ވޭތުވެދިޔަ ސަރުކާރުތަކުން ޓެކްސް ފައިސާ ބޭނުންކުރީ ނަހަމަ ގޮތުގައި ކަމަށް ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު ސައުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.

ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް މިހެން ވިދާޅުވީ ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ޖީއެސްޓީ އަދި ގްރީން ޓެކްސްގެ އިތުރުން އިންކަމް ޓެކްސް ނެގުމާ ގުޅޭގޮތުން ދެއްކެވި ވާހަކައިގައެވެ.

ސައުދުﷲ ވިދާޅުވީ ޓެކްސް ނެގުމަކީ މައްސަލައެއް ނޫން ކަމަށާއި ޓެކްސް ނަގާ ސަބަބު އާންމު ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ.

ޓެކްސް ނަގަނީ އާންމު ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް ކަން ފާހަގަކުރައްވާ ސައުދު ވަނީ ފައިސާ ނުލިބި ދައުލަތެއް ނުހިންގޭނެ ކަމަށާއި ނަމަވެސް ޓެކްސް ނަގައިގެން ކުރަންޖެހޭ ކަންތައްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރޭތޯ ސުވާލު އުފައްދަވާފައެވެ.

ވޭތުވެދިޔަ ހުރިހާ ސަރުކާރެއްގައިވެސް އަޅުގަނޑަށް ފެންނަނީ ޓެކްސް ފައިސާ ނަހަމަގޮތުގައި ބޭނުންކުރަމުންދާ ތަން. އެއީ ވަރަށް ހިތާމަ ހުރި ކަމެއް. ނަހަމަ ގޮތުގައޭ އަޅުގަނޑު މިދެންނެވީ ވަކި ބަޔަކު ނާޖާއިޒު ފައިދާތަކެއް ޓެކްސް ފައިސާ ބޭނުންކުރުމަކީ އެއީ ރައްޔިތުންނަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް. އެހެންވީމަ އެގޮތަށް ޓެކްސް ފައިސާ ނާގަނަމަ އެއީ ވަރަށް ބޮޑު ގޯހެއް. އަޅުގަނޑުމެން ޓެކްސް ދައްކަމޭ. ނަމަވެސް ވާކަމެއް ނެތްކަމުގެ ވާހަކައަކީ ވަރަށް ގިނަ ރައްޔިތުން މިއަދު ދައްކަމުންދާ ވާހަކައެއް. އަދި މުއައްސަސާތައް ރަނގަޅަށް ފަންގްޝަން ނުވާހާ ހިނދެއްގައެއް ލިބޭނެ ހިތްހަމަޖެހުމެއް ނޯންނާނެ."
ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުދުﷲ އަހުމަދު

އޭސީސީއަށް ލާޒިމްކޮށްފަ އޮންނަ މަސްއޫލިއްޔަތުތައް އަދާނުކުރެވޭކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ މުއައްސަސާތަކަށް ގާބިލް ބޭފުޅުން އައްޔަންކޮށްގެން ނޫނީ ނަތީޖާ ނުނެރެވޭނެ ކަމަށެވެ.

އަދި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އަނބުރާ ދައުލަތަށް ހޯދުމަކީ ރައްޔިތުން ކުރާ އުންމީދެއް ކަމަށާއި ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ބޭނުން ކަމަށްވާނަމަ ކުރަންޖެހޭ ކަމަކީ އޭރަކު އޮންނަ ސަރުކާރަކުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުން ކަމަށްވެސް ސައުދު ވިދާޅުވިއެވެ.

އެކަން ނުކޮށްފިނަމަ ދެން އަންނަ ސަރުކާރަކުންވެސް ކުރާނީ ވައްކަން. ނަމޫނާ ދައްކަން ޖެހޭނެ. ބަޔަކު ވައްކަން ކޮށް އެކަން ސާބިތުވެއްޖެނަމަ އަޅަންޖެހޭ ގާނޫނީ ފިޔަވަޅު އަޅާ އެކަންތައްތައް ތަންފީޒުކޮށްފިނަމަ ދެން އަންނަ ބަޔަކު އެކަމެއް ނުކުރާނެ."
ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުދުﷲ އަހުމަދު

ވައްކަމާ ކޮރަޕްޝަނަކީ ހުއްޓުވޭނެ ކަމެއްނޫންކަން ފާހަގަކުރައްވާ ސައުދު ވިދާޅުވީ ރައްޔިތުންގެ ފައިސާއަށް ޚީޔާނާތްތެރިވެއްޖެ ނަމަ އެކަން ބެލެންޖެހޭނެ ކަމަށެވެ.