ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ދެނަން ކަމުގައިވާ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީގެ ކުރިމަތިލުން ފެނިގެންދާ މެޗުގައި ނިއު އިން ނުކުންނާނީ މިއީ ފައިނަލް މެޗެއްގެ ގޮތުގައި ދެކިގެންކަމަށް އެކުލަބުގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.

ގާތްގަނޑަކަށް ތިން އަހަރު ސަސްޕެންޝަނުގައި ހޭދަކުރުމަށްފަހު މި ދެ ޓީމަށްވެސް އެނބުރި ފުޓުބޯޅައިގެ ތެރެއަށް އެނބުރި އައުމުގެ ފުރުސަތު ލިބުނީ ޖޫން މަހުގެ ތެރޭގައެވެ. އެގޮތުން ޖޫން މަހުގެ 6 ވަނަ ދުވަހު އޮތް އެފްއޭއެމްގެ ކޮންގްރެސްގައި ވިކްޓްރީގެ ސަސްޕެންޝަން އުވާލިއިރު، ނިއުގެ ސަަސްޕެންޝަން އުވާލާފައިވަނީ ޖޫން މަހުގެ 30 ވަނަ ދުވަހު އެފްއޭއެމްގެ އެކްސްކޯ އިންނެވެ.

އެނބުރި އައުމަށް ލިބުނު ފުރުސަތުގައި މި ދެޓީމުންވެސް ފެށީ ދެވަނަ ޑިވިޝަނުންނެވެ. ކަން ދިމާކުރިގޮތުން ދެޓީމުވެސް ލައްވާލީ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި އެއް ގުރޫޕެއްގައެވެ. މިއާއެކު މި ދެޓީމުގެ ކުރިމަތިލުމަކަށް ކެތްމަދުވެފައި ތިބި އެތައް ބައެއްގެ އިންތިޒާރަށް ނިމުމެއް އައިއިރު، މި ދެޓީމު ބައްދަލުކުރާ މެޗު އޮންނާނީ އާދިއްތަ ދުވަހުގެރޭ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

މިހާތަނަށް މި ދެޓީމުން ދެވަނަ ޑިވިޝަނުގައި ދެމެޗު ކުޅެފައިވާއިރު، ނިއުރޭޑިއަންޓް އޮތީ ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް، މި ގުރޫޕުގެ ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 6 ޕޮއިންޓާއެކުއެވެ. ވިކްޓްރީ އޮތީ އެއް މެޗުން މޮޅުވެ އަނެއް މެޗުން އެއްވަރުވެގެން 4 ޕޮއިންޓާއެކު ތިންވަނައިގައެވެ. ދެވަނައިގައި އެލްޓީ ސްޕޯޓްސްވެސް އޮތީ 4 ޕޮއިންޓާއެކުއެވެ. އެލްޓީއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ކުރިއަށް އޮތް މެޗާއި ބެހޭގޮތުން ވާހަކަދައްކަމުން ނިއުގެ ކޯޗު ސޮބާ ބުނީ، މުބާރާތާއި ކުރިމަތިލިއިރުވެސް ހާއްސަ ވިސްނުމެއް ގެންގުޅުނު ކަމަށެވެ. އެގޮތުން ގްރޫޕް ސްޓޭޖް ފަހަނަ އަޅައިގޮސް ސެމީގެ ޖާގައެއް ހޯދަން ބޭނުންނަމަ ދެޓީމެއްގެ މައްޗަށް ކުރިހޯދަން ޖެހޭކަން ގަބޫލުކުރިކަމަށް ސޮބާ ބުންޏެވެ. އަދި އޭގެއިން އެއް ޓީމު ބަލިކުރެވިފައިވާ ކަމަށާއި ކުރިއަށް އޮތީ ބޮޑު މެޗެއްކަން ސޮބާ ފާހަގަކުރިއެވެ.

"މި ގުރޫޕުގައި އަޅުގަނޑުމެން މި ގުރޫޕުން ތްރޫވާން (ފަހަނައަޅައި ދާން) ބޭނުންކަމަށްވަންޏާމު، އަޅުގަނޑު ރޭންކު ކޮށްފައި އޮތްގޮތުން ޓީނޭޖް، ވިކްޓްރީ މެޗު ނަގަން ޖެހޭ. އެނޫން އިތުރު ޗޮއިސްއެއް ނެތް. ދެން އަޅުގަނޑުމެންނަށް ޓީނޭޖް މެޗު ކާމިޔާބު ކުރެވިއްޖެ. ދެން މިއޮތީ އަޅުގަނޑުމެންނަށް ބޮޑު މެޗެއް. އެއީ އަޅުގަނޑު ވިސްނާނީ ފައިނަލް މެޗުކަމަށް. އިތުރު އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން. އަސްލު ފައިނަލޭ، އަންނަ އަހަރޭ، މިހެން ކިޔާފަ އުޒުރު ދައްކާކަށް ބޭނުމެއް ނޫން. ވިކްޓްރީ މެޗަކީ އަޅުގަނޑުމެންގެ ފައިނަލް ގޭމް. އެމެޗަށް ނުކުންނާނީ ހުރިހާ ގޮތަކަށް ރެޑީ ވެގެން. އިރާދަކުރެއްވިއްޔާ މެޗު ކާމިޔާބު ކޮށްގެން އަޅުގަނޑުމެން އޭގެފަހުން އަންނަ މެޗާ ކުރިމަތިލާނީ. ހަމަ ސްޓެޕް ބައި ސްޓެޕް. ހަމަ ފަހަރަކު މެޗަކަށް އަޅުގަނޑު މި ވިސްނަނީ. އިތުރު ޓާގެޓެއް ނުގެންގުޅެން"
ނިއުރޭޑިއަންޓުގެ ކޯޗު ސޮބާހް މުހައްމަދު
ނިއުރޭޑިއަންޓާއި ލޮރެންޒޯ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ބުރާސްފަތި ދުވަހުގެރޭ ލޮރެންޒޯ ސްޕޯޓްސް ކުލަބާ ދެކޮޅަށްކުޅެ 0-6 ގެ ފަރަގު ބޮޑު ނަތީޖާއަކުން މޮޅުވި މެޗާ ގުޅޭގޮތުން ވާހަކަދައްކަމުން ސޮބާ ބުނީ، މިމެޗަކީ ވިކްޓްރީ މެޗަށް ތައްޔާރުވުމަށް ލިބުނު ބޮޑު ފުރުސަތެއް ކަމަށެވެ. ސަބަބަކީ ވިނައިގަ ޕްރެކްޓިސް ކޮށްލުމުގެ ފުރުސަތު ނުލިބި ސީދާ ވިކްޓްރީއާ ދެކޮޅަށް ވިނައިގަ ރަސްމީ މެޗަށް ނުކުންނަން ޖެހުމުން ގޮންޖެހުންތަކެއް ހުރުން ކަމުގައި ސޮބާ ފާހަގަކުރިއެވެ.

