ޓްރެވަލް ޕްލަސް ލެޝަރގެ "ވޯލްޑްސް ބެސްޓް އައިލެންޑް އިން އޭޝިއާ" އެވޯޑް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ރާއްޖެއަށް މި އެވޯޑް ލިބިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 20 ވަނަދުވަހު، ޓްރެވަލް ޕްލަސް ލެޝަރގެ ވޯލްޑްސް ބެސްޓް އެވޯޑްސް ހަފްލާގައެވެ.

މި ހަފްލާގައި ބައިވެރިވެ، މިއެވޯޑާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީމަންދޫބެއްކަމަށްވާ ތިލްމީޛާ ޙުސައިންނެވެ.

ޓްރެވަލް ޕްލަސް ލެޝަރ އެވޯޑްސްއަކީ ދެމެހެއްޓެނިވި އަދި ޒިންމާދާރު ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތަކާއި ޕްރެކްޓިސްތަކާއި ތަޖުރިބާތައައް ތަޖުރިބާތައް ފޯރުކޮއްދޭ އެންމެހާފަރާތްތަކާއި، ކުންފުނިތަކާއި، މަންޒިލްތައް އަދި ޖަމިއްޔާތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

މި އެވޯޑު ރާއްޖެއަށް ލިބުމުން އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު ވިދާޅުވީ ބައިނަލްއަގްވާމީ މައިދާނުގައި މިފަދަ އެވޯޑުތައް ލިބުމަކީ މުޅި ޤައުމަށް ލިބޭ ފަޚުރެއްކަމެއް ކަމަށެވެ.

އަޅުގަނޑުމެންނަށް ލިބޭ ކޮންމެ އެވޯޑަކީ މުޅި ޤައުމަށް ލިބޭ ކާމިޔާބީއެއް، އެއީ ސަރުކާރާއި މިނިސްޓްރީތަކާއި ޓޫރިޒަމް ދާއިރާގެ ސްޓޭކްހޯލްޑަރުންނާއި ލޯކަލް އަދި އިންޓަނޭޝަނަލް ޕާޓްނަރުން އަދި ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކްހޯލްޑަރުންގެ ބުރަ މަސައްކަތާއި ޚިދުމަތްތެރިކަމާއި ކޮމިޓްމަންޓްގެ ނަތީޖާ. މަންޒިލްޕްރޮމޯޓްކޮށް، ވީހާވެސް ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް ކުރާ މަސައްކަތަކީ އަޅުގަނޑުމެން އެންމެން ގުޅިގެން އަބަދުމެ ދަމަހައްޓަން ޖެހޭ މަސައްކަތެއް.ގޮންޖެހުންތައް ގިނަ. ނަމަވެސް މަންޒިލެއްގެ ގޮތުގައި، އަބަދުވެސް އަޅުގަނޑުމެންގެ ކޮންޕެޓިޓާސްއަށްވުރެ ކުރީގައި ތިބެންޖެހޭ. މިކަން ހާސިލްކުރެވޭނީ ރާއްޖެ އަންނަފަތުރުވެރިންނަށް ތަފާތު އަދި ރަނގަޅު ހިދުމަތްތަކެއް އަބަދުވެސް ދީގެން
އެމްއެމްޕީއާރުސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިން ޑިރެކްޓަރ ތޮއްޔިބު މުހައްމަދު

އެމްއެމްޕީއާރުސީން ބުނީ، މިއަހަރު މިހާތަނަށް ރާއްޖެއިން ހަތުރު އެވޯޑެއް ހާސިލްކޮއްފާވާއިރު އޭގެ ތެރޭގައި ގްލޯބަލް މައިސް ކޮންގްރެސް އެންޑް އެވޯޑްސް 2020 އަދި ޕްރިފާރޑް ޓޫރިސްޓް ޑެސްޓިނޭޝަން 2021 އެވޯޑް ހިމެނޭކަމަށެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ "ރީޑިފައިން މައިސް" ކެންޕޭނަށް ވަނީ އަހަރުގެ އެންމެ މޮޅު މާކެޓިން އިނިޝިއޭޓިވްގެ މަގާމު ހޯދާފައެެވެ.

ކުރީ އަހަރުވެސް ރާއްޖެއިން ވަނީ 18 އަށް ވުރެ ގިނަ އެވޯޑް ހާސިލްކޮއްފައެވެ. އޭގެ ތެރޭގައި ވިދިވިދިގެން ދެވަނަ އަހަރު ކާމިޔާބުކުރި ވޯލްޑް ޓްރެވަލް އެވޯޑްސް ހިމެނެއެވެ.