ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓަށް ވިލިމާލެ އިން ބިން ދިނުމަށް ވިލިމާލޭ ރައްޔިތުން ތާއިދު ނުކުރާނެ ކަމަށް އެދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ މުވައްޒަފުންނަށް ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއް ވަރަށް އަވަހަށް ފަށާނެ ކަން އިއުލާން ކުރައްވައި، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓްރ އަހުމަދު ޝަރީފް ވަނީ އެމަޝްރޫއު ކުރިއަށް ގެންދާނީ ވިލިމާލޭގައިކަން އިއުލާން ކުރައްވާފައެވެ.

ސްޓެލްކޯގެ އައު ޗެއަރމަން، ސިފައިންގޭގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ޑީޑީ) އެކުންފުނީގެ މުވައްޒަފުންނަށް ތައާރަފުކޮށްދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެކުންފުނީގެ އައު ހައުސިން މަޝްރޫއަށް އެކުންފުނީގެ ބޯޑުގެ ހުއްދަ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ފްލެޓްތައް އިމާރާތް ކުރާނީ ވިލިމާލޭގައި ކަމަށެވެ.

އެކަމާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި އުޝާމް ކުރައްވި ޓްވީޓެއްގައި މެމްބަރު އުޝާމް ވިދާޅުވީ، ވިލިމާލެއަކީ ބޯހިޔާވަހިކަމުގެ މައްސަލަ އިންތިހާއަށް އޮތް ތަނެއް ކަމަށެވެ. އަދި، ވިލިމާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިނުދީ، ސަރުކާރު ކުންފުނިތަކުގެ އެފަދަ ބޮޑެތި މަޝްރޫއުތަކަށް ވިލިމާލޭގެ ބިން ދިނުމަށް ވިލިމާލޭ ރައްޔިތުން ތާއީދު ނުކުރާނެ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

އައު މަޝްރޫއާ ގުޅޭގޮތުން މާ ބޮޑު ތަފްސީލެއް ޝަރީފް ހާމަކުރައްވާފައެއް ނުވެއެވެ. ބޯހިޔާވަހިކަމުގެ އައު މަޝްރޫއެއް ސްޓެލްކޯއިން އިއުލާނުކުރިއިރު، އެކުންފުނިން ދަނީ މިހާރުވެސް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަމުންނެވެ.