ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންބީއޭއެމް) އިންތިޒާމްކުރާ މޯލްޑިވްސް މެރިން އެކްސްޕޯގެ 7 ވަނަ އެޑިޝަން އަންނަ އޮގަސްޓްމަހު ބާއްވަން ނިންމައިފިއެވެ.

ބޯޓިންގ އެސޯސިއޭޝަނުން ބުނީ މިއަހަރުގެ އެކްސްޕޯވެސް ވެގެންދާނީ މަޝްހޫރު ހުރިހާ ބޯޓް ބިލްޑަރުންނާއި އިންޖީން ބްރޭންޑްތަކާއި އިންޓަނޭޝަނަލް މެރިން ބްރޭންޑްތަކާއި ވޯޓާސްޕޯޓްސް އަދި ޑައިވް ބްރޭންޑްތައް ވެސް ބައިވެރިވާ މި ސިލްސިލާގެ އެންމެ ބޮޑު އިވެންޓަށް ކަމަށެވެ.

މިއަހަރުގެ މެރިން އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މެރިން އެކްސްޕޯ އަކީ އެންބީއެމްގެ އޮފިޝަލް އިވެންޓެކެވެ. އިވެންޓް އޮގަނައިޒްކުރަނީ މީޑިއަމް ޕްރައިވެޓް ލިމިޓެޑުންނެވެ.

މިއަހަރުގެ އެކްސްޕޯގައިވެސް ޕްރޮޑަކްޓް ލޯންޗުކުރުމާއި ބޯޓުތަކާއި އިކުއިޕްމެންޓު ދައްކާލުމާއި، މެރިން ފުޑް، ޕެނެލް ޑިސްކަޝަން އަދި މީގެއިތުރުން، އިވެންޓް އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެންބީއޭއެމް އިން މައުލޫމާތުދެއެވެ. މީގެއިތުރުން، ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުންނާއި، ޑިޕްލޮމެޓުންނާއި، ޓްރޭޑް ސެކްޓަރުގައި މަސައްކަތްކުރައްވާ ބޭފުޅުންވެސް އެކްސްޕޯއަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އެކްސްޕޯ ކުރިއަށްދާ ވަގުތު ބޯޓުތައް ދައްކާލަން ބަހައްޓާފައި ހުންނާނެ ކަމަށާއި، ގަންނަން ބޭނުންވާ ފަރާތްތަކަށް އެތަކެތި ވިއްކާ ފަރާތްތަކާއި ވާހަކަދައްކާ މައުލޫމާތު ލިބިގެންދާނެކަމަށް އެކްސްޕޯ އިންތިޒާމްކުރާ ފަރާތުން ބުނެއެވެ.

މޯލްޑިވްސް މެރިން އެކްސްޕޯއަކީ ރާއްޖޭގެ ބޯޓިންގ ދާއިރާ ހަރުދަނާކުރުމަށްޓަކައި ނޭޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ހަރަކާތެކެވެ.

ކޮވިޑް-19 އާއި ގުޅިގެން 2020 ވަނަ އަހަރު އޮންލައިންކޮށް އެކްސްޕޯ ބޭއްވުމަށް ފަހު ފިޒިކަލް އެކްސްޕޯއެއް ބާއްވާފައިވަނީ ނިމިދިޔަ 2021 ވަނަ އަހަރުއެވެ.

މިއީ 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ މެރިން އިންޑަސްޓްރީގެ އެންމެ ބޮޑު އެއްވުން ކަމަށް ބެލެވެއެވެ.