ބަތަލާ އާލިއާ ބަޓްއާއި އެކްޓަރް ރަންވީރް ސިންގް އެކީގައި ފެނިގެންދާ 2 ވަނަ ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ރިލީޒްކުރުން ލަސްކުރުމާއި ގުޅިގެން ދެކެވޭ ވާހަކަތައް ތެދުކަމަށް ދަރްމާ ކުންފުނިން ކަށަވަރު ކޮށްދީފިއެވެ.

ޕްރޮޑިއުސަރު ކަރަން ޖޯހަރު މިހަބަރު ޔަގީންކޮށްދެމުން ބުނެފައިވަނީ ކުރިން ޝެޑިއުލް ކުރެވިފައިވާގޮތުން ފިލްމު ފެބްރުއަރީ 2023 ގައި ރިލީޒްކުރަން ހަމަޖެހުނު ނަމަވެސް މިހާރު ފިލްމު ރިލީޒްކުރުން ލަސްކުރެވިފައިވާ ކަމަށެވެ.

ފިލްމު ރިލީޒްކުރާ ދުވަސް ފަސްކުރީ ފިލްމުގެ މެއިން ރޯލްކުޅޭ ބަތަލާ އާލިއާ ބަޓް ބަލިވެއިނުމާއި ގުޅިގެންނެވެ. ވިހެއުމަށްފަހު އާލިއާއަށް ކުޑަ ބްރޭކެއް ބޭނުންވާނެތީ ކަރަން ބޭނުންވަނީ ވީހާވެސް ހަމަޖެހިލައިގެން ފިލްމު ރިލީޒްކުރުމުގެ މަރުހަލާ ކުރިޔަށް ގެންދިއުމަށެވެ.

ކަރަން ބުނެފައިވަނީ މިހާތަނަށް ފިލްމުގެ ޝޫޓިންގް ޝެޑިއުލް ކުރިޔަށްދަނީ ވަރަށް އަމާންއޮމާންކޮށެވެ.

ބަތަލާ އާލިއާ ބަޓްގެ ހިމެނޭ ހުރިހާ މަންޒަރެއް ގާތްގަނޑަކަށް ނިމިފައިވާއިރު ބާކީ ނުނެގިހުރީ ވަރަށް މަދު ސީންތަކެއް ކަމަށްވެސް ކަރަންވަނީ ބުނެފައެވެ. އަދި އޭނާ އެމަންޒަރުތައް ނަގަން ބޭނުންވަނީ އާލިއާގެ ވިހެއުމުގެ ޗުއްޓީ ނިމި ކަންތައްތައް ހަމައަކަށް އެޅުމުން ކަމަށްވެސް ކަރަންވަނީ ބުނެފައެވެ.

މީގެއިތުރުން ފިލްމުގައި ހިމެނޭ 1 ލަވަވެސް އަދި ޝޫޓް ނުކުރެވޭ ކަމަށާއި މިލަވަ ޝޫޓްކުރުމުގައި ލޮކޭޝަން މައްސަލަތަކެއްވެސް ހުރުމާއެކު އެންމެ ރަގަޅުގޮތަކީ ފިލްމު ރިލީޒްކުރުން މިވަގުތަށް މަޑުޖައްސާލުން ކަމަށް ކަރަންވަނީ ބުނެފައެވެ.

ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" ރިލީޒްކުރުން ލަސްކޮށްފައިވަނީ އެކްޓަރު ކާތިކް އާރްޔަންގެ ފިލްމު "ޝެހެޒާދާ" އަންނަ އަހަރު ރިލީޒްކުރާ ތާރީޚާ ފުށުއަރާތީކަމަށް އަޑުތައް ފެތުރުނު ނަމަވެސް ކަރަންވަނީ އެކަން ދޮގުކޮށްފައެވެ.

ފިލްމު "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ" އަކީ ޚުދު ކަރަން އަމިއްލައަށް ޑައިރެކްޓުކުރާ ފިލްމެއްކަމުން އޭނާ ބޭނުންވަނީ މިފިލްމު ވީހާވެސް ފުރިހަމައަށް ބެލުންތެރިންނަށް ގެނެސްދިނުމަށެވެ.

އާލިއާއާއި ރަންބީރުގެ އިތުރުން ފިލްމުން ވަރަށް ހާއްސަ ލެޖެންޑު ތަރިން ފެނިގެންދާނެއެވެ. އޭގެތެރޭގައި އެކްޓަރު ދަރުމެންދްރާއާއި ބަތަލާ ޖަޔާ ބައްޗަންގެ އިތުރުން ޝަބާނާ އާޒްމީ ހިމެނެއެވެ.

ކަރަން އެންމެ ފަހުން ޑައިރެކްޓްކޮށްފައިވާ ފިލްމަކީ 2016 ވަނަ އަހަރު ރިލީޒްވި ރީތި ލޯބީގެ ފިލްމު "އޭދިލްހެ މުޝްކިލް" އެވެ.