ރާއްޖޭގައި ހިންގާ އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބު އޮފް މޯލްޑިވްސް (އޯއެލްއެސްސީ މޯލްޑިވްސް) އިން މިފެށޭ ފުޓުބޯޅަ ސީޒަނާ ދިމާކޮށް، ރާއްޖޭގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ޗެރިޓީ ޕްރޮޖެކްޓެއް ލޯންޗުކުރަން ތައްޔާރުވެއްޖެއެވެ.

އޯއެލްއެސްސީ މޯލްޑިވްސް ފްރީޑަމް ޗެރިޓީ 2022/23 ގެ ނަމުގައި ލޯންޗުކުރާ މި ޗެރިޓީ ޕްރޮޖެކްޓް ރަސްމީކޮށް އިފްތިތާހްކުރާނީ، ސީޒަން ފެށުމުގެ ގޮތުން އިނގިރޭސި ޕްރިމިއަރ ލީގުގައި ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗު ކުޅޭ ދުވަހުއެވެ. އަދި މި ޕްރޮޖެކްޓު 2022/23 ސީޒަނުގެ ޕްރިމިއަރ ލީގު ނިމުމާ ހަމައަށް ކުރިއަށްދާނެއެވެ.

އޯއެލްއެސްސީ މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި މި ޗެރިޓީ ޕްރޮޖެކްޓު މެދުވެރިކޮށް ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކުގެ ތެރެއިން، އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ދެފަރާތަކަށް، ދެ ޕަވާ ވީލްޗެއަރ ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. ވީލްޗެއަރ ހަދިޔާކުރުމަށް އެކުލަބުން ނިންމީ، ދުނިޔޭގެ ސިއްހަތާބެހޭ މައި ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ދިރާސާތަކުން ދައްކާ ގޮތުގައި، ވީލްޗެއަރ އަކީ ހިނގާބިނގާވެ އުޅުމުގައި ދަތިތަކެއް ހުންނަ ފަރާތްތަކަށް، އެ ފަރާތްތަކުގެ އާންމު ދިރިއުޅުމުގައި އެންމެ ބޮޑު މިނިވަންކަމެއް ހޯދައިދޭނެ ވަސީލަތަކަށް ވާތީކަމަށް ކުލަބުން މައުލޫމާތުދެއެވެ. އެ

ގޮތުން މިފަދަ ފަރާތްތަކުގެ އާންމު ދިރިއުޅުމުގައި އާއި، ތައުލީމު އުނގެނުމުގެ އިތުރުން ވަޒީފާ އަދާކުރުމުގައިވެސް ވީލްޗެއަރ އަކީ ބޮޑު ދައުރެއް އަދާކުރާނެ ވަސީލަތަކަށް ވާނެތީ، މިފަދަ އަގުހުރި ވަސީލަތެއް އެފަރާތްތަކަށް ހޯދައިދީ، އެފަރާތްތަކުގެ ދިއިރުޅުމުގައި އަމިއްލަ މިނިވަންކަން ހޯދައިދިނުމަކީ އޯއެލްއެސްސީ މޯލްޑިވްސްގެ ހުރިހާ މެމްބަރުންނަށްވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމެއްކަން އެކުލަބުން ފާހަގަކޮށްފައިވެއެވެ. އަދި ޗެރިޓީ ޕްރޮޖެކްޓުގެ ނަމަކަށް، އޯއެލްއެސްސީ މޯލްޑިވްސް ފްރީޑަމް ޗެރިޓީ 2022/23 ހަމަޖެއްސީވެސް މިކަމުގެ މައްޗަށް ބިނާކޮށްފައިކަމަށް އެކުލަބުން ބުނެއެވެ.

އޯއެލްއެސްސީ މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި، ޕަވާޑް ވީލްޗެއަރ ހަދިޔާކުރާނެ ދެ ފަރާތް ކަނޑައެޅުމުގައި ހާއްސަ ކަންތައްތަކަކަށް ބަލާނެއެވެ. އެގޮތުން އުމުރަށާއި، އަދާކުރާ މަސައްކަތުގެ އިތުރުން ދިރިއުޅޭ މާހައުލަށްވެސް ރިއާޔަތްކުރާނެކަމަށް އެކުލަބުން ބުނެއެވެ. އަދި މި ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދުގެ ދަށުން، މި ޕްރޮކެލްޓުގެ އައިޑިއަލް ކެންޑިޑޭޓް ނުވަތަ އެންމެ ބޮޑަށް އަހަންމިއްޔަތުކަން ދޭނީ، މިފަދަ ވަސީލަތަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ޒުވާން ކެންޑިޑޭޓުންނަށް ކަމަށާއި، މި ވީލްޗެއަރ ލިބުމުން އެ ކެންޑިޑޭޓެއްގެ ދިރިއުޅުމަށް އަންނާނެ ރަނގަޅު ބަދަލާއި، އެ ކެންޑިޑޭޓެއްގެ ހާލަތައްވެސް ބަލާނެކަމަށް އޯއެލްއެސްސީ މޯލްޑިވްސް އިން ބުނެއެވެ.

އަދި މިކަމުގައި ކަމާގުޅުންހުރި ސަރުކާރުގެ އެކި މުއައްސަސާތަކާއި އިދާރާތަކުގެ އެހީތެރިކަން ހޯދާނެކަމަށް އޯއެލްއެސްސީން ބުނެއެވެ.

ފަންޑު ހޯދުން

މި ޕްރޮޖެކްޓަށް ފަންޑު ހޯދުމަށް ހިންގާނެ ހަރަކާތްތައްވެސް އެކުލަބުން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ހާއްސަ ޓިކެޓުތަކެއް ވިއްކުމަށް ހަމަޖެހިފައިވާކަން ކުލަބުން ހާމަކޮށްފައިވެއެވެ.

