ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ގަދަބާރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށްފަހު އެ މަގާމުން ސާބިއާގެ މަޔޮޑްރަގް ޖެސިކް އެޓީމާ ވަކިވެ، ސައުދީގެ ކްލަބަކަށް ބަދަލުވެއްޖެއެވެ.

ޖެސިކް މާޒިޔާގެ ކޯޗުކަމާ ހަވާލުވީ މިއަހަރުގެ ފެބްރުއަރީ މަހުގެ ކުރީކޮޅުއެވެ. މާޒިޔާއިން ޖެހިޖެހިގެން ތިން ފަހަރަށް ދިވެހި ލީގުގެ ޓައިޓަލް ހޯދުމުގައި ޖެސިކްގެ ރޭވުންތެރިކަމާއި އޭނާގެ އިރުޝާދު އަދާކުރި ދައުރު ބޮޑެވެ. މާޒިޔާއިން މި ސީޒަނުގެ ދިވެހި ލީގު ކާމިޔާބު ކުރިއިރު އެޓީމަށް ބާކީ ލީގުގައި އަދި ދެ މެޗު އެބައޮތެވެ.

މާޒިޔާއިން ބުނީ ޖެސިކް އޭނާގެ އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ ޓީމާއިއެކު މަޝްވަރާކުރުމަށްފަހު އެއްބަސްވުމަކަށް އައިސްފައި ކަމަށެވެ. ޖެސިކް މިހާރު ސައުދީ އަށް ފުރާފަ ވާއިރު އޭނާ ގުޅޭނީ ސައުދީގެ ފުރަތަމަ ޑިވިޝަނުގެ އަލް ޝޯލާ އެފްސީ އަށެވެ. ޖެސިކް އާއިއެކު އޭނާގެ ފިޓްނަސް ކޯޗު، ގޯރާން ގުޒިޖާން ވެސް ވަނީ ޝޯލާ އަށް ބަދަލުވެފައެވެ. މާޒިޔާ އިންވަނީ މި ދެ ކޯޗުންވެސް އެޓީމަށް ކޮށްދިން ހިދުމަތަށް ޝުކުރު އަދާކޮށްފައެވެ.

ޖެސިކް ހަވާލުވި ފަހުން މާޒިޔާ އިން ދިވެހި ޕްރިމިއާ ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން ބަލިވީ އީގަލްސް އަތުން އެކަންޏެވެ. އެ މެޗުތަކުގައި މާޒިޔާ އިން 76 ގޯލު ޖެހިއިރު، ބައިކޮޅަށް ވަނީ ފަސް ގޯލެވެ. މާޒިޔާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފާއިތުވީ 6 މަސް ދުވަހުގެ ތެރޭގައި ޖެސިކް އާއި ގޯރާންގެ އެހީތެރިކަމާއެކު ޓީމަށް ބޮޑު ކުރިއެރުމެއް އައިސްފަވާކަން ފާހަގަކޮށްފައެވެ.

މިދިޔަ 15 ވަރަކަށް އަހަރަށް ބަލާއިރު، ޖެސިކް ވަނީ އީރާނާއި ޔޫއޭއީ، މޮންޓެނެގްރޯ، ޗައިނާ، ލީބިޔާ، މިޔަންމާ އަދި ސައުދީ އަރަބިއްޔާގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައެވެ. ލީބިޔާގެ އަލް އަހްލީގައި އެންމެފަހުން ހުރި، ޖެސިކް އޭގެ ކުރިން ވަނީ އެ ގައުމުގެ އަލް ތަހަދީ އާއި އަލް އިއްތިހާދުގައި ވެސް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ޖެސިކް ކޯޗިންގ ކެރިއަރު ފެށީ 1997 ވަނަ އަހަރު ސާބިއާގެ ރެޑްނިކީ އިންނެވެ. އޭގެފަހުން ސާބިއާގެ އޯއެފްކޭ ބިއޮގްރަޑާއި ޕާޓީޒަން އަށް ކޯޗުކޮށްދީފައިވެއެވެ. ދެން، ޓިއުނީޝިއާގެ ސީއެސް ސްފަޒިއޭންއާ ހަވާލުވެ، އެއް އަހަރު އެ ޓީމަށް އިރުޝާދުދިނެވެ. ތުރުކީގެ އަލްޓޭއަށް ކުރު މުއްދަތެއްގައި ކޯޗުކޮށްދީ 2002-2004 އަށް ޖެސިކް ފެނުނީ ބަލްގޭރިއާގެ ސްލޯވިއާ ސޯފިއާ އިންނެވެ. ޖެހިގެން އައި އަހަރު އީރާންގެ ޕެގާ ގިލާން އަށް ކޯޗުކޮށްދިނުމަށް ފަހު ދެން ޖެސިކް ފެނުނީ ބަލްގޭރިއާގެ ޗެމްޕިއަން ސީއެސްކޭއޭ ސޯފިއާ އިންނެވެ.

މާޒިޔާއިން، ފުރަތަމަ ޑިވިޝަންގައި 2006 އިން ފެށިގެން ވާދަކުރަން ފެށިފަހުން އެ ޓީމުގައި ޖުމްލަ ހަތް ކޯޗުން ވަނީ އެކި ފަހަރު މަތިން މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހި ހަަތަރު ކޯޗުން ކަމަށްވާ އިސްމާއިލް މަހްފޫޒް (އިންމަ)، އަލީ ސުޒޭން، މުހައްމަދު ނިޒާމް (ނިޒާމްބެ) އަދި މުހައްމަދު ޝިޔާޒް (މޯހަން)ގެ އިތުރުން ބިދޭސީ ކޯޗުން ކަމަށްވާ، މެސެޑޯނިއާގެ މަރުޖާން ސެކުލޮސްކީ، ސާބިއާގެ ރިސްޓޯ ވިޑަކޮވިޗް އަދި ޖެސިކް އެވެ.