ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، މރ. ރޮޖަރ މަންސިއެންގެ ދަޢުވަތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ސީޝެލްސްއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.

މި ދަތުރުފުޅަކީ މިހިނގާ ޖުލައި މަހުގެ 22 އިން 28 އަށް ކުރެއްވުމަށް ހަޖެހިފައިވާ ދަތުރުފުޅެކެވެ. އެމަނިކުފާނު ސީޝެލްސްއަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މިދަތުރުފުޅުގައި ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހަށް ޒިޔާރަތްކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި، ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްއާއެކު ރަސްމީ ބައްދަލުކުރެއްވުމެއް ބާއްވާގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މިބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ކުރިއެރުމަށް އެކުއެކީގައި މަސައްކަތްކުރެއްވޭނެ ގޮތްތަކަކީ ކޮބައިތޯ ބައްލަވައި އެކަންކަމާމެދު މަޝްވަރާތައް ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖެއާއި ސީޝެލްސް އަކީ ދާދި އެއްގޮތަކަށް އިންޑިއާ ކަނޑުގައި އުފެދިފައިވާ ދެ ޤައުމުކަމާއި އަދި ދެޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތަކަކީވެސް ދާދި އެއްގޮތް ކަންތައްތަކެއް ކަމަށްވެސް ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސްގެ ދަޢުވަތު ސިޓީފުޅުގައި ފާހަގަކުރައްވާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުން މައުލޫމާތުދެެއެވެ. އެހެންކަމުން، ދެޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް އެކުއެކީގައި މަސައްކަތްކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ.

ދެ ޤައުމުގެ ޤާނޫހަދާ މަޖިލީހުގެ ގުޅުން މުސްތަޤްބަލުގައި އިތުރަށް ބަދަހިކުރުމާއި އަދި ދެ ޤައުމުން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއައްސަސާތަކުގެ އެހީގައި ދެޤައުމުގެ ކުރިއެރުމަށް އިތުރަށް މަސައްކަތްކުރުމުގެ ފުރުޞަތުތައް ފަހިކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނުގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.