ލަދުގެ ކަންފުޅެއްވެސް ނެތީތޯ އައްސަވައި، ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ސުވާލެއް އަމާޒުކުރައްވައިފިއެވެ.

"ދިޔަރެސް"ގެ ނޫސްވެރިޔާ އަޙްމަދު އަޒާން އިއްޔެ ފުލުހަށް ހާޒިރުކުރުމާ ގުޅިގެން ގިނަ އަދަދެއްގެ ނޫސްވެރިން ފުލުސް އޮފީސް ކުރިމަތީގައި ކުރި މުޒާހަރާގެ ފޮޓޯތަކަކާއިއެކު ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންސާފު ގާއިމް ކުރާނަމަ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އާއި ފުލުހުން ފެންނަންވާނީ ނާޒިމް ސައްތާރު، އަދުން ޙުސޭން، އަދި ނޫސްވެރިޔާ ނަސީރުމެން ތަޙްގީގުކުރުމުގައިކަމަށެވެ. އެމީހުން ކުރީ ބޮޑުކުށެއް ނޫންތޯ ޑރ ޖަމީލް ވަނީ ސަރުކާރަށް ސުވާލުކުރައްވާފައެވެ.

އަޒާންގެ ކުށަކީ ރައީސް ސޯލިހާއި ސަރުކާރަށް ސަނާ ނުކިއުންކަަމަށް ވިދާޅުވެ، ޑރ ޖަމީލް ވަނީ ލަދުގެ ކަންފުޅެއްވެސް ނެތްތޯ ސުވާލުކުރައްވާފައެވެ.

ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކުރީ، އޭނާ ލިޔެފައިވާ ލިޔުމަކާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއީ ތުހުމަތުކޮށް ބަޔާން ނެގުމަށް ކަމަށް ފުލުހުން ފޮނުވި ޗިޓުގައި ވަނީ ބުނެފައެވެ. ދިޔަރެސް ނޫހުން ބުނާގޮތުގައި، އެއީ، އައިޖީއެމްއެޗްގެ ޑާޓާ ބޭސްއިން ބޭނުން މީހަކަށް ފަސޭހަކަމާއެކު ބޭނުން މީހެއްގެ މައުލޫމާތު ބެލޭކަން ފާހަގަކުރެވި އެ މައްސަލަ ހެލްތު މިނިސްޓްރީއާއި އައިޖީއެމްއެޗްގެ ސަމާލުކަމަށް ގެނައުމަށްފަހު އެނޫހުގައި ރިޕޯޓުކުރި ލިޔުމެކެވެ.

އެ މައްސަލަ އެނގިގެން ދިޔަރެސްއާ އެ މައުލޫމާތު ހިއްސާކުރީ އައިޓީ ދާއިރާގެ ތަޖުރިބާކާރެއްކަމަށް ދިޔަރެސް އިން ބުނެއެވެ.

ނޫސްވެރިޔާ އަޙްމަދު އަޒާން އިއްޔެ ފުލުހަށް ހާޒިރުކުރުމާ ގުޅިގެން ފުލުހުސް އޮފީސް ކުރިމަތީ ގިނަ އަދަދެއްގެ ނޫސްވެރިންތަކެއް ވަނީ މުޒާހަރާކޮށްފައެވެ.