މި އަހަރުގެ ޖޫން މަހު ރާއްޖެއަށް 5.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ބުނެއެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއަހަރުގެ ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު މިދިޔަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 78 އިންސައްތަ ވަނީ އިތުރުވެފައެވެ.
މި އަހަރުގެ ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ, ކުރީއަހަރުގެ ޖޫން މަހާ އަޅާބަލާއިރު 44 އިންސައްތަ އިތުރުވެފައިވެއެވެ. އަދި މިދިޔަ އަހަރުގެ ޖޫން މަހު 274 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 394 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ޖޫން މަހުގެ ފުރަތަމަ 30 ދުވަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީއޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި މެލޭޝިޔާކަމަށް ކަސްޓަމްސުން ބުނެއެވެ.
އެގޮތުން، އޮމާން އިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 636 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ. އެގޮތުން ތައިލެންޑަށް 60 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވެއެވެ.
އަދި ޖަރުމަނު ވިލާތަށް 10 އިންސައްތަ މުދާ، އިނގިރޭސި ވިލާތަށް 8 އިންސައްތަ މުދާ އެކްސްޕޯޓްކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައެވެ.