ރާއްޖޭގެ ފުޓުބޯޅައިގައި އެންމެ ކާމިޔާބު ތާރީހެއް އަދި ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުންނަކީ ހެންވޭރުން އުފެދިގެން އައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި، ގަލޮޅުގެ ވިކްޓްރީ ސްޕޯޓްސް ކުލަބު ކަމާމެދު އެކަކުވެސް ދެބަހެއް ނުވާނެއެވެ.

ސަބަބަކާ ނުލައެއްވެސް ނޫނޭވެ. ދިވެހި ފުޓުބޯޅައިގައި އެންމެ ގިނަ މުބާރާތްތަކެއް ކާމިޔާބުކޮށް، އެ ދެޓީމެއްގެ ކުރިމަތިލުމަށް އަބަދުވެސް ދިވެހި ފުޓުބޯޅައަށް ލޯބިކުރާ މީހުން އިންތިޒާރުގައި ތިބޭތީއެވެ. ރާއްޖޭގައި އެންމެ ސަޕޯޓަރުން ގިނަ ކުލަބުއްކަމަށް ވުމާއެކުވެސްމެއެވެ.

ހުދާ ނުލުގެ ސަޕޯޓަރުންނާއި، ރަތާއި ރީނދުލުގެ ސަޕޯޓަރުންގެ ޖޯޝާއި ފޯރީގެ ސަބަބުންނެވެ. ދެކުލަބުދެކެ އެ ދެކުލަބުގެ ސަޕޯޓަރުންވާ ލޯތްބެއްގެ ބޮޑުކަމާވެސް އެކުއެވެ.

މީގެ ދެތިން އަހަރެއް ކުރިން މި ދެޓީމަށް ކުރިމަތިވި ހާލަތަކީ ދިވެހި ކުޅިވަރުގެ އާއިލާގެ ލޮލުން ކަރުނަ ފާއްދާލިކަމަކަށެވެ. މާލީގޮތުން ވެއްޓުނު އަނދަވަޅެއްގެ ސަބަބުން، ކުޅުންތެރިންނަށް ދޭންޖެހޭ ފައިސާ ނުދެވި، ދެޓީމަށްވެސް މަޖުބޫރުވީ ފުޓުބޯޅައިގެ އެންމެހާ ހަރަކާތަކުން ދުރަށް ޖެހިލާ ގޮތް ހުސްވެފައި ތިބުމަށެވެ. މި އަނދަވަޅުން އަރައިގަނެވޭނެ ކޮޅެއް، މަގެއް ނުފެނިފައެވެ. އުންމީދުގެ ހުޅުކޮޅެއް ފެންނާނެ ދުވަހެއްގެ އުންމީދުގައި ތިބުމަށެވެ.

ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ވިކްޓްރީ ސްޕޯޓްސް ކުލަބަށް، ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ނުދެވުމުގެ ސަބަބުން މި ދެޓީމަށް ދިވެހި ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް އެފްއޭއެމް އިން ސަސްޕެންޝަނާއި ކުރިމަތިކުރުވީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުންނަށް ތަހުތު ދޫކޮށްލަން މަޖުބޫރުވީ އެހާ ހިސާބުންނެވެ.

އެހެންނަނަމަވެސް، ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކުގެ އެހީތެރިކަން ލިބުމުގެ އިތުރުން ކުލަބުތަކާއި މިއަހަރުގެ ތެރޭގައި ހަވާލުވި އައު މެނޭޖްމަންޓުގެ ބުރަ މަސައްކަތްތަކެއްގެ ސަބަބުން ދެ ކުލަބަށްވެސް މިވަނީ މި އަނދަވަޅުން އަރައިގަނެ، އަނެއްކާވެސް ފުޓުބޯޅައިގައި މި ދެކުލަބުގެ ކުލަތަކުގެ ދިދަދަށް ވިހުރާލުމުގެ ފުރުސަތު ލިބިފައެވެ. އެ ދެ ޓީމެއް ދިވެހި ފުޓުބޯޅައިގެ ތެރެއަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް، އުފާވެރިކަމާއި ހިތްހަމަޖެހުން ގެނުވާ، މި ދެޓީމު ނުކުޅޭހާ ހިނދަކު ދަނޑަށް މެޗުބަލަން ނުވަންނާނޭ ކަމަށް ވައުދުވި އެތައް ބަޔަކަށް އަލުން ދަނޑަށްވަދެ ދިވެހި ފުޓުބޯޅައިގެ ފޯރި އަލުން ގެނައުމުގެ ފުރުސަތުވެސް މިވަނީ ލިބިފައެވެ.