"މިކަހަލަ މެޗެއް ހަގީގަތުގަ ވިކްޓްރީ މެޗުގެ ކުރިން އަޅުގަނޑުމެންނަށް ލިބުމަކީ، ކޮމްޕެޓިޓިވް ކަމަށް އަޅުގަނޑު ރޭންކު ކުރާ ޓީމުތައް، އެންމެފުރަތަމަ ޓީނޭޖް. ދެން އަޅުގަނޑު ރޭންކުކޮށްފައި އޮތްގޮތަށް ބަލާކަމުގަ ވާނަމަ ވިކްޓްރީ ދެން މިއޮތީ. އެލްޓީއަށް ބަލާލާއިރު އެޓީމުގެވެސް ވަރަށް ރަނގަޅު ކުޅުމެއް. މިފަދަ ޓީމުތަކާ ދެކޮޅަށް ނުކުތުމުގެ ކުރިން ހާއްސަކޮށް ވިކްޓްރީއާ ދެކޮޅަށް ނުކުތުމުގެ ކުރިން ވިނައިގަ ކުޅެލަން ލިބުމަކީ ކުޅުންތެރިންގެ ފިޓްނަސް އަށާއި، ދަނޑަށް ހޭނިލުމަށް، އެއަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް"
ނިއުރޭޑިއަންޓުގެ ކޯޗު ސޮބާހް މުހައްމަދު

ސޮބާ އިތުރަށް ބުނީ، ލޮރެންޒޯ މެޗުގައި ދެވަނަ ހާފުގައި ފެނިގެންދިޔައީ އެންމެ ބޭނުންވި ކުޅުން ނޫންކަމަށާއި، އެހެންނަމަވެސް ކުރިއަށް ހުރި މެޗުތަކުގައި ލޮރެންޒޯ މެޗުގައި ހެދުނު ގޯސްތައް ނުފެންނާނެ ގޮތަކަށް ޓްރެއިނިންގތައް ބައްޓަންކޮށް މަސައްކަތްތަކެއް ކުރާނެކަމަށެވެ.

ވިކްޓްރީއާ ނިއުރޭޑިއަންޓުގެ ކުރިމަތިލުމަށް ކުލަބުގެ ކުޅުންތެރިންނާއި ކޯޗިންގ ސްޓާފުންގެ ޓީމުން ތައްޔާރުވަމުން އަންނައިރު، ދެޓީމުގެ ސަޕޯޓަރުންވެސް އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ. ހާއްސަކޮށް މިއީ އަހަރުތަކަކަށްފަހު ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުންގެ ކުރިމަތިލުމެއް ފެނިގެންދާނެ މެޗެއްކަމުން، މިމެޗު ސީދާ ދަނޑަށް ގޮސްގެން ބެލުމަށާއި، ޓީމަށް ހިތްވަރުދިނުމަށް ގިނަ ބަޔަކު އަންނަނީ ތައްޔާރުވަމުންނެވެ.

އެގޮތުން ދެ ޓީމުގެ ސަޕޯޓަރުންވެސް އަންނަނީ ހާއްސަ ހަރަކާތްތަކެއް ބޭއްވުމަށް ރާވަމުންނެވެ. "ރަސްވާދަ" ފެނިގެންދާނެ މިމެޗު ފަށާނީ އާދިއްތަ ދުވަހުގެރޭ 21:00 ގައެވެ.

ނިއުރޭޑިއަންޓާއި ލޮރެންޒޯ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ޒިދާން ރިޔާޒް / ވީނިއުސް

ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުން ފެށިގެން ފުރަތަމަ ޑިވިޝަނަށް ކޮލިވައިވެ، ރަސްކަމުގެ ތާޖަށް އިސްވުމަށް ކުރަމުންދާ މަސައްކަތުގައި ވީމީޑިއާ އަކީ އެކުލަބުގެ މީޑިއާ ޕާޓްނަރެވެ.