ބޮލީވުޑްގައި މިވަގުތު ހިމެނޭ ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ފާހަގަކުރެވޭ ބަތަލާ ތާރާ ސުތާރިއާ ތްރިލާ ފިލްމަކަށް ސޮއިކޮށްފިއެވެ.
ތާރާ ސޮއިކުރިކަމަށް ރިޕޯޓުތަކުން ބުނަނީ ސްޓާ ސްޓޫޑިއޯއާއި ސައިން 1 ސްޓޫޑިއޯގެ "އަޕުރްވާ" ނަމަކަށްކިޔާ ފިލްމަކަށެވެ.
ޑައިރެކްޓަރު ނިކިލް ނާގޭޝްގެ މިފިލްމަކީ ސަސްޕެންސް ތްރިލާއެކެވެ. މިފިލްމުގައި ތާރާ ފެނިގެންދާނީ މީގެކުރިން އޭނާ ފެނިފައި ނުވާފަދަ ތަފާތު ރޯލަކުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
މިފިލްމާ ބެހޭގޮތުން މާބޮޑު ތަފްސީލު ހާމަކޮށްފައި ނުވާއިރު ތާރާއާއެކު ފިލްމުގައި ދެން ފެނިގެންދާނީ ކޮން ބައެއްކަންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެހެންނަމަވެސް ފިލްމު ބިނާކޮށްފައިވަނީ ބަތަލާގެ ރޯލަށްކަމުން މިފިލްމަކީ މިފަދަ ރޯލަކުން ތާރާ ފެނިގެންދާނެ ފުރަތަމަ ފިލްމުވެސްމެއެވެ.
ތާރާ ބުނެފައިވަނީ ފިލްމުގައި ދައްކުވައިދޭ ބަތަލާގެ ރޯލަކީ، ވަރަށް ހިތްވަރުގަދަ، ދިރިއުޅުމުގައި ދިމާވާ ނުރައްކާތެރި އެތައްކަމަކާ ކުރިމަތިލާންޖެހި އެކަންތައްތަކުން ކާމިޔާބު ހޯދާ އަންހެންކުއްޖެއްގެ ރޯލެވެ. އަދި މިއީ ކެރިއަރުގައި ކުޅެން ލިބުނު ވަރަށް ރަގަޅު ރޯލެއްކަމަށް ތާރާވަނީ ބުނެފައެވެ.
ސައިން ސްޓޫޑިއޯގެ ފަރާތުން ވާހަކަ ދައްކަމުން މުރާދު ކެތާނީ ބުނެފައިވަނީ ފިލްމުގެ ސްކްރިޕްޓް ކިޔާލުމަށްފަހު އެންމެ ފުރަތަމަ ހިޔާލަށްއައީވެސް ބަތަލާގެ ރޯލަށް ތާރާގެ ނަމެވެ.
ދާދިފަހުން ތާރާ ކުޅެފައިވާ ފިލްމުތަކުގައި އޭނާ ދައްކުވައިދީފައިވާ ހުށަހެޅުންތަކަށް ބެލުމަށްފަހު މިއީ ބަތަލާއަށް އެންމެ ރަގަޅަށް ޕާފޮމެންސް ދެއްކޭނެކަމުގެ ޔަގީންކަން އޮތް ރޯލެއްކަމަށް މުރާދުވަނީ ބުނެފައެވެ.
ފިލްމުގެ ޝޫޓިންގް ވަރަށް އަވަހަށް ފެށުމަށް ނިންމާފައިވާއިރު ފިލްމު ރިލީޒްކުރެވޭނެ ވަކި ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.
2019 ވަނަ އަހަރު ދަރްމާގެ ދިދައިގެ ދަށުން ބޮލީވުޑަށް ތައާރަފްވި ޒުވާން ބަތަލާގެ އެންމެ އަވަހަށް ރިލީޒްވުމަށް ހަމަޖެހިފައިވަނީ އެކްޓަރު އަރުޖުން ކަޕޫރު އަދި ޖޯން އަބްރަހަމްއާއެކު ފެންނަ ފިލްމު "އެކް ވިލަން ރިޓާންސް" އެވެ.
ތާރާ ކުޅެފައިވާ ރީތި ފިލްމުތަކުގެތެރޭގައި "ތަޅަޕް"، "މަރުޖާވާން" އަދި އަލަތު ފިލްމު "ސްޓޫޑެންޓް އޮފް ދަ އިއާ2" ހިމެނެއެވެ.