ސްޓެލްކޯގެ ހިޔާ ފްލެޓްތައް އަންނަ މަހުގެ ހަވަނަ ދުވަހު މުވައްޒަފުންނާއި ހަވާލުކުރާނެ ކަަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަޙްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.
ހިޔާ މަޝްރޫޢުގެ ތެރެއިން ސްޓެލްކޯ އިން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 360 ފްލެޓް ތަރައްޤީކުރަމުން ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ސްޓެލްކޯގެ ހިޔާ ފްލެޓްތައް ބެހިފައިވަނީ 15 ފަންގިފިލާ 2 ޓަވަރަކަށެވެ. ޖުމްލަ 360 އެޕާޓްމަންޓް ހިމެނޭހެން ތަރައްޤީކުރާ މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ 1 ކޮޓަރީގެ 72 އެޕާޓްމަންޓާއި، އަދި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓެވެ. މި 2 ޓަވަރުގައިވެސް މިވަގުތު ކުރަމުންދަނީ ފިނިޝިންގގެ އެންމެފަހުގެ މަސައްކަތްތަކެވެ.
ސްޓެލްކޯގެ މެނޭޖްމަންޓުން އެކުންފުނީގެ މުވައްޒަފުންނާއެކު ރޭ ބޭއްވި ބައްދަލުވުމެއްގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، އެކުންފުނިން ތަރައްޤީކުރަމުންދާ 15 ފަންގިފިލާގެ 2 ޓަވަރަށް ޖުމްލަ 640 މިލިއަން ރުފިޔާ މިހާތަނަށް ޚަރަދުކޮށްފައިވާ ކަމަށެވެ. އަދި މިއީ އެކުންފުނީގެ 360 މުވައްޒަފުންގެ އާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރެވުނު މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
ޓަވަރުތަކުގައި ބާކީ ކުރަން ހުރި ބައެއް ކުދި ކުދި މަސައްކަތްތަކާއެކު މުޅި ޖުމްލަ މި މަޝްރޫޢަށް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގެ މަހު ކުއްޔަށް ނަގާ މިންވަރުވެސް މިބައްދަލުވުމުގައި ޝަރީފް ވަނީ ހާމަކުރައްވާފައެވެ. އެގޮތުން އެއް ކޮޓަރީގެ މަހުކުއްޔަކީ 5،622 ރުފިޔާކަމަށާ، ދެ ކޮޓަރިއާއި އެއް މެއިޑް ރޫމް ހިމެނޭ ފްލެޓްތަކުގެ މަހު ކުއްޔަކީ 10،356 ރުފިޔާއާއި 10،652 ރުފިޔާގެ ދެމެދުކަމަށް ވިދާޅުވެފައިވެއެވެ.
އަދި މެންޓެއިނަންސް ފީއެއްގެ ގޮތުގައި އެއްކޮޓަރީގެ ފްލެޓް ތަކުން 1000 ރުފިޔާ އަދި ދެ ކޮޓަރިއާއި އެއް މެއިޑް ރޫމް ހިމެނޭ ފްލެޓް ތަކުން 1300 ރުފިޔާ ދައްކަން ޖެހޭނެކަމަށް ވިދާޅުވިއެވެ.
ސްޓެލްކޯގެ ހިޔާ ޓަވަރުތަކުގެ އަގު މައްޗަށް ޖެއްސުމަށްޓަކާ އެތަނުގައި ސުވިމިންގ ޕޫލަކާއި ކުޑަކުދިން ކުޅޭ ސަރަޙައްދެއް ތަރައްޤީކުރުމުގެ ވިސްނުން ކުންފުނިން ގެންގުޅޭކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯ ފްލެޓްތައް މުވައްޒުންނަށް ދީފައިވަނީ ބޯޑުން އެކަމަށް ކަނޑައަޅާފައިވާ އުސޫލުގެ މަތިން ކަމަށެވެ.
އަދި ސްޓެލްކޯގެ ބޯޑުން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް އެއްވެސް މުވައްޒަފަކަށް ފްލެޓެއް ދީފައިވާކަމަށްވާނަމަ، އެކަން ބަލާ، އަޅަންޖެހޭ ފިޔަވަޅެއް ކުންފުނިން އަޅާނެކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.