"ޑޯ ސްޓެޕް ޕްލަސް"ގެ ނަމުގައި އައު ޚިދުމަތެއް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އިން ތަޢާރަފްކުރުމަށް ނިންމައިފިއެވެ.
ވެމްކޯއިން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކޯޕަރޭޝަނުން ފޯރުކޮށްދެމުންދާ ކުނި އުކާލުމުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ގޭބިސީތައް ރެޖިސްޓަރީ ކުރުމުގެ އުސޫލަށްވަނީ 2021، ސެޕްޓެމްބަރު މަހުން ފެށިގެން ބަދަލުގެނެވިފައި ކަމަށެވެ.
އަދި ގެނެވުނު ބަދަލާއިއެކު، އެހެނިހެން ޔުޓިލިޓީ ޙިދުމަތެކޭ އެއްފަދައިން ކުނި އުކާލުމުގެ ޙިދުމަތަކީ އިމާރާތެއްގެ ވެރިފަރާތުގެ ނަމުގައިވާ ރެޖިސްޓަރ ކުރެވޭ ޚިދުމަތަކަށް ބަދަލުކުރެވިފައިވާ ޚިދުމަތެއް ކަން ވެމްކޯ އިން ފާހަގަކުރެއެވެ.
އެ ކުންފުނިން ގެނައި މިބަދަލާ އެއްގޮތަށް ކުނި އުކާލުމުގެ ޚިދުމަތަށް ރެޖިސްޓަރ ކުރުމަށް ބައެއް ކަސްޓަމަރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހޭކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުންދާތީ އެފަދަ ކަސްޓަމަރުންނަށް ކުނި އުކާލުމުގެ ޚިދުމަތް ފަސޭހައިން ދިނުމުގެ ގޮތުން "ޑޯ ސްޓެޕް ޕްލަސް"ގެ ނަމުގައި އައު ޚިދުމަތެއް ދިނުމަށް ނިންމާފައިވާ ކަމަށްވެސް ވެމްކޯއިން ބުނެއެވެ.
މި ހިދުމަތް ދޭނީ ޑިޕޮސިޓެއް ދެއްކުމަށް ފަހުގައެވެ. އެގޮތުން މި ޚިދުމަތުގައި ރަޖިސްޓްރީ ވުމަށް ރަޖިސްޓްރީކުރަން ބޭނުންވާ މީހާގެ އައިޑީކާޑު ނުވަތަ ޕާސްޕޯޓްއާއި ރަޖިސްޓްރީކުރަން ތިން މަސް ދުވަހުގެ ކުނި އުކާލުމުގެ ހިދުމަތުގެ ފީ (ނޮން ރިފަންޑަބަލް ފީއެއް) ދައްކަން ޖެހެއެވެ. އަދި އިދާރީ ފީއެއްގެ ގޮތުގައި 50 ރުފިޔާ ދައްކަން ޖެހޭނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އިމާރާތުގެ ވެރިފަރާތުން ކުނި އުކާލުމުގެ ހިދުމަތް އަމިއްލަ ނަމަށް ބަދަލުކުރުމަށް އެދިއްޖެ ނަމަ، އެ އިމާރާތުގައި ދިރިއުޅޭ އަމިއްލަ ފަރުދުންގެ އެކައުންޓްތައް ކެންސަލްކުރެވޭނެ ކަން އެ ކުންފުނިން ފާހަގަކުރެއެވެ.