ގައުމީ ނެޓްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ޔޫތު އެންޑް ރެކްރިއޭޝަން ކުލަބު (ކޭވައިއާރްސީ) އިން ހޯދައިފިއެވެ.
މައިލޯ ގައުމީ ނެޓްބޯޅަ މުބާރާތުގެ ނަމުގައި މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ކޭވައިއާރްސީން ހޯދީ ހުކުރު ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު ފައިނަލް މެޗުން ކުލަބު ގްރީން ސްޓްރީޓްސް ބަލިކުރުމަށްފަހުއެވެ.
އަންހެން ފުރަތަމަ ޑިވިޝަނުގެ ފައިނަލް މެޗު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަހްމަދު އެވެ. އަދި މެޗު ބައްލަވާލެއްވުމަށް ފަސްޓް ލޭޑީގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހްމަދު މަހްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު ކޭވައިއާރްސީން ކާމިޔާބުކުރީ 55-46 އިންނެވެ. މި ފަހަރުގެ ފައިނަލުގައި ކޭވައިއާރްސީން ގްރީން ސްޓްރީޓްސް ބަލިކުރިއިރު، މިދިޔަ އަހަރު ކުޅުނު މި މުބާރާތުގެ ފައިނަލުގައިވެސް ބައްދަލުކުރީ މި ދެ ޓީމެވެ. އެ ފަހަރު ގްރީން ސްޓްރީޓްސްއިން ވަނީ ކޭވައިއާރްސީ ބަލިކޮށް ޗެމްޕިއަންކަން ހޯދާފައެވެ.
މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗު މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ކޭވައިއާރްސީގެ މަރިޔަމް ޝިނާތެވެ. އަދި މި މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި އެ ޓީމުގެ ހަތަރު ކުޅުންތެރިއަކު ވަނީ ހިމެނިފައެވެ.
މި އަހަރުގެ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި އަށް ޓީމެއް ވަނީ ވާދަކޮށްފައެވެ.