ރ. މީދޫ، ހިތްފަސޭހަގެ ނަސްރުﷲ އިބްރާޙިމް (ނަސްރު) ގިނަ ބަޔަކު ދަންނާނީ ހިތާނުކުރުމުގެ ތަޖުރިބާކާރެއްގެ ގޮތުގައެވެ.

ބ. ދަރަވަންދޫ "މަގޭ ޢީދު" ޢީދުގެ ކަވަރޭޖަށް އެ ރަށަށް ގޮސް އުޅުމުގެ ތެރޭގައި ނަސްރުއާ ދިމާވެ، އޭނާގެ މަސައްކްތާ ގުޅޭގޮތުން ވާހަކަ ދައްކާލުމުގެ ފުރުސަތު ލިބުނެވެ.

މި ދާއިރާގައި 20 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ނަަސްރުﷲ ވިދާޅުވީ އޭނާ މިކަން ދަސްކުރީ ހިތާނުކުރާ މީހެއްގެ އެހީތެރިއެއްގެ ގޮތުގައި އުޅުނު ދުވަސްވަރު ކަމަށެވެ.

ހިތާނުކުރުމުގައި މަޝްހޫރުކަން ހޯދާފައިވާ އަދި މީހުންގެ އިތުބާރު ހޯދާފައިވާ ރ. މީދުއަށް ނިސްބަތްވާ ރަފީޢުގެ އެހީތެރިއަކަށް އުޅުމަށްފަހު އަމިއްލަ ތަކެތި ހޯދައި، ނަސްރުﷲ އަންނަނީ 2014 ވަނަ އަހަރުން ފެށިގެން މި ދާއިރާގައި ގިނިކަންޏާ ހަަރަކާތްތެރިވަމުންނެވެ. އެހެންކަމުން އަމިއްލއަށް ހިތާނުކުރުމުގެ ނުވަ އަހަރުގެ ތަޖުރިބާ އޭނާގެ އެބަ ހުއްޓެވެ.

ދަރަވަންދޫގައި މިފަހަރު ހިތާނީ މޫސުމުގައި ގިނަކުދިން ހިތާނުކުރީވެސް ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ނަސްރުއެވެ.

މިއަހަރުގެ މިހާތަނަށް ނަސްރު ވަނީ ދަރަވަންދޫގެ އިތުރުން، ބ. އަތޮޅުގެ އެހެން ބައެއް ރަށްރަށާއި ރ. މާކުރަތު، ރ. ދުވާފަރު، ރ. މީދޫ އަދި ރ. މަޑުއްވަރީގައި ކުދިން ހިތާނުކޮށްފައެވެ.

ދަރަވަންދޫގައި ހުރެ "ވީނިއުސް" އާ ވާހަކަ ދައްކަމުން، ނަސްރު ވިދާޅުވީ، ހިތާނުކުރުމަކީ އާމްދަނީ ހޯދުމުގެ ގޮތުންވެސް ކުރަން ރަނގަޅު ހެޔޮ މަސައްކަތެއް ކަމަށެވެ. ހެޔޮ ނިޔަތުގައި ޒުވާނުން މިކަމުގެ ތެރެއަށް ވަނުމަކީ ނަސްރުﷲގެ އެންމެ ބޮޑު އެއް އެދުމެވެ. އެހެން ނަމަވެސް އޭނާ މިކަން ކުރަނީ ވިޔަފާރިއަކަށް ނުވަތަ އާމްދަނީއަކަށް ވުރެ ބޮޑަށް ދީނީ ކަމެއްގެ ގޮތުގައި ބަލައިގެންނެވެ. އޭނާ ވިދާޅުވީ، ހިތާނުކުރުމުގައި ދިވެހިން ބޭނުންކުރަމުން އައި ގަދީމީ ބޭސްވެރިކަން ދޫކޮށްލައި އޭނާ އެކަަމަށް ބޭނުންކުރަނީ ޑޮކްޓަރީބޭސް ކަމަށެވެ.

ދަރަވަންދޫގައި ކުދިން ހިތާނުކުރި ގޭގެއަށްގޮސް ބެލެނިވެރިންނާއި ހިތާނުކޮށްފައިވާ ކުދިންނާ ސުވާލުކޮށްލުމުން ނަސްރުގެ މަސައްކަތާމެދު ވަރަށް ހިތްހަމަޖެހޭކަން ފާޅުކުރިއެވެ.

"މިހާރު ދެން ކުރިން ބޭނުންކުރި ދިވެހިބޭސް ނުވަތަ ގަދީމީ ބޭހެއް ނޫން މި ބޭނުންކުރަނީ. ޑޮކްޓަރީ ބޭހުން މިކަން މި ކުރަނީ. މީގެ ނަތީޖާ މާ ރަނގަޅު. އަޅުގަނޑުމެން މިކަން މި ކުރަނީ އާމްދަނީއަކަށް ބަލައިގެނެއް ނޫން. ނަމަވެސް މިކަމުން އާމްދަނީ ހޯދަން ބޭނުންވާ މީހާ އަށް ވެސް ފަހި ފުރުސަތު އޮތް ދާއިރާއެކޭ މީ. ބޭނުންވަނީ މި ފަދަ ކަންކަމުގެ ތެރެއަށް ޒުވާނުން ވަަންނަން."
ނަސްރުﷲ އިބްރާޙިމް

ހިތާނަކުރުމުގެ ތަޖުރިބާ ހުރި ނަސްރުގެ މަސައްކަތާއި ގުޅޭ އެންމެ ފަހުގެ އަދާހަމަތައް ދިނުމަށް އޭނާ ވަނީ "ނަސްރު ހިތާނީ" ގެ ނަމުގައި ފޭސްބުކް ޕޭޖެއްވެސް ހަދާފައެވެ.

ހިތާނުކުރުމަކީ އިސްލާމީ ޝިއާރެކެވެ. އަދި ހަމައެހެންމެ އެއީ ފިތުރަތުގެ ތެރެއިންވާ ކަމެކެވެ.

ހިތާނުކުރުމުން މުސްލިމުންނާއި ޣައިރު މުސްލިމުން ވަކިވެއެވެ. އަދި ހަމަ އެހެންމެ ހިތާނުކުރުމުން ޝަހުވަތްތައް މެދުމިންވެ ވަރަށް ގިނަގުނަ ބަލިތަކުން ސަލާމަތްވެއެވެ.

ނަސްރުﷲ އެދެނީ މިފަދަ މާތް މަތިވެރި މަސައްކަތެއް ކުރަން އެދޭނަމަ ލަސްނުކޮށް ދާއިރާގެ ތެރެއަށް ވަނުމަށެވެ. އަދި ދަސްވުމުން އިތުރު ބަޔަކަށް އުނގަންނައިދޭށެވެ.