މިނިވަން ދުވަހާ ގުޅިގެން މާދަމާރޭ މާލޭގައި ހަވާ އަރުވާކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރިނަމަވެސް، ހަވާ އެރުވުމަށް ނިންމާފައި ނުވާކަމަށް ގައުމީ ދިފާއީ ބާރު، އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ބައެއް ނޫސްތަކުން މާދަމާރޭ ޖުމްހޫރީ މައިދާނުގައި ހަވާ އަރުވާ ކަމަށް ރިޕޯޓުކުރަމުން ގެންދާކަން އެ މުއައްސަސާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، މާދަމާރޭ ޖުމްހޫރީ މައިދާނުގައި ހަވާ އަރުވާގޮތަށް އަދި ހަމަ ޖެހިފައި ނުވާކަމަށެވެ. އަދި ހަވާ އަރުވާނަމަ އެމްއެންޑީއެފް އިން އެކަން އިއުލާނުކުރާނެކަމަށް ބުނެފައިވެއެވެ.

މިނިވަންދުވަސް ފާހަގަކުރުމަށް މާލޭގައި އިތުރު ބައެއް ހަރަކާތްތައް ބޭއްވުމަށްވެސް ސަރުކާރުން މީގެކުރިން ނިންމާފައިވީނަމަވެސް، މުޅި ދުނިޔެއަށާއި ރާއްޖެއަށްވެސް ކުރިމަތިވެފައިވާ އިގްތިސާދީ ގޮންޖެހުމުގެ ސަބަބުން މީގެއިން ބައެއް ހަރަކާތްތައް ނުބާއްވާ ގޮތަށް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

އެގޮތުން ތިން އަހަރުގެ މެދުކެނޑުމަކަށްފަހު މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފުޅަނދުބުރެއް ބާއްވަން ކުރި ތާވަލުކޮށްފައި އޮތްނަމަވެސް، ޚަރަދު ކުޑަކުރުމަށްޓަކައި މި ފުޅަނދުބުރު ނުބޭއްވުމަށްވެސް ސަރުކާރުން ނިންމާފަވެއެވެ. އަދި މިނިވަންދުވަހުގެ ރަސްމީ ޖަލްސާވެސް މިއަހަރު ނުބާއްވާނެއެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ރަސްމީކޮށް ކުރިއަށްގެންދާނީ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ރާއްޖޭގެ ދިފާއީ ބާރުން ބާއްވާ ސިފައިންގެ ޕެރޭޑެވެ. މި ޕެރޭޑު ފެށުމަށް ނިންމާފައިވަނީ ސިފައިންގެ ބަންޑާރަ ކޮށިންނެވެ. ބަންޑާރަ ކޮށިން ފެށިގެން އަމީރު އަހުމަދު މަގުން އިރަށް އައިސް، ސޯސަން މަގުން ޕެރޭޑު ދަތުރުކުރާއިރު ދެން ދާނީ މަޖީދީ މަގުންނެވެ. އަދި މަޖީދީ މަގުން ހުޅަނގަށް ޕެރޭޑުގައި ބައިވެރިވާ ސިފައިން ދަތުރުކުރާއިރު ޒުވާނުންގެ މަރުކަޒުކައިރިން ބޮޑުތަކުރުފާނު މަގުން ދެން ބައިވެރިން ދާނީ، އެމަގުން ދެކުނަށެވެ. އެމަގުން އައިސް އަމީނީ މަގުން ދިވެހިރާއްޖޭގެ އަޑު ކައިރިން ރިންގުރޯޑުންގޮސް، ޕެރޭޑު ނިންމާލަން ހަމަޖެހިފައިވަނީ ކަޅުތުއްކަލާ ކޮށްޓާއި ހަމައިންނެވެ.

މިނިވަންދުވަހާއި ގުޅިގެން އަންނަ ސަރުކާރުގެ ރަސްމީ ބަންދު ދުވަސްތަކަށް ބަލާލާއިރު، މި އަހަރުގެ މިނިވަންދުވަހާ ގުޅިގެން، ކުރިންވެސް ހަމަޖައްސަވާފައިވާ ގޮތުގެ މަތިން ސަރުކާރު ބަންދުވާނީ ޖުލައި މަހުގެ 28 ވާ ބުރާސްފަތި ދުވަހުއެވެ. އެހެންކަމުން، މިނިވަންދުވަހާ ގުޅިގެން 26 ޖުލައި ވާ އަންގާރަ ދުވަހުން ފެށިގެން ސަރުކާރު ބަންދުވުމަށްފަހު އޮފީސްތައް ދެން ހުޅުވޭނީ ޖުލައި މަހުގެ 31 ވާ އާދީއްތަ ދުވަހުއެވެ.

ޖުލައި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ސަރުކާރު ބަންދުކުރައްވާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.