މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން އެމެރިކާގެ މީޑިއާ ޓީމާއެކު ކުރިއަށް ގެންދިޔަ "ހައި އެންޑް އެޑްވެންޗާސް އިން ދަ މޯލްޑިވްސް" ފެމިލިއަރައިޒޭޝަން ދަތުރު ނިންމާލައިފިއެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ދަތުރުގައި ބައިވެރިވި އެމެރިކާގެ މީޑިއާ ޓީމް ރާއްޖެ އައީ މިމަހުގެ 13 ވަނަ ދުވަހު، އެމްއެމްޕީއާރުސީގެ ދައުވަތުގެ ދަށުން ކަމަށެވެ. އަދި މިދަތުރު ކުރިއަށް ގެންދިޔައީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރު ކުރިޔަށް ގެންދިޔައީ ދުނިޔޭގެ ފެންވަރުގައި ހިންގާ ޕަބްލިކޭޝަންތަކުގެ އޮފިޝަލުންނާއެކު، އެމެރިކާ މާކެޓުގެ މަތީ ފަންތީގެ ފަތުރުވެރިންނަށް އަމާޒުކޮށްގެނެވެ.

މި ދަތުރުގައި ރާއްޖޭގެ ރިސޯޓުތަކުން ލިބެންހުރި މަތީ ފެންވަރުގެ އެކޮމޮޑޭޝަންތަކާއި، ގޭސްޓްރޮނޮމީ، ވެލްނެސް، ވޯޓާސްޕޯޓްސް ފަދަ ތަފާތު ތަޖުރިބާތައް އެމެރިކާގެ މާކެޓުގައި އިޝްތިހާރުކުރުމަށް ބޭނުންވާ ބޮޑު ކަވަރޭޖެއް ލިބުނު ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ޖަޒީރާ ރަށްތަކުގެ ރައްކާތެރިކަމާއި، ވަން އައިލެންޑް ވަން ރިސޯޓުގެ ކޮންސެޕްޓުގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ އެންމެ ރައްކާތެރި އެއް ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި މި ދަތުރުގެ ޒަރިއްޔާއިން މާކެޓް ކުރިއެވެ.

އެމެރިކާގެ މީޑިއާ ޓީމް

މި ދަތުރުގައި ރާއްޖެއަށް އައި މީޑިއާ ޓީމް ތިބީ ޖޯލި މޯލްޑިވްސް ރިސޯޓާ، އަނަންތަރާ ކިހަވަށް ރިޒޯޓް އަދި ލަކްސް ސައުތު އަރި އަޓޯލްގައެވެ.

މި ޓީމުން މި ރިސޯޓުތަކުގައި ހުންނަވާ ތަޖުރިބާކުރެވެން ހުރި ހައި އެންޑް އެޑްވެންޗާރ ތަކާއި، ދުނިޔޭގެ ފެންވަރުގައި މަޤުބޫލުކަން ހޯޯދާފައިވާ ރާއްޖޭގެ މެހެމާންދާރީ އާއި ހޯސްޓް ޕްރޮޕަޓީތަކުން ލިބޭ ތަފާތު ކެއުންތައް ތަޖުރިބާކުރިއެވެ.

އެމްއެމްޕީއާރުސީން ބުނީ، މި ދަތުރުގެ ސަބަބުން އެމެރިކާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، ރާއްޖޭގެ ފަތުރުވެރިކަން ފުޅާވާނެ ކަމަށް ބެލެވޭކަމަށެވެ.

މި އަހަރު މިހާތަނަށް، އެމެރިކާއަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ދަތުރުކޮށްފައިވާ މާކެޓެވެ. އެގޮތުން ޖުލައި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެމެރިކާއިން ރާއްޖެއަށް 41،943 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިމުއްދަތުގައި ރާއްޖެއަށް ދަތުރުކުރި ފަތުރުވެރިންގެ އަދަދަށް ބަލާނަމަ 4.8 އިންސައްތަ ހިއްސާއެވެ.

އެމްއެމްޕީއާރުސީއިން 2021 ވަނަ އަހަރުވެސް މި މާކެޓަށް ގިނަ ޕްރޮމޯޝަނަލް ހަރަކާތްތައް ހިންގާފައިވެއެވެ.