މާކެޓެވެ.

އެގޮތުން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާއިން ރާއްޖެއަށް 41،943 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިމުއްދަތުގައި ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދަށް ބަލާނަމަ 4.8 އިންސައްތަ ހިއްސާއެވެ.

އެމްއެމްޕީއާރުސީއިން 2021 ވަނަ އަހަރުވެސް މި މާކެޓަށް ގިނަ ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގާފައިވެއެވެ.