ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ 'ބީއެމްއެލް ކޮމިއުނިޓީ ފަންޑު' ގެ ދަށުން ތ. ކިނބިދޫ އަދި ނ. ލަންދޫގައި ކުރިޔަށްދިޔަ ދެ ޕްރޮޖެކްޓް ކާމިޔާބު ކަމާއެކީ ނިންމާލައިފިއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ތ. ކިނބިދޫގައި ވަނީ ޕިކްނިކް ސަރަހައްދެއް ތަރައްގީކޮށްފައެވެ. ރަށުގެ ރައްޔިތުންނާއި ކިނބިދޫ ސްކޫލު ކުދިންނަށް ބޭނުން ކުރެވޭނެހެން އެސަރަހައްދުގައި ވަނީ ހަޓް، ޖޯލި، ބެންޗު އަދި އައުޓްޑޯ ޝަވަރެއް ބަހައްޓާފައެވެ.

މި ޕްރޮޖެކްޓް ކާމިޔާބުކުރި އައިޝަތު ސަމާ ބުނީ، އެރަށުގައި މޫދަށް އެރުމަށް ހާއްސަ ބީޗު ސަރަހައްދެއް ނެތުމުން ރަށުގެ ރައްޔިތުން ޕިކްނިކް ގޮސްއުޅުމާއި މުނިފޫހިފިލުވުމުގެ ހަރަކާތަތަކަށް އާންމު ގޮތެއްގައި ކައިރި ރަށްރަށަށް ދަތުރުކުރަން މަޖުބޫރުވާކަމަށެވެ. އެސަރަހައްދު ތަރައްގީވުމާއެކު، އެއީ އެންމެނަށްވެސް ބޭނުންކުރެވެނެ ތަނަކަަށް ވެގެންދާނެކަމަށް އޭނަ ބުންޏެވެ.

ކޮމިއުނިޓީ ފަންޑުގެ އެހީގައި ނ.ލަންދޫގައި ވަނީ ބާބަކިއު ހެދުމަށް ހާއްސަ ސަރަހައްދެއް ތަރައްގީކޮށްފައެވެ. މި ސަރަހައްދުގައި ވަނީ ބެންޗު، އުނދޯލި، އަދި ހަޓު ބަހައްޓާފައެވެ. މި ބާބަކިއު ސަރަހައްދުގައި މިނީ ލައިބްރަރީ އަކާއެކު ކެންޓީނެއް އަދި ތަކެތި ރައްކާކުރުމަށް ސްޓޯރެއް ވަނީ ގާއިމްކުރެވިފައެވެ.

ކޮމިއުނިޓީ ފަންޑު ޕްރޮޕޯސަލް ކާމިޔާބު ކުރި އަހުމަދު ރަޝީދު ބުނީ، މި ބާބަކިއު ސަރަހައްދު ހެދުމުގެ އެންމު ބޮޑު މަގުސަދަކީ ހިތްހަމަޖެހުމާއި އުފަލުގެ ތެރެއިން އެކުވެރި ބަދަހި އާއިލާތަކެއް އުފައްދާ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުންކަމަށެވެ.

ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ. މިހާރު ބޭންކުން ދަނީ މިއަހަރުގެ ދެވަނަ ކުއާޓަރ އަށް ހުށަހެޅުނު ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތްކުރަމުންނެވެ.