މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 592 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލްގެ މާލީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ ކުރީ އަހަރުގެ ދެވަނަ ކުއާޓަރ އާ އަޅާބަލާއިރު 19 އިންސައްތަ އިތުރު އަދަދެކެވެ.

މީގެއިތުރުން އެ ބޭންކުގެ ރައުސްމާލާއި ލިކުއިޑިޓީ ރޭޝިއޯ، ޤާނޫނުން ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިކަމަށްވެސް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތަކަށް ބަލާއިރު، މި ކުއާޓަރުގައި ބީއެމްއެލް އިން ވަނީ ރަނގަޅު މާލީ ނަތީޖާއެއް ހޯދާފައެވެ. ހިންގުމުގެ ފައިދާވެސް އިތުރުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއި ރަނގަޅުވަމުން އަންނަ އެސެޓް ކުއަލިޓީއާ ގުޅިގެންނެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރގައި ބެންކުން ވަނީ ޑިޖިޓަލް ވޮލެޓް ބީއެމްއެލް ޕޭ ގެ ހިދުމަތް ތައާރަފްކޮއްފައެވެ. މި ހިދުމަތާއެކު، ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތާ، ވޮލެޓް ޓު ވޮލެޓް ޓްރާންސްފާގެ ހިދުމަތް އަދި މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސާފައިވެއެވެ.

ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ މަހަކު ހިންގުމަށް ރާވާފައިވާ ހަރަކާތްތައްވެސް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ހިންގާފައިވެއެވެ. އެގޮތުން، ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު އިތުރަށް ތަރައްގީކޮށް އެ މަރުކަޒަށް ބޭނުންވާ މުހިންމު ބަދަލުތައް ގެނެއުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، އޮންލައިންކޮށް ފަންޑްރެއިޒް ކުރެވޭ ޕްލެޓްފޯމް "ކައިންޑްލީ" އިފްތިތާހުކުރުމާއި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކޮންމެ އަހަރަކު 50،000 ގަސް އިންދުމުގެ މަގްސަދުގައި 'ބީއެމްއެލް ފެހި ޕްރޮޖެކްޓް' ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

މި ނަތީޖާއާ ގުޅޭގޮތުން ބޭންކުގެ އިންޗާޖް އަދި އެކްޓިން އެމްޑީ އައިޝަތު ނޫރައްދީން ވިދާޅުވީ ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއެކު، ބޭންކުގެ ކުރިމަގާ މެދު އުއްމީދު ބޮޑު ކަމަށެވެ.

ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ލިބުނު ކުރިއެރުމާއެކު، ބޭންކުގެ ކުރިމަގާމެދު އުންމީދު ބޮޑު. ބޭންކުން މިއަދު މިވަނީ ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ހާސިލްކުރެވޭނެފަދަ ރަނގަޅު ހާލަތެއްގައި. ބޭންކުގެ ސްޓެރެޓެޖީގެ މުހިންމު ދެކަމެއް ކަމަށްވާ ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ޑިޖިޓަލް ބޭންކިންގ ހިދުމަތްތައް ފުޅާކުރުމާއި ހިންގުން ހަރުދަނާ ކުރުމަށް އަޅުގަނޑުމެން ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނަން.
ބޭންކުގެ އިންޗާރޖް އަދި އެކްޓިންގ އެމްޑީ ޢާއިޝަތު ނޫރައްދީން

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 35 ބްރާންޗް، 81 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 139 އޭޓީއެމް، 200 އަށް ވުރެ ގިނަ ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.