ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ފިލްމު "ރާމަޔާނާ" ގެ ކާސްޓިންގްއަށް އެކިފަހަރު އެކި އެކްޓަރުން ސޮއިކުރިކަމަށް ދޭތެރެ ދޭތެރެއިން ޚަބަރުތައް ފެންމަތިވެއެވެ.
މިފިލްމާއި ގުޅޭގޮތުން ދާދިފަހުން ތިލަވެފައިވާ ހަބަރަކީ އެކްޓަރު ރަންބީރު ކަޕޫރާއި ރިތިކް ރޯޝަން ފިލްމުގެ ވަރަށް ހާއްސަ ރޯލަކަށް ސޮއިކުރި ވާހަކައެވެ.
އެގޮތުން ރަންބީރް ކަޕޫރު ލޯޑް ރާމްގެ ރޯލްއިން ފެންނައިރު ރިތިކް ރޯޝަން ފެނިގެންދާނީ ރާވަންގެ ރޯލްއިންކަމަށް ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެދުތެރޭގައެވެ. އަދި ފިލްމު ރީލޯންޗުކުރުން މިއަހަރުގެ ނޮވެމްބަރު މަހަށް ޝެޑިއުލްކުރެވިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ފިލްމުގެ މެއިން ލީޑްއިން ފެންނަ 2 އެކްޓަރުންގެވެސް ބޮޑެތި ފިލްމީ ޕްރޮޖެކްޓްތައް ކުރިޔަށްހުރިއިރު މިފިލްމު މަސައްކަތް ފެށޭވަރުވާނީ އެފިލްމުތަކުގެ މަސައްކަތް ނިމި ޝެޑިއުލްއަށް ލުޔެއް ލިބުމުންނެވެ.
ފިލްމުގައި ސީތާގެ ރޯލްއިން ފެނިގެންދާނެ ބަތަލާއެއް އަދި ނިންމާފައިނުވާއިރު މިފިލްމަކީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ކެރިއަރުގެ އެންމެ މުހިއްމު އަދި ބޮޑު ބަޖެޓަކުން އުފައްދާ ފިލްމެކެވެ. އެހެންކަމުން ފިލްމާމެދު ކުރެވޭ އުއްމީދުތައްވެސް ބޮޑެވެ.
މިފިލްމަކީ ރިތިކްއާއި ރަންބީރު އެކީގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށްވެފައި މިއީ 2 ތަރިންވެސް ނިތޭޝްއާއެކު މަސައްކަތް ތަޖްރިބާކުރާނެ ފުރަތަމަ ފިލްމުވެސްމެއެވެ.
ރިތިކް ރޯޝަން މިހާރު މަސައްކަތް ކުރަމުންދާ ފިލްމު "ވިކްރަމް ވެދާ" އަށްފަހު މިފިލްމަށް ތާރީޚުތައް ހަމަޖައްސާނެކަމަށް ރިޕޯޓުތައް ބުނެއެވެ.
އަދި މިދުވަސްކޮޅު ރަންބީރު ކަޕޫރު އޭނާގެ ކުރިޔަށް އޮތް ފިލްމު "ޝަމްޝޭރާ" ޕްރޮމޯޝަންތަކުގައި އަވަދިނެތި އުޅޭއިރު ކުރިޔަށްއޮތް ތަނުގައިވެސް އޭނާގެ ޝެޑިއުލް ފެންނަނީ ވަރަށް އަވަދިނެތިކޮށެވެ.
ފިލްމު "ބްރައްމަސްތުރާ" ގެ ޕްރޮމޯޝަންއަށް އޭނާ ވަގުތު ހުސްކުރާނެކަމަށް ބެލެވޭއިރު ރަންބީރު އަންނަނީ ކުރިޔަށް އޮތް ފިލްމު "ފައިޓާ" ގެ މަސައްކަތްވެސް ކުރަމުންނެވެ.