ފިލްމު "ބޫލް ބުލައްޔާ-2" ގެ ކާމިޔާބީއަށްފަހު ފިލްމުގެ ލީޑިންގް އެކްޓަރު ކާތިކް އާރްޔަން ޑައިރެކްޓަރު ކަބީރް ޚާން އަދި ޕްރޮޑިއުސަރު ސާޖިދް ނަދިއަދްވާލާގެ ފިލްމަކަށް ސޮއިކޮށްފިއެވެ.

ކާތިކްގެ ކެރިއަރުގެ އެންމެ ވަރުގަދަ ފިލްމަށް މިފިލްމު ވެގެންދާނެކަމަށް ބެލެވޭއިރު ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ތެރޭގައިކަމަށް މައުލޫމާތު ލިބެއެވެ.

މިފިލްމަކީ، ކަބީރް ޚާން އެންމެ ފަހުން ގެނެސްދިން އެކްޝަން ފިލްމު "އެކްތާ ޓައިގާ" އަށްފަހު އެނބުރި އެކްޝަން ފިލްމުތަކަށް އެނބުރި އަންނާނެ ފިލްމުވެސްމެއެވެ.

މިފިލްމުގައި ކާތިކްއާއެކު ފެންނާނެ އަންހެން ބަތަލާއެއްގެ ނަން އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މިފިލްމަކީ ހަގީގީ ހާދިސާތަކެެއްގެ މައްޗަށް ބިނާކޮށްފައިވާ ވާހަކަތައް ކިޔައިދޭނެ ފިލްމެކެވެ.

ކާބިރް ޚާންއާއި ސާޖިދްއާއެކު މަސައްކަތްކުރަން ކާތިކް ނިންމާފައިވާއިރު އެކްޓަރުގެ އަތުގައި މިހާރުވެސް ސާޖިދް ނަދިއަދްވާލާގެ އިތުރު ފިލްމެއް އެބައޮތެވެ. އެއީ މިހާރު ޝޫޓިންގް ފެށުމަށް ތައްޔާރުވެފައިވާ ފިލްމު "ސަތިއަނާރަންކީ ކާތާ" އެވެ. މިފިލްމުގެ ޝޫޓިންގް ނިމުނުހާ އަވަހަކަށް ކަބީރް ޚާންއާއެކު ސޮއިކޮށްފައިވާ އާފިލްމުގެ ޝޫޓިންގް ކާތިކް ފަށާނެއެވެ.

ފިލްމު "ބޫލް ބުލައްޔާ 2" ގެ ކާމިޔާބީއަށްފަހު ކާތިކްއަށް ފިލްމުތަކުން ފުރުސަތުތައް ލިބޭ މިންވަރުވަނީ އިތުރުވެފައެވެ.

އޭނާގެ އަތުގައި މިހާރުހުރި ފިލްމީ މަސައްކަތްތަކަށް ބަލާއިރު ފިލްމު "ޝެހެޒާދާ"، "ފްރެޑީ" އަދި "ކެޕްޓަން އިންޑިއާ" ހިމެނެއެވެ.