ވިއްކާނެ ޓިކެޓުތައް:

ޗެރިޓީ ޕްރޮޖެކްޓުގެ ތެރެއިން ވިއްކުމަށް ނިންމާފައިވާ ޓިކެޓް
  1. މެޗް ވިއުއިންގ ޓިކެޓް: 150 ރުފިޔާއަށް | ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ 50 އިންސައްތަ ޗެރިޓީއަށް ހަދިޔާކުރާނެއެވެ.
  2. ޗެރިޓީ ޓިކެޓް ރެޑް: 100 ރުފިޔާއަށް | ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ 100 އިންސައްތަ ޗެރިޓީއަށް ހަދިޔާކުރާނެއެވެ.
  3. ޗެރިޓީ ޓިކެޓް ޕްލެޓިނަމް ރެޑް: 500 ރުފިޔާ | ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ 100 އިންސައްތަ ޗެރިޓީއަށް ހަދިޔާކުރާނެއެވެ.
  4. ޗެރިޓީ ޓިކެޓް ކޮޕްޓީ: 1000 ރުފިޔާ | ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ 100 އިންސައްތަ ޗެރިޓީއަށް ހަދިޔާކުރާނެއެވެ.
  5. ޗެރިޓީ ޓިކެޓް ޝޭންކްސް: 5000 ރުފިޔާ | ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ 100 އިންސައްތަ ޗެރިޓީއަށް ހަދިޔާކުރާނެއެވެ.
  6. ޗެރިޓީ ޓިކެޓް މައިޓީ ރެޑް: 10،000 ރުފިޔާ | ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ 100 އިންސައްތަ ޗެރިޓީއަށް ހަދިޔާކުރާނެއެވެ.

އޯއެލްއެސްސީ މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި މިއީ ލިމިޓެޑް އަދަދަކަށް ޕްރިންޓު ކޮށްގެން ވިއްކާނެ ޓިކެޓުތަކެކެވެ. އަދި ބޮޑަށް ބޭނުންވަނީ ލިވަޕޫލްގެ ސަޕޯޓަރުން މި ޓިކެޓު ގަތުމަށް ކަމަށްވީނަމަވެސް، މިއީ ޗެރިޓީ ޕްރޮޖެކްޓެއްކަމުން ހުރިހާ ފަރާތްތަކަކަށްވެސް ޓިކެޓު ގަތުމުގެ ފުރުސަތު އޮންނާނެކަމަށް އެކުލަބުން ބުނެއެވެ.

ޗެރިޓީ ޕްރޮޖެކްޓުގެ ތެރެއިން ހަދިޔާކުރުމަށް ނިންމާފައިވާ ވީލްޗެއަރ

އޯއެލްއެސްސީ މޯލްޑިވްސް އިން މި ޗެރިޓީ މެދުވެރިކޮށް ހަދިޔާކުރަން ހަމަޖެހިފައިވާ ޕަވަރޑް ވީލްޗެއަރ އަކީ 25،000 ރުފިޔާ އާއި 30،000 ރުފިޔާ އާއި ދެމެދުގެ އަގެއްގައި ލިބެން ހުންނަ ވީލްޗެއަރ އެކެވެ.

2018 ވަނަ އަހަރުގެ ތެރޭގައި ވުޖޫދަށް ގެނައި އޮފިޝަލް ލިވަޕޫލް ސަޕޯޓާސް ކްލަބު އޮފް މޯލްޑިވްސް އަކީ އިނގިރޭސިވިލާތުގެ ފުޓްބޯޅަ ކްލަބު ލިވަޕޫލްގައި ރަޖިސްޓްރީ ވެގެން ހިންގާ އަދި ރާއްޖޭގެ ކުޅިވަރާ ބެހޭ ވުޒާރާގައިވެސް ރަޖިސްޓްރީ ވެގެން ހިންގާ ކްލަބެކެވެ. އަދި މި ސަޕޯޓާސް ކުލަބަކީ ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސަޕޯޓާސް ކުލަބުގެ އިތުރުން އެންމެ ހިންގުންތެރި ސަޕޯޓާސް ކުލަބުކަންވެސް ފާހަގަކޮށްލެވެއެވެ.

ސަޕޯޓަރުންނަށް ހާއްސަކޮށްގެން މި ކުލަބުން ހާއްސަ ހަރަކާތްތަކެއްވެސް މިހާތަނަށް އައިއިރު ހިންގާފައިވާއިރު، އޭގެތެރޭގައި ލިވަޕޫލުގެ ލެޖެންޑް ޑެނިއަލް އެގާ ރާއްޖެ ގެނެސްފައިވެސްވެއެވެ. އަދި ރާއްޖޭގެ އެކިއެކި ސަޕޯޓަރސް ކްލަބުތަކުގެ މެދުގައި ފުޓްސަލް މުބާރާތެތް ބޭއްވުމާއިއެކިއެކި އެންޖީއޯ ތަކާއި ގުޅިގެން ޗެރިޓީ މަސައްކަތްތަކުގައިވެސް ދަނީ ބައިވެރިވަމުންނެވެ. އަދި ފުޓްބޯޅަ މެޗު އޮންނަ ދުވަސްދުވަހު އެންމެން އެއް ތަނަކަށް އެއްވެގެން މެޗު ބެލުން ފަދަ ކަންތައްވެސް ކުރިޔަށްގެންދެއެވެ.

ރާއްޖޭގެ ކުރީގެ ރައީސް، ރައީސް މައުމޫމް އަބްދުލްޤައްޔޫމް އަކީވެސް މި ކުލަބުގެ މެމްބަރެއްކަން ފާހަގަކޮށްލެވެއެވެ.