މީގެ 2 އަހަރުކުރިން ރިލީޒްވި އެކްޓަރު އަޖޭ ދޭވްގަންގެ ފިލްމު "ތަންހާޖީ: ދަ އަންސަންގް ވޮރިއާ"އިން އެންމެ މޮޅު އެކްޓަރުގެ ގައުމީ އެވޯޑް އެކްޓަރަށް ލިބިއްޖެއެވެ.
މިފިލްމުން ނެޝަނަލް އެވޯޑް އަޖޭއަށް ލިބިފައިވާއިރު މިއީ ޓީ ސީރީސް ކުންފުންޏާއި އަޖޭގެ އަމިއްލަ ފިލްމު ކުންފުނި އަޖޭ ދޭވްގަން ފިލްމްސްއާއި ގުޅިގެން ގެނެސްދިން ފިލްމެކެވެ.
އަޖޭއާއެކު މިފިލްމުގައި ފެނިގެންގޮސްފައިވަނީ އަންހެނުން އަދި ބަތަލާ ކާޖޮލް ދޭވްގަންއެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ އެކްޓަރަށް މީގެކުރިންވެސްވަނީ ނެޝަނަލް އެވޯޑް 2 ފަހަރުމަތިން ލިބިފައެވެ. އެއީ 1998 ވަނަ އަހަރު ރިލީޒްވި ފިލްމު "ޒަޚަމް" އާއި 2002 ވަނަ އަހަރު ރިލީޒްވި ފިލްމު "ދަ ލެޖެންޑް އޮފް ބަގަތު ސިންގް" އިންނެވެ.
މިއަހަރުގެ ނެޝަނަލް އެވޯޑް ލިބުމާއި ގުޅިގެން އަޖޭވަނީ ފިލްމު "ތަންހާޖީ: ދަ އަންސަންގް ވޮރިއާ"ގެ ޓީމުގެ ހުރިހާ މެމްބަރުންނަށް ޝުކުރު އަދާކޮށްފައެވެ.
ހާއްސަކޮށް ކެރިއަރުގައި އޭނާ އެމަގާމަށް ހާސިލުވުމަށް މައިންބަފައިންގެ ފަރާތުން ލިބުނު އެއްބާރުލުން އަބަދުވެސް ހަނދާންކުރާކަމަށް ބުނެ އެކަމަށް ޝުކުރު ކުރާކަމުގައި އަޖޭވަނީ ބުނެފައެވެ. އަދި އަޖޭގެ އިތުރުން މިއަހަރުގެ ނެޝަނަލް އެވޯޑް ލިބުނު އެހެން ބައިވެރިންނަށްވެސް އަޖޭވަނީ މަރުހަބާ ކިޔާފައެވެ.
އަޖޭގެ ކުރިއަށްހުރި ފިލްމީ ޕްރޮޖެކްޓްތަކަށް ބަލާއިރު ފިލްމު "މައިދާން"، "ދްރިޝްޔަމް-2"، "ތޭންކް ގޯޑް"، "ސާކަސް" އަދި ފިލްމު "ބޯލާ" ހިމެނެއެވެ.
މިއަހަރުތެރޭ ރިލީޒްވެފައިވާ އަޖޭގެ ކާމިޔާބު ފިލްމުތަކަށްބަލާއިރު ފިލްމު އޭނާގެ މުހިއްމު ރޯލެއް ހިމެނޭ ފިލްމު "ގަންގޫބާއިކަތިއާވާޅީ"، ފިލްމު "އާރް.އާރް.އާރް" އަދި "ރަންވޭ 34" ހިމެނެއެވެ.