ލިބުނު މި ފުރުސަތުގައި ދެޓީމުވެސް ވަނީ ދެވަނަ ޑިވިޝަނުގައި ވާދަކޮށް، އަލުން ތަހުތަށް އިސްވުމުގެ އުންމީދުގައި މަސައްކަތް ފަށާފައެވެ. ކަން ދިމާކުރިގޮތުން ދެޓީމުވެސް ލައްވާލީ ދެވަނަ ޑިވިޝަނުގައި އެއް ގުރޫޕެއްގައެވެ. މިކަންވީ، ނިއުރޭޑިއަންޓާއި ވިކްޓްރީގެ ކުރިމަތިލުމަކަށް ފެންބޮވައިގެންފައި ތިބި އެތައް ބަޔަކު ހިނިތުންކުރުވި ކަމަކަށެވެ.

4 އަހަރަށްފަހު މި ދެޓީމު ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ 21:00 ގައި ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

އެންމެފަހުން ވިކްޓްރީ އާއި ނިއުރޭޑިއަންޓް މެޗެއް ކުޅެފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ދިވެހި ޕްރިމިއަރ ލީގުގައި ކުޅުނު މިމެޗު 1-3 އިން ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އެހެންކަމުން މިރޭގެ މެޗަކީ ނިއުއިން މާޒީ އިޔާދަކުރަން ނިކުންނަ މެޗަކަށްވާނެއިރު، ވިކްޓްރީ ނުކުންނާނީ މާޒީ ބަދަލުކޮށް އެނބުރި އައިސް ނިއުގެ މައްޗަށް ކުރިހޯދުމަށެވެ. މީގެކުރިން ދިވެހި ލީގުގައި މި ދެ ޓީމުން ވަނީ 27 ފަހަރު ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން 14 ފަހަރު ނިއުއިން ވަނީ ވިކްޓަރީގެ މައްޗަށް ކުރިހޯދާފައެވެ. އަދި ވިކްޓަރީއަށް ނިއު ރޭޑިއަންޓުގެ މައްޗަށް ކުރިހޯދުނީ އަށް ފަހަރެވެ. އަނެއް ފަސް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ.

މިރޭ ވެގެންދާނީ ޒަމާންތަކަކަށްފަހު ގަލޮޅު ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ބައިވެރިވުމާއެކު މެޗެއް ކުޅޭނެ ރެއަކަށެވެ. "ރަސްވާދަ" އިގައި ދެ ރަސްގެފާނުން ނުކުންނައިރު ރަސް އާއިލާއިން އެފޯރިއާއި ޖޯޝު ގެނުވާނެ ރެއަކަށެވެ. ނިއު އާއި ވިކްޓްރީން ދެވަނަ ޑިވިޝަނުގައި މިހާތަނަށް ދެމެޗު ކުޅެފައިވާއިރު މި ދެމެޗުގައިވެސް ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ދަނޑަށް ވަތްކަމީ މިކަމުގެ ހެއްކެކެވެ. ހަމަގައިމުވެސް ފުރަތަމަ ޑިވިޝަނުގެ މެޗެއްގައިވެސް ނުފެންނާނެހާ ފޯރި، އަދި އެހާމެ ގިނަ ސަޕޯޓަރުންތަކެއް މިރޭގެ މެޗުގައި ފެނިގެންދާނެއެވެ.

މިރޭގެ މެޗު ނިއު އާއި ވިކްޓަރީން ވެސް ޕްރޮމޯޓް ކުރަނީ "ރަސް ވާދަ" އިގެ ޓެގް ލައިންގެ ދަށުންނެވެ.

ދިވެހި ފުޓުބޯޅައިގެ ރަސްގެފާނު ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުން ފެށިގެން ފުރަތަމަ ޑިވިޝަނަށް ކޮލިވައިވެ، ރަސްކަމުގެ ތަހުތަށް އިސްވުމަށް ކުރަމުންދާ މަސައްކަތުގައި ވީމީޑިއާ އަކީ އެކުލަބުގެ މީޑިއާ ޕާޓްނަރެވެ. މިރޭގެ މެޗު ވީމީޑިއާ އާއި ނިއުރޭޑިއަންޓުން ގުޅިގެން، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.