މީގެ 10 އަހަރު ކުރިން ބ. އަތޮޅު ދަރަވަންދޫގައި ހުޅުވުނު ވައިގެ ބަނދަރަރާއެކު އެ ރަށުގައި ފަތުރުވެރިކަން ފުޅާކުރުމުގެ ދޮރު ތަންމިނަށް ހުޅުވުނެވެ. ނަތީޖާއަކަށްވީ އަހަރުތަކެއްގެ ތެރޭގައި މި ރަށުގައި ފަތުރުވެރިކަން ފައްކާވާން ފެށުމެވެ. އަދި ބ. އަތޮޅުގައި ލޯކަލް ޓުއަރިޒަމް އެންމެ ފުޅާ އެއް ރަށަށް ދަރަވަންދޫ މިއަދު ވުމެވެ.

ބ. އަތޮޅަށް ޒިޔާރަތްކުރާ ފަތުރުވެރިން އެއަތޮޅަށް ޗުއްޓީ ހޭދަކުރުމަށް އަންނަ އެންމެ ބޮޑު އެއް ބޭނުމަކަށް ވެފައި އޮންނަނީ "ހަނިފަރު ބޭ"އަށް ގޮސް މަންތާ ނުވަތަ އެންމަޑި ބަލާލުމެވެ. ކޮންމެ އަހަރެއްގެވެސް މޭމަހުން ފެށިގެން ނޮވެމްބަރުމަހުގެ ނިޔަލަށް އެއީ މަންތާ މޫސުމެވެ. ދުނިޔޭގައިވެސް އެންމެ ގިނައިން އެއްސަރަހައްދަކުން އަދި މިހާ ދިގުމުއްދަކަށް މަންތާ ފެންނަ އެއްސަރަހައްދަކީ ބ. އަތޮޅުގައި އޮންނަ ހަނިފަރުބޭ ހިމެނޭ ސަރަހައްދެވެ. އެއީ ހިމާޔަތްކޮށްފައި އޮންނަ ސަރަހައްދެކެވެ. ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރު ބ. އަތޮޅަށް އަންނަ ފަތުރުވެރިންގެ އެންމެ ދާހިތްވާ އެއްމަންޒިލަކީވެސް މީއެވެ. ދަރަވަންދޫގައި ފަތުރުވެރިކަން ފުޅާވުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި މިރަށަށް ހިމެނޭ ސަރަޙައްދުގައި ގުދުރަތީ ގޮތުން ޚާއްޞަ ތަންތަން ކަމަށްވާ "ހަނިފަރު ބޭ" އަދި "ދަރަވަންދޫ ތިލަ" އޮތުން ފާހަގަކޮށްލެވެއެވެ.

ފަތުރުވެރިންގެ މެދުގައި މަޤުބޫލު ނަމަވެސް ދަރަވަންދުއަށް މި ކަމުގައި ކުރިއެރުމަށް ގޮންޖެހުންތަކެއް ވެސް އެބަ ހުށްޓެވެ. އެ ގޮތުން އެންމެ ފާހަގަކޮށްލެވެނީ މި ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައެވެ. ރަށުގެ އުތުރު ފަރާތުގައި އޮންނަ ސާފުރީތި ދޮންވެލިގަނޑު ގިރާލާ، ގޮނޑުދޮށުގައި ހެދިފައި ހުރި ރުއްގަސް ފަދަ ދިރުންތައް ވެއްޓި މަރުވެ ނެތެމުންދާ މައްސަލައެވެ.

ދަރަވަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ހިލަޖަހާފައި --- ފޮޓޯ: ޒިދާން މުހައްމަދު / ވީނިއުސް

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް ފާހަގަކުރައްވާ ގޮތުގައި، ކުރިއަށް އޮތް އިރުވައި މޫސުމުގެ ކުރިން މި މައްސަލައަށް ހައްލެއް ނުގެނެސްފި ނަމަ އެ ސަރަހައްދު ގިރައި، ރަށުގެ ފަތުރުވެރިކަމަށް ފޫނުބެއްދޭފަދަ ގެއްލުމެއް ވުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ. އެހެންކަމުން ސަމީހް ވަނީ ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫޢު މަޑުޖެހުމެއް ނެތި ކުރިއަށް ގެންގޮސްދިނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.

ދަރަވަންދޫ ކައުންސލްގެ ރައީސް އަލީ ސަމީހް

މި މަސައްކަތަކީ މި ރަށަށް ދިމާވެފައި އޮތް ރަށްގިރުމުގެ މައްސަލައަށް ހައްލެއް ޙޯދައިދިނުމުގެ ގޮތުން ސަރުކާރުން މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސ)އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް އެމްޓީސީސީން ހިލަ ޖެއްސުމުގެ އަމަލީ މަސައްކަތް ފެށީ 28 މެއި 2022 ވީ ހޮނިހިރު ދުވަހުއެވެ. މި މަސައްކަތް މި ރަށުގައި ކުރިއަށްގެންދަނީ ރަށުގެ ގުރުދަރީ ވެއްޓަށް ގެއްލުން ނުވާނެެ ގޮތަކަށް ޑިޒައިންކޮށްގެންނެވެ.

މި މަޝްރޫއުގެ މަސައްކަތަށް ބަލާއިރު ހިމާޔަތްކުރުމަށް ހިލަ ޖައްސާނީ ކަނޑު ތޮށި ޖަހާ އުސޫލުން ބައިބައި ވަކިން މޫދުގައެވެ. ކޮންމެ ދެ ތޮށްޓެގެ މެދުގައި ރާޅު ވެއްދުމަށާއި އޮއެ ދެމުމަށް ޖާގައެއް ބާއްވާނެއެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމަށް ހިލަ ގެނައުން ---- ފޮޓޯ: ޒިދާން މުޙައްމަދު / ވީނިއުސް

ދިވެހި ސަރުކާރާއި މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަޙައްދަށް އެޅުމާއި، އަދި 490 މީޓަރުގެ ބޭރުތޮށްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ގިރާ ސަރަޙައްދު ހިމާޔަތް ކުރުމަށް 96 މީޓަރުގެ ރިވެޓްމެންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

22.14 މިލިއަން ރުފިޔާ ޚަރަދުވާ މިމަޝްރޫއުގެ އަމަލީ މަސައްކަތުގައި ލަސްތަކެއް ހުރިކަން ފާހަގަކުރެެވެއެވެ. ރާއްޖޭން ބޭރުން ހިލަ ގެނެއުމުގައި ހުރި ދަތިތަކެއްގެ ސަބަބުން، ހިލައިގެ ޝިޕްމަންޓް ގެނެއުން ލަސްވެފައިވާއިރު، ކަނޑައެޅިފައިވާ މުއްދަތުގައި މަސައްކަތް ނިންމޭނެ ކަމަކަށް ނުބެލެވެއެވެ

އެހެން ނަމަވެސް ދަރަވަންދޫ ކައުންސިލާއި ރައްޔިތުން ތިބީ މި މަސައްކަތް ސަރުކާރުން ހަވާލުކުރި ކުންފުންޏަށް އިތުބާރުކޮށްގެން، އަވަސް މުސްތަގުބަލެއްގައި މި މައްސަލައިގެ ހައްލަށް ވާސިލުވެވޭނެ ކަމުގެ ފޮނި އުންމީދުގައެވެ.