ދިވެހި ފުޓުބޯޅައިގެ ރަސްގެފާނުންގެ "ރަސްވާދަ" މެޗުގައި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މައްޗަށް ފަރަގުބޮޑު ނަތީޖާއަކުން ކުރިހޯދާ، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ދިވެހި ފުޓުބޯޅައިގެ އެހެން ކުލަބުތަކަށް، ނިއު އެނބުރި އައި ކަމާއި އެކުލަބަށް ސަމާލުވުމަށް، އަޑުގަދަ ރަނގަބީލެއްގެ އަޑު އިއްވާލައިފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މިމެޗުން ނިއު މޮޅުވީ 1-4 ގެ ނަތީޖާއަކުންނެވެ.

ފާއިތުވީ ތިން އަހަރެއްހާ ދުވަހު ގަލޮޅު ދަނޑުން ނުފެންނަހާ އުފާވެރި މަންޒަރުތަކެއް ފެނިގެންދިޔަ މިމެޗު ބެލުމަށް ދެޓީމުގެ ގިނަ އަދަދެއްގެ ސަޕޯޓަރުންތަކެއް ވަނީ ދަނޑަށް ވަދެފައެވެ. މިއީ ފުރަތަމަ ޑިވިޝަނުންވެސް ފަހުގެ ތާރީހެއްގައި ނުފެންނަހާ އުފާވެރި މަންޒަރެކެވެ. ފާއިތުވީ ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި، ގަދަ ނިދީގައި އޮތް ގަލޮޅު ދަނޑު ހޭލައްވާލީ ދެޓީމުގެ ސަޕޯޓަރުންގެ ބެރާއި ތަރުހީބުގެ އަޑުފަށްގަނޑާއި އެކުއެވެ.

މެޗު ފަށައިގެން މާގިނައިރުތަކެއް ނުވެ ނިއުއިން ވަނީ ލަނޑެއްޖަހާ ލީޑުނަގާފައެވެ. ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަހުމަދު ސުހެއިލް (ބަމްޕުޗު) އެވެ.

އެންމެފަހުން ނިއުއިން ދެވަނަ ޑިވިޝަނުގައި ލޮޒެންޒޯ އާއި ދެކޮޅަށް ކުޅުނު މެޗެކޭ އެއްފަދައިން މިމެޗުގައިވެސް މެދު ތެރެއިން އުޒްބެކިސްތާނު މިޑްފީލްޑަރު ފާރޫކް ހައިދަރޮވް އާއި އިބްރާހިމް ސިނާހް އަދި މުހައްމަދު ލިޔާހުގެ އިތުރުން ބަމްޕުޗުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ހާއްސަކޮށް މި ކުޅުންތެރިންގެ އެހީތެރިކަމާއެކު ޓީމުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިކަން ފާހަގަކޮށްލެވެއެވެ.

މޮޅަށް ކުޅެމުންދިޔަ ނިއުއިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ދެލަނޑު ކާމިޔާބު ކޮށްފައިވެއެވެ. މި ދެލަނޑުގައިވެސް ބަމްޕުޗުގެ ހިއްސާ ބޮޑުއިރު މި ދެލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޓީމުގެ ގާނާ ފޯވާޑް، ކޯފީ އޮވޫސޫ އެވެ.

ނިއުއަށް ދެވަނަ ހާފްގެ ކުރީކޮޅުގައި ހަތަރު ވަނަ ލަނޑެއް ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ. އެގޮތުން ހެޓްރިކް ހަދަން ކޯފީ ފޮނުވާލި ރަނގަޅު ހަމަލާއެއް ގޯލަށް ވަނުމަށް ހުރަހަކަށްވީ ވިކްޓަރީގެ ކީޕަރު ހެބާ އެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ވިކްޓްރީން ވަނީ ކުޅުން ރަނގަޅުކޮށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތްކޮށްފައެވެ. ނަތީޖާއަކަށްވީ މެޗުގެ 76 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ކާމިޔާބު ކުރުމެވެ. ލިބުނު ޕެނަލްޓީއަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލެބަނަންގެ ފޯވާޑް މުހައްމަދު ކުޑޫ އެވެ. އެހެންނަމަވެސް އޭގެ 10 މިނެޓުފަހުން ވިކްޓްރީގެ ހުސެއިން ޝަމީން އަށް ރެފްރީ ދެއްކި ރަތްކާޑާއެކު ގޮންޖެހުންތަކަކާއި ކުރިމަތިވިއެވެ.

ނަތީޖާއަކަށްވީ ނިއުއިން މެޗުގައި އިތުރު ލަނޑެއް ޖަހާ 1-4 އިން ވިކްޓްރީ ބަލިކުރުމެވެ. މިލަނޑު ނިއުއަސް ކާމިޔާބު ކޮށްދިނީ ތޯރިގު ޖެބްރިން އެވެ. ތޯރިގު ވަނީ ލޮރެންޒޯ އާއި ދެކޮޅަށް ނިއުއިން ކުޅުނު މެޗުގައި ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފައެވެ.

ނިއުރޭޑިއަންޓާއި ވިކްޓްރީގެ ކުރިމަތިލުމެއް މީގެކުރިން އެންމެފަހުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެމެޗު 1-3 އިން ކާމިޔާބުކުރީ ނިއުރޭޑިއަންޓެވެ.

މި މޮޅާއެކު ނިއުއިން ވަނީ ދެވަނަ ޑިވިޝަނުގެ ގްރޫޕް ބީގެ އެއްވަނަ މަގާމަށް އަނެއްކާވެސް ޖެހިލާފައެވެ. އެގޮތުން މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް ނިއުއިން ވަނީ 9 ޕޮއިންޓު ހޯދާފައެވެ. ދެވަނައިގައި އޮތް އެލްޓީއަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ވިކްޓަރީ އޮތީ ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.