ހިންދީ ސިނަމާގެ ކާމިޔާބު ބަތަލާ ކާޖޮލް ދޭވްގަން އޭނާގެ ފުރަތަމަ ވެބް ސީރީސްއަށް ތައްޔާރުވެފައިވާކަމަށް ބުނެފިއެވެ.
ޑިޒްނީ ޕްލަސް ހޮޓް ސްޓާއިން ޕްރިމިއާކުރަން ހަމަޖެހިފައިވާ މިވެބް ސީރީސްގެ ޚަބަރު ބަތަލާ ކާޖޮލްގެ އިތުރުން ޑިޒްނީ ޕްލަސްއިންވެސްވަނީ ކަށަވަރު ކޮށްދީފައެވެ.
ޑިޒްނީ ޕްލަސްގެ ވެބް ސީރީސްއަކުން ކާޖޮލް ފެނިގެންދާއިރު ފިރިމީހާ އަދި އެކްޓަރު އަޖޭ ދޭވްގަންވެސްވަނީ މިޕްލެޓްފޯމްގެ ވެބް ސީރީސްއަކުން ފެނިފައެވެ. އެއީ މިއަހަރުގެ މާރޗް މަހު ރިލީޒްކުރި ސީރީސް "ރުދްރާ" އެވެ.
ސުޕާން ވަރްމާގެ މިއުފެއްދުމަކީ، ކްރައިމް. ޕޮލިޓިކްސް އަދި އާއިލީ ގުޅުންތަކުގެ މައްޗަށް ބިނާކޮށްގެން އުފައްދާ މިކްސް ޑްރާމާއެކެވެ.
އޭޝިއާގެ ފިލްމު އުފައްދާ ކުންފުންޏެއް ކަމަށްވާ ބަނީޖޭ އޭޝިއާގެ ބަނީޖޭ ގްރޫޕުން އުފައްދާ މިސީރީސްގެ މަސައްކަތް ނިމުމުން ރިލީޒްކުރެވޭނީ އަންނަ އަހަރުގައިކަމަށް ރިޕޯޓުތައް ބުނެއެވެ.
ވެބް ސީރީސްއަކަށް ބަތަލާ ސޮއިކޮށްފައިވާއިރު މީގެކުރިންވެސް ކާޖޮލްވަނީ ޑިޖިޓަލް ޕްލެޓްފޯމްއަކާއި ގުޅިގެން މަސައްކަތް ކޮށްފައެވެ.
އެގޮތުން މިދިޔަ އަހަރު ނެޓްފްލިކްސްއިން ރިލީޒްކުރި ފިލްމު "ތްރިބާންގާ" ގެ މުހިއްމު ރޯލްއިން ކާޖޮލްވަނީ ފެނިފައެވެ.
ކާޖޮލްއާއެކު ފިލްމު "ތްރިބާންގާ" އިން ދެން ފެނިގެންދިޔައީ ބަތަލާ ތާންވީ އަޒްމީއާއި މިތީލާ ޕާލްކަރްއެވެ.
ވެބް ސީރީސްގެ އިތުރުން ކާޖޮލް އަންނަނީ އިތުރު ފިލްމެއްގައިވެސް މަސައްކަތް ކުރަމުންނެވެ. އެއީ އިންޑިއާގެ ދެކުނަތް ނިސްބަތްވާ ބަތަލާ އަދި ޑައިރެކްޓަރު ރެވަތީގެ ފިލްމު "ދަ ލާސްޓް ހުއްރާ" ނަމަކަށްކިޔާ ފިލްމެކެވެ.
މިފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްގެން އުފައްދާ ފިލްމެކެވެ.
މިފިލްމާއި ބެހޭގޮތުން ކާޖޮލް ބުނެފައިވަނީ ފިލްމުގެ ވާހަކަ ވަރަށް ރީތިކަމަށާއި މިއީ ކޮންމެހެންވެސް އޯޑިއަންސަށް ގެނެސްދިނުން މުހިއްމު ވާހަކައެއް ކަމަށެވެ. މީގެއިތުރުން ކާޖޮލް އަންނަނީ "ސަލާމް ވެންކީ" ނަމަކަށްކިޔާ ފިލްމެއްގައިވެސް މަސައްކަތް ކުރަމުންނެވެ.