މަގުބޫލު ޓީވީ ޝޯވް ބިގް ބޮސްގެ 13 ވަނަ ސީޒަންއިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޕަންޖާބް ލަވަކިޔުންތެރިޔާ/ބަތަލާ ޝެހެނާޒްއަށް ޕްރޮޑިއުސަރު ރިއާ ކަޕޫރުގެ ފިލްމަކުން ފުރުސަތު ލިބިއްޖެއެވެ.

ބިގް ބޮސްގެ 13 ވަނަ ސީޒަންއިން ވިދާލުމަށްފަހު ޝެހެނާޒް ގިލްއަށްވަނީ ފިލްމީ ދާއިރާއިން ގިނަ ފުރުސަތުތަކެއްވަނީ ލިބިފައެވެ.

ދާދިފަހުން އޭނާވަނީ ޕަންޖާބް ފިލްމު "ހޯންސްލާ ރަކް" ނަމަކަށް ކިޔާ ފިލްމަކުންވެސް ފެނިފައެވެ.

ޒުވާން ޕްރޮޑިއުސަރު ރިއާ ކަޕޫރުގެ ފިލްމަކުން ބަތަލާއަށް ފުރުސަތު ލިބިފައިވާއިރު އޭނާ އަންނަނީ ބޮލީވުޑަށް ތައާރަފްވާ ފިލްމު "ކަބީ އީދު ކަބީ ދިވާލީ" ގައިވެސް މަސައްކަތް ކުރަމުންނެވެ.

ފިލްމު "ވީރް ދި ވެޑިންގް" ގެ ޕްރޮޑިއުސަރުގެ ކުރިޔަށް އޮތް ފިލްމަކީވެސް މިޒަމާނަށް ފެތޭގޮތަށް އުފައްދާ ފިލްމެކެވެ.

ރިޕޯޓުތައް ބުނާގޮތުން ޝެހެނާޒްގެ އިތުރުން ފިލްމުން ދެން ފެނިގެންދާނީ އެކްޓަރު އަނިލް ކަޕޫރާއި ބަތަލާ ބޫމީ ޕެޑްނޭކަރްއެވެ.

މިފިލްމާއިގުޅޭ އިތުރު ތަފްސީލު ހާމަކޮށްފައިނުވާއިރު ފިލްމު ލޯންޗުކުރުން މިމަހު ފަހުކޮޅު އޮންނާނެކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިއާ ކަޕޫރުގެ ބައްޕަ އަނިލް ކަޕޫރު ހިމަނައިގެން އުފައްދާ މިފިލްމުގައި ޑައިރެކްޓަރެއްގެގޮތުގައި މަސައްކަތްކުރާނީ ރިއާގެ ފިރިމީހީ ކަރަން ބޫލާނީއެވެ.

މީގެކުރިން ކަރަން ބޫލާނީގެ މަސައްކަތް ފެނިގެން ގޮސްފައިވަނީ ފިލްމު "ވޭކް އަޕް ސިދް" އަދި ރިއާގެ އަމިއްލަ ފިލްމު "އައިޝާ" އިންނެވެ.

އެކްޓަރު އަނިލް ކަޕޫރުގެ ހަގު ދަރިފުޅު ރިއާ ކަޕޫރަކީ އަބަދުވެސް ޒަމާނާ ގުޅޭގޮތަށް ޒުވާން ޖީލަށް ނިސްބަތްވާ ކަހަލަ ތަފާތު ފިލްމު އުފައްދަން ޝައުގުވެރިވާ ޕްރޮޑިއުސަރެކެވެ.

ކެމެރާގެ ފުރަގަހުގައި މަސައްކަތްކުރުމަށް ލޯބިކުރާ ރިއާއަކީ ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ފެޝަނިސްޓާއެއްވެސްމެއެވެ.

ބަތަލާ ސޯނަމް ކަޕޫރުގެ ގިނަ ހެދުންތަކާއި ސްޓައިލްއަކީ މުޅީންވެސް ރިއާގެ މަސައްކަތްކަމަށް ބަތަލާ ސޯނަމްވަނީ އެކިފަހަރުމަތީން ބުނެ ތައުރީފުކޮށްފައެވެ.