1443ވަނަ އަހަރު އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށްފަހު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީގެ އަނބިކަނބަލުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

ރާއްޖޭގެ އަމީރުލް ޙައްޖު މިއަދު ރާއްޖެވަޑައިގެންފައިވާއިރު، ރާއްޖެއިން މިއަހަރު ޙައްޖަށް ދިޔަ ޙައްޖާޖީންގެ ތެރެއިން 157 ޙައްޖުވެރިން ވަނީ މިއަދު ހެނދުނު ރާއްޖެ އައިސްފައެވެ. އަދި މި އަންނަ ހޮނިހިރު ދުވަހު 175 ޙައްޖުވެރިން ރާއްޖެ އައުމަށް ހަމަޖެހިފައިވާއިރު، 27 ޖުލައިގައި 117 ޙައްޖުވެރިން ރާއްޖެ އަންނާނެއެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 453 މީހަކު ޙައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ.

ރާއްޖޭގެ ޙައްޖު މިޝަންއިން ހާމަކުރައްވާގޮތުގައި ހުރިހާ ޙައްޖާޖީންގެ ޙާލުވެސް ރަގަޅެވެ.

ހައްޖުވެރިންނަށް ޚާއްސަކޮށް ޚިދުމަތް ދިނުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޙައްޖުވެރިންނަށް ޚާއްސަ ސަރަޙައްދެއް ހަމަޖައްސާފައިވާއިރު އެކަމަށްޓަކައި އެ ކުންފުނީގެ އިތުރު މުވައްޒަފުންވެސް އެސަރަހައްދުގައި ހަރަކާތްތެރިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިފަހަރު ޙައްޖާޖީން ބަލާ އެއަރޕޯޓަށްދާ މީހުންނަށް ޚާއްސަކޮށް ހިލޭ ދަތުރުކުރެވޭ ގޮތަށް ވެހިކަލްތަކެއް ހަމަޖައްސާފައިވާ ކަމަށާއި، ކޮންމެ 15 މިނެޓަކުން ބަސްދަތުރުތައް ބޭއްވުމަށް ހަމަޖައްސާފައިވާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މާލެއިން ހުޅުމާލެއަށްދާ މީހުންނަށް މިނިސްޓްރީން ވަނީ ވެސްޓްޕާކާއި، ކާނިވާ ސަރަހައްދާއި، ހުޅުމާލެ ފޭސް 1 އިން، އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ދިއުމުގެ އިންތިޒާމް ހަމަޖައްސާފައެވެ. މިހަތަރު ސަރަހައްދުންވެސް ހެނދުނު 9:45، 10:00، 10:15، އަދި 10:30 ގައި ބަސްތައް އޮންނާއެވެ.

ހައްޖުވެރިން ދަތުރުކުރާ ގަޑިތަކުގައި މޯލްޑިވްސް ޕޮލިސް ސާރވިސްއިން ޚާއްސަގޮތެއްގައި އެސަރަހައްދުތަކުގައި ޓްރެފިކް ބަލަހައްޓާނެއެވެ. އަދި ޙައްޖުވެރިން ޓެކްސީތަކާއި ހަމައަށް ގެންގޮސްދިނުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އަދި ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ރެޑްކްރެސެންޓްގެ އެމްބިއުލާންސްވެސް އެއަރޕޯޓުގައި އޮންނާނެއެވެ.