ހުޅުމާލެ މިސްކިތެއްގައި ޤިބްލައަށް ނުވާ ގޮތަށް ސަފުހަދައިގެން ނަމާދުކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިހާރު ސޯޝަލްމީޑިއާގައި ދައުރުވާ ފޮޓޯއަކުން ފެންނަ ގޮތުގައި ޤިބްލައަށް ނުވާ ގޮތަށް ސަފުހަދައިގެން ނަމާދުކޮށްފައި ވަނީ ހުޅުމާލޭ އުތުރު އަވަށުގައި ހުންނަ ވަގުތީ މިސްކިތެއްގައެވެ. ހުޅުމާލެ ތަރައްޤީކުރުމުގެ ދެ ވަނަ ފިޔަވަހީގެ ދަށުން އެ ރަށުގެ އުތުރުފަރާތުން ބިން ހިއްކައި ތަރައްޤީކޮށްފައިވާ އާ އަވަށުގައި މީހުން ދިރިއުޅެން ފެށުމާއެކު ސަރުކާރުން ވަނީ އެ ސަރަހައްދުގައި ނަމާދުކުރުމަށް ވަގުތީ މިސްކިތެއް ބިނާކޮށްފައެވެ.

ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އިސްލާމިކް މިނިސްޓްރީން ހުޅުމާލޭގެ އުތުރު އަވަށުގައި 450 މީހުންގެ ޖާގައިގެ ވަގުތީ މިސްކިތެއް އިމާރާތްކުރީ ދައުލަތުގެ ބަޖެޓުން 4.3 މިލިއަން ރުފިޔާ ހޭދަކޮށްގެނެއެވެ.

ދައުރުވަމުން އަންނަ ފޮޓޯގައި ފެންނަނީ މިސްކިތުގެ ތެރޭގައި ޖާގަ ނެތުމުން، ބޭރުގައި ސަފު ހަދައިގެން ނަމާދުކުރާ މަންޒަރެވެ. ބެލެވޭ ގޮތުގައި އެއީ ހުކުރު ނަމާދުގެ ޖަމާއަތެކެވެ. ގިނަ އަދަދެއްގެ މީހުން ފެންނަ އެ ޖަމާއަތުގައި އެއް ބަޔަކު ތިބީ ޤިބްލައަށް ނުވާ ގޮތަށެވެ. ނަމަވެސް ދެން ތިބި މީހުން ނަމާދުކުރަން ތިބީ ޤިބްލައަށް ވާ ގޮތަށް ސަފުހަދައިގެންނެވެ.

ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ވެސް ނަމާދުގެ ޖަމާއަތް ފެށުމުގެ ކުރިން މިސްކިތުން ބޭރުގައި ސަފު ހަދާ ނަމަ އަމަލުކުރަންވީ ގޮތް އިމާމުން އަބަދުވެސް ހަނދާންކޮށްދެއެވެ. ނަމަވެސް ނަމާދަށް ދާ ބައެއް މީހުން މި ކަމުގައި ފަރުވާކުޑަކުރާ މަންޒަރު މަދުން ނަމަވެސް ފެނެއެވެ.

މުސްލިމުންގެ އެންމެ މުހިންމު އެއް މަރުކަޒަކީ، މާތްވެގެންވާ ކައުބާއެވެ. އެއީ ކޮންމެ ދުވަހަކު މަދުވެގެން ފަސް ފަހަރު ކުރިމަތިލެވޭ ޤިބްލައެވެ.

އެ ގޮތުން ކައުބާވީ ދިމާ ދެނެގަތުމީ ކޮންމެ މުސްލިމަކަށާއި މުސްލިމުންގެ ކޮންމެ ރަށަކަށާއި ތަނަކަށް ވެސް ލާޒިމު ކަމެއް މެއެވެ. އެއްވެސް ނަމާދެއް ޤިބުލައަށް ކުރިމަތިލުމާ ނުލައި، ޞައްޙަވެގެން ނުވާތީއެވެ.