އދ. މާމިގިލީގައި، ދާއިރާގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ގާއިމްކޮށްދިން އައުޓްޑޯ ވޮލީ ކޯޓާއެކު، ރަށުގެ ރައްޔިތުންނަށް ހިނިތުންވުން ގެނުވައިފިއެވެ.

މި ވޮލީ ކޯޓަކީ ރަށު ކައުންސިލްގެ އެދުމަކަށް ވިލާ ކުންފުނިން ގާއިމްކޮށްދިން ކޯޓެކެވެ. ފާހަގަކޮށްލެވޭ ކަމަކީ، މި ކޯޓަކީ ވިލާ ކުންފުނީގެ އަމިއްލަ ޚަރަދުގައި އެންމެ 17 ދުވަހުގެތެރޭގައި ތަރައްގީކޮށް، ގާއިމްކޮށްދިން ވޮލީ ކޯޓެއް ކަމެވެ. މިފަދަ މަޝްރޫއު ތަކަކީ އާންމުގޮތެއްގައި ރާއްޖޭގެ ސަރުކާރުން ނުވަތަ އެހެން ފަރާތްތަކަކުންވިޔަސް، ގިނަ ދުވަސްތަކަކުން ފުރިހަމަކޮށް ނިންމަވާލެވޭ ފަދަ މަޝްރޫއުއެކެވެ.

މި ސަރުކާރުން ރާއްޖޭގައި ކުޅިވަރު ކުރިއަރުވާ، ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ އަށް ބޮޑު ކުރިއެރުމެއް ގެންނަމުން އަންނައިރު، އަތޮޅުތެރޭގައި މިފަދަ ވޮލީ ކޯޓުތަކެއް އަންނަނީ ގާއިމްކުރަމުންނެވެ. އެހެންނަމަވެސް މިފަދަ މަސައްކަތްތަކަކީ ދިގު ޕްރޮސީޖަރ އެއްގެ ތެރެއިން ކުރަންޖެހޭ ކަންތައްތަކަކަށްވުމުގެ އިތުރުން، މިފަދަ މަސައްކަތްތައް ސަރުކާރުން އަމިއްލަ ފަރާތްތަކުގެ ކުންފުނިތައް މެދުވެރިކޮށް ކުރަމުންދާތީ އެކަމުގައިވެސް ލަސްތަކެއް ވެއެވެ. އެހެންކަމުން ވިލާ ކުންފުނީގެ ފަރާތުން މާމިގިލީގައި ގާއިމްކޮށްދިން އައުޓްޑޯ ވޮލީ ކޯޓަކީ ރާއްޖޭގައި އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމާލި ކުޅިވަރު ޕްރޮޖެކްޓުތަކުގެ ތެރެއިން އެއް ޕްރޮޖެކްޓުކަން ފާހަގަކޮށްލެވެއެވެ.

ވިލާ ކުންފުނިން މާމިގިލީގައި ގާއިމްކޮށްފައިވާ އައުޓްޑޯ ވޮލީ ކޯޓު

މި ވޮލީކޯޓަކީ، ރާއްޖޭގެ މިނިވަންދުވަސް އަތޮޅު ފެންވަރުގައި ފާހަަގަކުރުން އޮތީ މާމިގިލީގައި ކަމަށްވުމުން، އެދުވަހާ ދިމާކޮށް ރަށުގައި ވޮލީ މުބާރާތެއް ބޭއްވުމަށް ރަށު ކައުންސިލުން ކުރަމުން އަންނަ މަސައްކަތަށް، ކައުންސިލުގެ އެދުމަށް ވިލާ ކުންފުނިން ގާއިމްކޮށްދިން ކޯޓެކެވެ.

މި ކޯޓުގެ މަސައްކަތްނިމި ކޯޓު ހުޅުވުމަށްފަހުގައި މާމިގިލީ ކައުންސިލުން ބުނީ، ކައުންސިލްގެ އެދުމަށް އެންމެ 17 ދުވަސްތެރޭގައި ވިލާ ކުންފުނީގެ ފަރާތުން އަމިއްލަ ޚަރަދުގައި މި ކޯޓުގެ މަސައްކަަތް ނިންމާދިން ކަމަށްޓަކައި، ވިލާ ކުންފުނީގެ ޗެއަރމަން އޮނަރަބަލް ގާސިމް އިބްރާހިމް އަށް ކައުންސިލްގެ ނަމުގައި އާއި ރަށު ރައްޔިތުންގެ ނަމުގައި އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.

ވިލާ ކުންފުނިން މާމިގިލީގައި ގާއިމްކޮށްފައިވާ އައުޓްޑޯ ވޮލީ ކޯޓު

މި ކޯޓަކީ، ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރާއްޖޭގައި ކުޅިވަރު އިންފްރާސްޓްރަކްޗަރ ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތަށްވެސް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. ސަރުކާރުން މިހާތަނަށް އަތޮޅުތެރޭގައި މިފަދަ 4 ވޮލީ ކޯޓެއް ގާއިމްކޮށްފައިވެއެވެ. އަދި މިފަދަ 50 ކޯޓުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށް ރާއްޖޭގެ ކުޅިވަރާބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެފައިވެއެވެ.

މުޅި ދިވެހިރާއްޖެއަށް އަދި ހާއްސަކޮށް މާމިގިލި ދާއިރާއަށް ގާސިމް އިބްރާހިމްގެ ފަރާތުން ލިބިގެންދާ އެހީތެރިކަމާ، މުޅި ދާއިރާއަށް އަންނަ ކުރިއެރުމާއި ތަރައްގީއަކީ އެ ދާއިރާގެ ރައްޔިތުން ޝުކުރުވެރި ހިތަކާއެކު ބަލައިގަންނަ ކަންތައްތަކެކެވެ.