ދަރްމާ ޕްރޮޑަކްޝަންސްއިން މިއަހަރު ގެނެސްދޭން ނިންމާފައިވާ ފިލްމު "ލައިގާ" ގެ ޓްރެއިލާ ރިލީޒްކުރުމާއެކު ގިނަ ބައެއްގެ ތަރުހީބު މިފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމެއްކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ހަމައެކަނި ފިލްމުގެ ޓްރެއިލާ ބެލިމީހުންގެ އަދަދު 30 މިލިއަނަށްވުރެ ގިނައިރު މިފިލްމު ބަލަން ވަންނާނެ މީހުންގެ އަދަދުވެސް ހީނުކުރާހާ ގިނަވާނެކަމަށް ފިލްމު އެނަލިސްޓުން ވަނީ ބުނެފައެވެ.

ކުޅިވަރާއި ގުޅޭ މިއެކްޝަން ފިލްމަކީ ތެލުގޫ އެކްޓަރު ވިޖޭ ދެވެރަކޮންޑާ ބޮލީވުޑަށް ތައާރަފްވާ ފިލްމުވެސްމެއެވެ.

ތަމަޅަ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކުގެ އިތުރުން އިންޑިއާގެ ހިންދީ ފިލްމު އޯޑިއަންސްގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ވިޖޭވަނީ ހޯދާފައެވެ.

ފިލްމުގައި ވިޖޭ ފެނިގެންދާނީ ބޮކްސިންގް ކުޅިވަރަށް ވަރަށް ފޯރި ހުންނަ ޒުވާނެއްގެ ރޯލްއިންނެވެ. އަދި އެރޮނގުން ކުރިޔަށް ދިއުމުގައި އޭނާއަށް ދިމާވާ ގޮންޖެހުންތަކުން ސަލާމަތްވާނެ ގޮތްތައް ފިލްމުގައި ވަރަށް ރަގަޅަށް ފެނިގެންދާނެއެވެ.

މީގެއިތުރުން އެމެރިކާގެ މަޝްހޫރު ބޮކްސިންގް ކުޅުންތެރިޔާ މައިކް ތައިސަންވެސް މިފިލްމުގައި ކެމޯ ރޯލްއަކުން ފެނިގެންދާނެއެވެ.

ފިލްމުގައި ވިޖޭ ފެނިގެންދާ ބޮކްސިން ކުޅުންތެރިޔާގެ ރޯލަށް ތައްޔާރުވުމަށްޓަކައި އޭނާވަނީ ތައިލެންޑުގައި ހާއްސަ މާޝަލް އާޓްސް ތަމްރީނުތަކެއްވެސް ފުރިހަމަ ކޮށްފައެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު ފިލްމު އިއުލާނު ކުރުމަށްފަހު ފިލްމު ރިލީޒްކުރުމުގައި ދިގު ދެމިގެންދިޔަ ނަމަވެސް ދެން މިފިލްމަށް މާގިނަ ދުވަހު އިންތިޒާރުކުރާކަށް ނުޖެހޭނެއެވެ.

ފިލްމު ކުރިޔަށްއޮތް އޮގަސްޓް މަހުގެ 25 ވަނަ ރިލީޒްކުރުމަށް ތައްޔާރުވެފައިވާއިރު ހިންދީ ބަހުގެ އިތުރުން ތެލުގޫ ބަހުންވެސް މިފިލްމު ގެނެސްދޭނެއެވެ.

ޕޫރީ ޖަގަންނަދު ޑައިރެކްޓްކުރާ މިފިލްމުގެ ޕްރޮޑިއުސަރަކީ ކަރަން ޖޯހަރުއެވެ.

ވިޖޭއާއެކު ފިލްމުގައި ބަތަލާގެ ރޯލްއިން ފެނިގެންދާނީ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭއެވެ. އަނަންޔާއަށްވުރެ ކުރިން ފިލްމުގެ ބަތަލާއަކަށް ހޮވާފައިވަނީ ޖާންވީ ކަޕޫރެވެ. އެހެންނަމަވެސް ޖާންވީ ކަޕޫރަށް ފިލްމަށް ވަގުތު ދެވެން ނެތުމާއެކު އެފުރުސަތު ލިބުނީ ބަތަލާ އަނަންޔާއަށެވެ.

ވިޖޭއާއި އަނަންޔާގެ އިތުރުން ފިލްމުގައި ފެނިގެންދާ މުހިއްމު ތަރިންގެތެރޭގައި ތަމަޅަ ފިލްމުތަކުން ފެންނަ ބަތަލާ ރާމްޔާ ކްރިޝްނާ އަދި އެކްޓަރު ރޮނިތް ރޯއި ހިމެނެއެވެ.

https://www.youtube.com/watch?v=TgcruVx0dNM&t=2s